ގްރިލްކޮށްފައި އަދި ރޯސްޓްކޮށްފައި ހުރި ވެންމަސް ކައިގެން ޖަޕާނުގައި އެކަކު މަރުވެ، 147 މީހުން ކާނާ ވިހަ ވެއްޖެއެވެ.
މަރުވީ އުމުރުން 90 ގެ އަހަރުތަކުގެ އަންހެނެއް ކަމަށް ވާއިރު، ކާނާ ވިހަ ވި ދެ މީހަކު ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހުނެވެ.
ވެންމަސް ތައްޔާރުކުރީ ވެރިރަށް ޓޯކިޔޯގައި ހުންނަ ނިއޮންބެޝި އިސެސަޑާ ރެސްޓޯރަންޓު ޗޭނުންނެވެ. އަދި ބާޒާރަށް ނެރުނީ ޓޯކިޔޯ ކައިރީގައި ޔޯކަހަމަ ސިޓީގައި ހުރި ކައިކިޔައު ނަމަކަށް ކިޔާ ޑިޕާޓްމަންޓް ސްޓޯރަކުންނެވެ.
އެ ތަނުން ބުނީ ވެންމަސް ވިއްކީ އެ ތަނުގެ ގްރޯސަރީ ވިއްކާ ބައިގައި ކަމަށާއި ކާނާ ވިހަ ވި ކަސްޓަމަރުން ޝަކުވާ ކުރީ ހޮޑުލެވި، ބޭރަށްހިންގި ކަމަށް ބުނެ ކަމަށެވެ.
ރަބީއު މޫސުމުގެ ހޫނު ދުވަސްތަކުގައި ފަރުވާއެއްގެ ގޮތުގައި ވެންމަސް ކެއުމަކީ ޖަޕާން މީހުންގެ ތެރޭގައި އޮންނަ ޒަމާން ވީ ސަގާފަތެކެވެ.
މުސްކުޅި އަންހެން މީހާ މަރުވި އަސްލު ސަބަބަކީ ވެންމަސް ކެއުންތޯ ކަށަވަރު ކުރުމަށް މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށް ޔޯކަހަމަ ސިޓީގެ ސިއްހީ މަރުކަޒުން ބުންޏެވެ.
"ވިހަ ވި މީހުންގެ ފަރާތުން އެހާ ސީރިއަސް ސިއްހީ މައްސަލަތަކެއް ނުފެނޭ،" އެ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވިއެވެ.
ވެންމަސް ވިއްކީ ބަތާއެކު ޕާސަލްގެ ގޮތުގައެވެ.
"ގްރިލް ކުރި އަދި ރޯސްޓްކުރި ވެން މަހުގެ 1،700 ޕާސަލް ވިކުނު،" ކައިކިޔައުގެ އޮފިޝަލަކު ވިދާޅުވިއެވެ.
ސިއްހީ މަރުކަޒުން ބުނީ ކާނާ ވިހަ ވި މީހުންގެ ބޮޑުކަމުދާ ނަޖިސްގެ ސާމްޕަލް ތަހުލީލު ކުރުމުން "ސްޓެފިލޮކޮކަސް އޯރިއަސް" ބެކްޓީރިއާ ފެނިފައިވާ ކަމަށެވެ. މިއީ ހޮޑުލުމާއި ބޭރަށްހިންގުން ޖައްސާ ބެކްޓީރިއާއެކެވެ.
ކައިކިޔައު އާއި އިސެސަޑައިން ވަނީ ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފައެވެ. އަދި ބުނެފައިވަނީ މައްސަލަ ތަހުގީގު ކުރުމަށާއި އެހެނިހެން ކަންތައްތަކުގައި ރަސްމީ އިދާރާތަކަށް އެއްބާރުލުން ދޭނެ ކަމަށެވެ.
ވެން މަސް ގްރިލް ކުރިއިރާއި ރޯސްޓް ކުރިއިރު ރެސްޓޯރަންޓްގެ ބައެއް ކައްކާއިން ތިބީ އަންގި ނުލައްވާ ކަމަށް ޓީވީން ދެއްކި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިސެސަޑަގެ އެގްޒެކެޓިވް ސޮއިޗިރޮ ޓޯމީޓަ ވިދާޅުވިއެވެ.
ޑިޕާޓްމަންޓް ސްޓޯރުގައި ގްރޯސަރީ ހުންނަ ފަންގިފިލާ އާއި ރެސްޓޯރަންޓް ހުންނަ ފަންގިފިލާ ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށް ސިއްހީ މަރުކަޒުން ބުންޏެވެ. އެއީ މައްސަލަ ތަހުގީގު ކުރުމަށެވެ.



advertisment