Support Us

އެމެރިކާގެ ހާރިޖީ ވަޒީރު އެންޓަނީ ބްލިންކެން (ވ) އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫއާ ބައްދަލުކުރައްވަނީ

އެމެރިކާގެ ސުލްހައިގެ މަގުޗާޓަށް އިސްރާއީލުން އެންމެ ފަހުން އެއްބަސްވެއްޖެ

ޣައްޒާ ހަނގުރާމަ ހުއްޓައިލުމަށް އެމެރިކާއިން ހުށަހަޅައިފައިވާ މަގުޗާޓަށް އިސްރާއީލުން އެންމެ ފަހުން އެއްބަސްވެއްޖެއެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު އެންޓަނީ ބްލިންކެން އިއްޔެ އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫއާ ވަނީ ބައްދަލުކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި ނަތަންޔާހޫ ބުނީ އިސްރާއީލުން ފަލަސްތީނުގެ ހަނގުރާމަވެރިން ދޫކޮށްލުމާއި ހަމާސްއިން ޔަހޫދީ ރަހީނުން ދޫކޮށްލުމުގެ ޕްލޭނަށް އެއްބަސްކަމަށެވެ.

"އެމެރިކާއިން މިހާރު ހުށަހަޅައިފައިވާ އެއްބަސްވުމުގައި އިސްރާއީލުގެ ސަލާމަތީ ކަންތައްތައް ޔަގީންކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވޭ،" ނަތަންޔާހޫގެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އިސްރާއީލުގެ ވެރިރަށް ޓެލް އަވީވްގައި ހުންނަވައިގެން ބްލިންކެން ވަނީ އެމެރިކާގެ ހުށަހެޅުން ބަލައިގަތުމަށް ހަމާސްއަށް ވެސް ގޮވައިލައްވައިފައެވެ.

"ދެން އޮތް އެންމެ މުހިންމު ފިޔަވަޅަކީ ހަމާސްއިން ވެސް 'އާނ' ބަސް ބުނުން. ދެން އަންނަ ދުވަސްތަކުގައި ދެ ފަރާތުގެ މަންދޫބުން ބައްދަލުކޮށް، ސުލްހައިގެ މަޝްރޫއުގައި ފާހަގަކޮށްފައިވާ ކަންތައްތައް އޮޅުން ނަރާނޭ ގޮތުގެ މަތިން ތަންފީޒު ކުރާނޭ އުސޫލުތަކާބެހޭ ގޮތުން ވާހަކަ ދެއްކިދާނެ،" ބްލިންކެން ވިދާޅުވިއެވެ.

އޭނާ ނަތަންޔާހޫއާ ބައްދަލުކުރެއްވީ އެމެރިކާގެ ސުލްހައިގެ ޕްލޭންގައި ނަތަންޔާހޫ ބޭނުންވާ ކަންތައްތައް ނޫން އެހެން އެއްޗެއް ނެތް ކަމަށް ހަމާސްއިން ބުނިތާ މަދު ގަޑިއިރެއްގެ ތެރޭގައެވެ. ވޭތުވެދިޔަ 10 މަސް ތެރޭގައި ދޭތެރެއަކުން އިސްރާއީލާއި ހަމާސްގެ ދެމެދުގައި ބާއްވާ ވާހަކަތައް ފޭލިވެފައިވަނީ އަސްކަރީ އަދި ސިޔާސީ ބާރެއްގެ ގޮތުގައި ހަމާސް އޮތްއޮތުން ނައްތައިލަން އިސްރާއީލުން ގޮވައިލުމުގެ އިތުރުން ހަނގުރާމަ ވަގުތީ ގޮތުން ހުއްޓައިލުމުގެ ބަދަލުގައި ދާއިމީކޮށް ހުއްޓައިލަން ހަމާސްއިން އެދޭތީއެވެ.

ދެ ފަރާތުގެ ދެމެދުގައި ދެން އޮތް މައިގަނޑު މައްސަލައަކީ ޣައްޒާ އާއި މިސްރުގެ ބޯޑަރު ކައިރީގައި އިސްރާއީލު ސިފައިން ބައިތިއްބަން އިސްރާއީލުން ބޭނުންވުމެވެ. ހަމާސްއިން މި ކަމާ ވަނީ ދެކޮޅު ހަދައިފައެވެ. ނަމަވެސް އިސްރާއީލުން ބުނަނީ ހަމާސްގެ ބޭނުމަށް ހަތިޔާރު ޣައްޒާއަށް ވަގަށް އެތެރެކޮށްފާނެތީ އެކަން ހުއްޓުވަން އިސްރާއީލު ސިފައިން ޣައްޒާ އާއި މިސްރުގެ ބޯޑަރުގައި ބައިތިއްބަން ބޭނުން ކަމަށެވެ. ޣައްޒާ އާއި މިސްރުގެ ބޯޑަރުގައި އިސްރާއީލު ސިފައިން ބައިތިއްބަން އިސްރާއީލުން ބޭނުންވުމަކީ އެމެރިކާއިން މިދިޔަ މެއި މަހު ހުށަހެޅި ސުލްހައިގެ އެއްބަސްވުމުގައި ހިމެނޭ ކަމެއް ނޫނެވެ.

ބްލިންކެން މިހާރު ހުންނެވީ ގޮތްދޫކުރައްވާ ގޮތަކަށް ނޫނެވެ.

"މިއީ މިހާރު ވެސް ސީރިއަސް މައްސަލަތަކެއް. ދެ ފަރާތުގެ ވެރިން ވެސް ދަތިއުނދަގޫ ނިންމުންތަކެއް ނިންމަން ޖެހޭނެ. މި ސަރަހައްދުގެ ކަންތައްތައް ހަމައަކަށްއަޅުވަން މައްސަލަތައް ހައްލުކުރުން އަވަސްކުރަންޖެހޭ،" ބްލިންކެން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް