އިންޑޮނޭޝިއާގެ ކޯރެއްގައި ފެންވެރި އަންހެނަކަށް ކިނބުލެއް ހަމަލާ ދީ އޭނާ މަރައިލައިފިއެވެ.
ފުލުހުން ބުނީ އެ ކިނބޫ ފަހުން މަރައިލައި އޭގެ ބަނޑު ފަޅައިލުމުން އަންހެން މީހާގެ ގުނަންތައް ފެނިފައިވާ ކަމަށެވެ.
އިންޑޮނޭޝިއާގައި އެތައް ބާވަތުގެ ކިނބުލެއް އުޅެއެވެ. މީހުންނަށް ހަމަލާ ދީ މަރައިލުމަކީ އާއްމު ކަމެކެވެ.
އުމުރުން 54 އަހަރުގެ ހަލީމާ ރަހަކްބައު، މަލުކު ޖަޒީރާގައި އިއްޔެ މަރައިލީ ފެންވަރައި ނިމިގެން ކެއުމަށްޓަކައި ރިނދަލި ނަގަމުންދަނިކޮށެވެ. އެއީ ވާލީ ވިލެޖްގައި އޮތް ކޯރެއްގައެވެ.
އޭނާގެ އަވަށްޓެރިޔާ ރުސްތުމް އިލްޔާސް ބުނީ ހަލީމާގެ ތިމާގެމީހުންނާއި ރަހްމަތްތެރިން އޭނާ ހޯދަން ނުކުތީ ގެއަށް ނައިސް ލަސްވުމުން ކަމަށެވެ.
ވިލެޖްގައި ދިރިއުޅޭ މީހުންނަށް ފެނުނީ ހަލީމާގެ އެއް ފައިވާންކިބަ އާއި ގުނަވަނެކެވެ. އެއީ ކޯރުގެ ތެރެއިންނެވެ. އެ މީހުން ވަގުތުން ފުލުހުންނަށް ގުޅިއެވެ. އަދި ފުލުހުން އައިސް އެ ކިނބޫ މަރައިލިއެވެ.
"ހަލީމާގެ ގުނަންތައް ހޯދުމަށް ކިނބުލުގެ ބަނޑު ފަޅައިލީ ވިލެޖް މީހުން،" ފުލުހަކު ބުންޏެވެ.
"ވަރަށް ބޮޑު ކިނބުލެއް އެއީ. އޭގެ ދިގުމިނުގައި 12 ފޫޓު ހުރި،" ރުސްތުމް ބުންޏެވެ.
އިންޑޮނޭޝިއާގެ ސުމަތުރާ ޖަޒީރާގެ ކޯރެއްގައި މިދިޔަ އާދީއްތަ ދުވަހު ވަނީ އުމުރުން 63 އަހަރުގެ މީހަކަށް ކިނބުލެއް ހަމަލާ ދީ މަރައިލައިފައެވެ.
އޭގެ ކުރިން 2018 ގައި އިންޑޮނޭޝިއާގެ ޕެޕުއަ ސަރަހައްދުގައި މީހަކަށް ކިނބުލެއް ހަމަލާ ދީ އޭނާ މަރައިލުމުން އެ ކަމުގެ ބަދަލަހިފުމެއްގެ ގޮތުން ވިލެޖް މީހުން ވަނީ 300 އެއްހާ ކިނބޫ މަރައިލައިފައެވެ.
ކޮއްޓެއްގައި ގެންގުޅުނު ކިނބުލެއް ވަނީ 2019 ގައި ސައިންސްވެރިޔަކު މަރައިލައިފައެވެ. އެއީ އިންޑޮނޭޝިއާގެ ސުލަވެސި ޖަޒީރާގައެވެ.



advertisment