އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޭކް ސަލިވަން ޗައިނާއަށް ކުރައްވާ ތިން ދުވަހުގެ ރަސްމީ ދަތުރުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރައްވައިފިއެވެ.
ކުރިން އިއުލާން ނުކުރައްވާ ޗައިނާއަށް ކުރައްވާ ޒިޔާރަތުގައި ޝީއާ ބައްދަލުކުރެއްވުމަށް ފަހު ބުރާސްފަތި ދުވަހުގެ ރޭ ޖޭކް ވިދާޅުވީ ދެކުނު ޗައިނާ ކަނޑާ ބެހޭ އެއްވެސް މަޝްވަރާއެއް ނުކުރައްވާ ކަމަށެވެ.
"އިގުތިސާދީ ސަލާމަތްތެރިކަމާއި ވިޔަފާރީގެ މައްސަލަތަކުގައި ދެ ގައުމުން ގޮތްދޫކުރުމުގެ އުސޫލެއް ގެންގުޅުނިން،" ޖޭކް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަންނަ ނޮވެމްބަރު މަހު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބާ ގުޅޭ އެއްވެސް ވާހަކައެއް ވެސް ނުދައްކަވާ ކަމަށެވެ.
ބުރާސްފަތި ދުވަހު މެންދުރު ފަހު ޝީއާ ބައްދަލުކުރެއްވީ ޗައިނާގެ ހާރިޖީ ވަޒީރު ވަންގް ޔީގެ އިތުރުން ކޮމިއުނިސްޓް ޕާޓީގެ އިސް އޮފިޝަލުންނާ އެތައް ދުވަހަކު މަޝްވަރާކުރެއްވުމަށް ފަހުއެވެ.
ދުނިޔޭގެ ބޮޑު ދެ އިގުތިސާދުގެ ގޮތުން އެމެރިކާ މިހާރުވެފައިވަނީ ޗައިނާއާ ވަރަށް ބޮޑަށް ވާދަކުރާ ގައުމަކަށެވެ.
"އުއްމީދުކުރަނީ ޗައިނާގެ ކުރިއެރުމާއި ތަރައްގީ އެމެރިކާއިން ބަލައިގަންނާނެ ކަމަށް. އަދި ދެ ގައުމުގެ ރަހްމަތްތެރިކަން ކުރިއަށްގެންދެވޭނެ ގޮތްތައް ދެނެގަންނަން އެމެރިކާއިން މަސައްކަތްކުރާނެ ކަމަށް،" ޝީ ވިދާޅުވި ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކުރިއެވެ.
ދުނިޔޭގެ ތާރީހާއި މީސްތަކުންނާއި އަދި ގައުމުތަކަށް "ޒިންމަދާރުވާންޖެހޭ" ކަމަށާއި ދުނިޔޭގެ ސުލްހައަށާއި އެއްބައެއްވަންތަކަމުގެ ގުޅުމަކާއެކު ތަރައްގީގެ މަގުގައި ކުރިއަށްދާންޖެހޭކަމަށް ޝީ ވިދާޅުވި ކަމަށް ވެސްވެއެވެ.
ޗައިނާއާ މައްސަލަ ނުޖެހި ދެ ގައުމުގެ އެކުވެރިކަން ކުރިއަށްގެންދެވޭނީ ކިހިނެތްތޯއާމެދު ޝީއާ މަޝްވަރާ ކުރެއްވުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ކުރިއަށް އޮތް ހަފުތާތަކުގައި މަސައްކަތްކުރައްވާނެ ކަމަށް ޖޭކް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ކުރިން ބައިޑަން އާއި ޝީ ސީދާ ބައްދަލުނުކުރެއްވި ނަމަވެސް ދެ ބޭފުޅުންގެ ދެމެދުގައި ފޯން ކޯލެއް ހަމަޖެއްސުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްއިން ބުނީ ޖޭކް އާއި ޝީގެ މަޝްވަރާތަކުގައި ރަޝިއާއިން ޔޫކްރެއިން ހިފުމަށް މަސައްކަތްކުރަމުންދާ ހަނގުރާމަ އާއި ޑްރަގް ވިޔަފާރިއާ ދެކޮޅަށް އަޅާ ފިޔަވަޅުތަކާއި ދެ ގައުމުގެ ދެމެދުގައިވާ އަސްކަރީ މުވާސަލާތުގެ ކަންތަކާއި އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި)ގެ ރައްކާތެރިކަމާއި ނުރައްކާތެރިކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށެވެ.



advertisment