Support Us

ޝަރަފުވެރިކަމުގެ ގައުމީ އިނާމާއެކު މައްލާ ގެއަށް ވަޑައިގަތުމުން އާއިލާގެ ފަރާތުން އިންތިޒާމްކުރި "ސަޕްރައިޒް"ގެ ތެރެއިން... -އަދިވެސް ފޮޓޯ

މަޝްހޫރު ރެފްރީ މައްލާ އަވަހާރަވެއްޖެ

13:30

ކުޅިވަރުގެ ދަނޑުގައި ބައިގަރުނަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ކުރީގެ މަޝްހޫރު ފީފާ ރެފްރީ މައްލާ ޅަތުއްތު ދާދި ދެންމެއަކު އަވަހާރަވެއްޖެއެވެ. އުމުރުން 76 އަހަރުގައި މައްލާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، ޓްރިވެންޑްރަމްގެ ކިމްސް ހޮސްޕިޓަލްގައެވެ.

މައްލާ އަވަހާރަވިއިރު އަނބިކަނބަލަކާއި ހަތް (އޭގެ ތެރޭގައި ހަތަރު އަންހެން) ބޭފުޅުން އެބަތިއްބެވިއެވެ.

ކެންސަރު ބައްޔަށް މައްލާ ފަރުވާ ހޯއްދަވާތާ ދެ އަހަރެއްހާ ދުވަސް ވަނީ ވެފައެވެ. މީގެ ކުރިން ވެސް ދެތިން ފަހަރަކު އިންޑިއާގައި ފަރުވާ ހޯއްދެވި މައްލާ މި ފަހަރު އިންޑިއާ އަށް ވަޑައިގަތީ މި މަހު 11 ގައެވެ.

"ވަރަށް ރަނގަޅަށް އިއްޔެއާ ހަމައަށް ވެސް ޅަހުއްތު އުޅުއްވީ. ރޭގައި ކުއްލިއަކަށް ސީރިއަސްވެގެން އައި.ސީ.ޔޫ އަށް ގެންގޮސް ވެންޓިލޭޓަރަށް ލައިފައި ޑޮކްޓަރުން އުންމީދު ކަނޑާލީ،" މައްލާގެ އާއިލާގެ މީހަކު މިއަދު ބުންޏެވެ. "ޅަހުއްތުގެ ހަގު ދެބެން ވެސް މިއަދު ހެނދުނު މިކޮޅަށް އަތުވެއްޖެ. ބައެއް ކުދިން މިއަދު ވެސް އެބަ އާދޭ."

މައްލާގެ ޖަނާޒާ އޮންނާނެ ކަމަށް ބެލެވެނީ ޓްރިވެންޑްރަމްގައި މާދަމާގެ ވަގުތެއްގައެވެ. އެއީ މެލޭޝިއާގައި ތިއްބެވި އާއިލާގެ ބައެއް ބޭފުޅުން ވަޑައިގަންނަވަންދެނެވެ.

މައްލާއަކީ ދިވެހި ފުޓުބޯޅައިގެ ބްރޭންޑް ނަމެކެވެ. ދިވެހިރާއްޖޭގައި ފުޓުބޯޅަ ރެފްރީކަން، އެންމެ މަތީ ފަންތީގައި، ދިގު މުއްދަތެއްގައި ކުރައްވައި، ވަކިން ޚާއްސަކޮށް ފުޓުބޯޅަ ރެފްރީން އުފައްދަވައި ތަމްރީނުކުރެއްވުމަށް މައްލާ ކުރައްވައިފައި ވަނީ ގިނަގުނަ އަދި ބުރަ މަސައްކަތްޕުޅެކެވެ. ސްކޫލް ދައުރުއްސުރެ ފުޓުބޯޅަ ކުޅުއްވަމުން، 1969 ވަނަ އަހަރުން ފެށިގެން މާލޭ ޓެނިސް ކްލަބަށާއި އަދި ފަހުން މޫންސްޓާސް ކްލަބަށް، ފުލްބެކުގެ މަގާމުގައި ގައުމީ ފުޓުބޯޅަ މުބާރާތްތަކުގައި މައްލާ ވާދަކުރެއްވިއެވެ. އަދި ފުޓުބޯޅަ ކުޅުއްވަމުން ރެފްރީއެއްގެ ގޮތުގައި 1969 ވަނަ އަހަރުން ފެށިގެން މައްލާ ދަނޑަށް ނުކުންނަވަން ފެއްޓެވިއެވެ. އެއަށްފަހު މައްލާ ވަނީ 1968 އިން ފެށިގެން 1995 އަށް، މެދުނުކެނޑި 27 އަހަރު ރާއްޖޭގެ ހުރިހައި ޑިވިޝަނެއްގެ ފުޓުބޯޅަ މުބާރާތެއްގައި ރެފްރީކަންކުރައްވައިފައެވެ.

ބައިނަލްއަގުވާމީ ފުޓުބޯޅަ ރެފްރީކަން ނުވަތަ ފީފާ ބެޖު ލިބިވަޑައިގެންނެވި އެންމެ ފުރަތަމަ ދިވެހި ރެފްރީގެ ޝަރަފުގެ އިތުރުން ފީފާގެ ބެޖު ޖަހައިގެން ރާއްޖޭގައި އެންމެ ފުރަތަމަ ރެފްރީކަންކުރުމުގެ ޝަރަފު ވެސް 1990 ގައި މައްލާއަށް ލިބިވަޑައިގެންފައިވެއެވެ.

ކުޅިވަރުގެ ދަނޑުގައި މައްލާ ވަނީ 52 އަހަރު ހިދުމަތް ކުރައްވައިފައެވެ. އޭނާގެ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ސަރުކާރުން ވަނީ ގިނަ އިނާމުތަކަކާއި މެޑަލްތަކެއް ދެއްވައިފައެވެ.

ސްކޫލްގައި އުޅުއްވަމުން، 1969 ވަނަ އަހަރުން ފެށިގެން ކުޅިވަރު ދަނޑަށް ނުކުންނެވި މައްލާއަށް އެންމެ ފުރަތަމަ ލިބިވަޑައިގަތީ ކުޅިވަރަށް ހިދުމަތްކުރުމުގެ ހިތްވަރުދިނުމުގެ އިނާމެވެ. އެއީ 1990 ގައެވެ. އޭގެ ފަހުން އެފް.އޭ.އެމްގެ ރައީސްގެ "ޕްރެޒިޑެންޝަލް އެވޯޑް" 2018 ގައި މައްލާއަށް ލިބިވަޑައިގެންފައިވެއެވެ. މީގެ އިތުރުން "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް"ގެ "ލައިފްޓައިމް އެޗީވްމަންޓް އެވޯޑް" އާއި ކުޅިވަރަށް ހިދުމަތްކުރުމުގެ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި 43 އަހަރު ދިވެހި ދައުލަތަށް ހިދުމަތް ކުރެއްވުމުން ލިބިވަޑައިގެންނެވި "ދައުލަތުގެ ޝަރަފު" އެވޯޑް ފާހަގަކުރެވެއެވެ. މި ފަސް އެވޯޑާއެކު، ގައުމީ ފެންވަރުގައި ދޭ ހުރިހައި އެވޯޑެއް ލިބިވަޑައިގެން، ދިވެހި ތާރީހުން މައްލާ ޖާގަ ހޯއްދަވައިފައި ވަނީ ގައުމީ ފެންވަރުގެ ހުރިހައި އެވޯޑެއް ހާސިލްކުރެއްވި ފުރަތަމަ ޝަހުސިއްޔަތަށެވެ.

ކުޅިވަރަށް ހިދުމަތްކުރުމުގެ ޝަރަފުވެރިކަމުގެ ގައުމީ އިނާމު މައްލާ ޅަތުއްތުއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ދެއްވަނީ

މައްލާގެ އިނާމު/ މެޑަލް ހަރުގަނޑު

  • 1990- ކުޅިވަރަށް ޚިދުމަތްކުރުމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ ޢިނާމު
  • 2018- އެފް.އޭ.އެމްގެ "ޕްރެޒިޑެންޝަލް އެވޯޑް"
  • 2022- ކުޅިވަރަށް ޚިދުމަތްކުރުމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ ޢިނާމު
  • 2023- ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ ޢިނާމު
  • 2023- ލައިފްޓައިމް އެޗީވްމަންޓް އެވޯޑް/ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް

މައްލާ: ކުޅިވަރުގެ ދަނޑުގައި ބައިގަރުނަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި، ފަނޑުވުމެއް ނެތް ނަމެއް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *