Support Us

"ލައިފްޓައިމް އެޗީވްމަންޓް އެވޯޑް" ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުން މައްލާއަށް ދެއްވަނީ، ދެން އެވޯޑާއި ކޭކާއެކު މައްލާ ގޭގައި

މައްލާ: ކުޅިވަރުގެ ދަނޑުގައި ބައިގަރުނަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި، ފަނޑުވުމެއް ނެތް ނަމެއް

ކުޅިވަރުގެ ދަނޑުގައި ބައިގަރުނަށްވުރެ ގިނަ ދުވަހު އޭނާ މަސައްކަތް ކުރެއްވިއެވެ. ވަރުބަލިވުމެއް ނެތި އެވެ. އޭނާ އަށް ތައުރީފު އޮހުނެވެ. މަދު ބަޔަކު ނަމަވެސް، ފުރައްސާރަވެސް ކުރިއެވެ. ނަމަވެސް އޭނާގެ ދުވެލި މަޑެއް ނުކުރެވުނެވެ.

ކުރީގެ މަޝްހޫރު ފީފާ ރެފްރީ މައްލާ ޅަތުއްތު، އުމުރުން 76 އަހަރުގައި މިއަދު މި ދުނިޔެއާ ވަކިވެވަޑައިގަތުން ވެގެންދިޔައީ، އޭނާގެ އާއިލާ އާއި ގާތް ރައްޓެހިންގެ އިތުރުން، ދިވެހި ކުޅިވަރަށް ލޯބިކުރާ އެންމެންނަށް ވެސް ލިބުނު ނުހަނު ފުން ހިތާމައަކަށެވެ.

ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، ޓްރިވެންޑްރަމްގެ ކިމްސް ހޮސްޕިޓަލްގައި މައްލާ އަވަހާރަވިއިރު، އަނބިކަނބަލަކާއި ހަތް (އޭގެ ތެރޭގައި ހަތަރު އަންހެން) ބޭފުޅުން އެބަތިއްބެވިއެވެ.

ކެންސަރު ބައްޔަށް މައްލާ ފަރުވާ ހޯއްދަވާތާ ދެ އަހަރެއްހާ ދުވަސް ވަނީ ވެފައެވެ. މީގެ ކުރިން ވެސް ދެތިން ފަހަރަކު އިންޑިއާގައި ފަރުވާ ހޯއްދެވި މައްލާ، މި ފަހަރު އިންޑިއާ އަށް ވަޑައިގަތީ މި މަހު 11 ގައެވެ.

"ވަރަށް ރަނގަޅަށް އިއްޔެއާ ހަމައަށް ވެސް ޅަހުއްތު އުޅުއްވީ. ރޭގައި ކުއްލިއަކަށް ސީރިއަސްވެގެން އައި.ސީ.ޔޫ އަށް ގެންގޮސް ވެންޓިލޭޓަރަށް ލައިފައި ޑޮކްޓަރުން އުންމީދު ކަނޑާލީ،" މައްލާގެ އާއިލާގެ މީހަކު މިއަދު ބުންޏެވެ.

ކުޅިވަރަށް ހިދުމަތްކުރުމުގެ ޝަރަފުވެރިކަމުގެ ގައުމީ އިނާމު މައްލާ ޅަތުއްތުއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ދެއްވަނީ

ގައުމީ ހުރިހައި އެވޯޑަކާއި ޝަރަފެއް ހޯއްދެވި

ސްކޫލްގައި އުޅުއްވަމުން، 1969 ވަނަ އަހަރުން ފެށިގެން ކުޅިވަރު ދަނޑަށް ނުކުންނެވި މައްލާ ވަނީ 52 އަހަރު ދުވަހު ދިވެހި ކުޅިވަރަށް ހިދުމަތް ކުރައްވައިފައެވެ. އޭނާގެ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ސަރުކާރުން ވަނީ ގިނަ އިނާމުތަކަކާއި މެޑަލްތަކެއް ދެއްވައިފައެވެ.

މައްލާއަށް އެންމެ ފުރަތަމަ ލިބިވަޑައިގަތީ ކުޅިވަރަށް ހިދުމަތްކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމެވެ. އެއީ 1990 ގައެވެ. އޭގެ ފަހުން އެފް.އޭ.އެމްގެ ރައީސްގެ "ޕްރެޒިޑެންޝަލް އެވޯޑް" 2018 ގައި މައްލާއަށް ލިބިވަޑައިގެންފައިވެއެވެ. އޭގެ ފަހުން ކުޅިވަރަށް ހިދުމަތްކުރުމުގެ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި 43 އަހަރު ދިވެހި ދައުލަތަށް ހިދުމަތް ކުރެއްވުމުން ލިބިވަޑައިގެންނެވި "ދައުލަތުގެ ޝަރަފު" އެވޯޑް ފާހަގަކުރެވެއެވެ. މީގެ އިތުރުން "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް"ގެ "ލައިފްޓައިމް އެޗީވްމަންޓް އެވޯޑް" ވެސް މައްލާއަށް ވަނީ ލިބިވަޑައިގެންފައެވެ. މި ފަސް އެވޯޑާއެކު ދިވެހި ތާރީހުން މައްލާ ޖާގަ ހޯއްދަވައިފައި ވަނީ ގައުމީ ފެންވަރުގެ ހުރިހައި އެވޯޑެއް ހާސިލްކުރެއްވި ފުރަތަމަ ޝަހުސިއްޔަތަށެވެ.

މައްލާގެ އިނާމު/ މެޑަލް ހަރުގަނޑު

  • 1990- ކުޅިވަރަށް ޚިދުމަތްކުރުމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ ޢިނާމު
  • 2018- އެފް.އޭ.އެމްގެ "ޕްރެޒިޑެންޝަލް އެވޯޑް"
  • 2022- ކުޅިވަރަށް ޚިދުމަތްކުރުމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ ޢިނާމު
  • 2023- ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ ޢިނާމު
  • 2023- ލައިފްޓައިމް އެޗީވްމަންޓް އެވޯޑް/ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް
"ލައިފްޓައިމް އެޗީވްމަންޓް އެވޯޑް" ހިއްޕަވައިގެން މައްލާ ދަރިކަނބަލުންނާއެކު

"އަޅުގަނޑު ވަރަށް އުފާވެއްޖެ އަޅުގަނޑުގެ ހިދުމަތުގެ އަގު ސަރުކާރުން މިހާ ބޮޑަށް ވަޒަންކުރެއްވީމާ. ކުޅިވަރުގައިވެސް ލައްކަ ދުވަހު އުޅެވިއްޖެ. ކުޅިވަރު ކުޅެވިއްޖެ. ކުޅިވަރަށް އެހީތެރިވެވިއްޖެ. ކުޅިވަރުގެ ވަރަށް ގިނަ ބަޔަކު އުފެއްދިއްޖެ. އަދިވެސް އުފެއްދުމުގެ މައިދާނުގައި މި އުޅެނީ ވެސް. ސަރުކާރަށް ވެސް ލައްކަ ދުވަހު ހިދުމަތް ކުރިން. އެ ހުރިހާ ހިދުމަތެއްގެ އަގު ސަރުކާރުން މިހާ ފުރިހަމައަށް ވަޒަންކުރެއްވީމާ އަޅުގަނޑު ވަރަށް އުފާވޭ. ހިތަށްވެސް ނާރާ މިހެން ވާނެ ކަމަކަށް. ހީވަނީ އަޅުގަނޑު ކަހަލަ މީހަކަށް މި ވަރު ދެން އެންމެ ރަނގަޅުހެން. މޯދެން އިނަފް،" މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިވަޑައިގެންނެވި ރޭ "އަދިވެސް" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި، 18 މާޗް 2023 ގައި މައްލާ ވިދާޅުވެފައިވެއެވެ. "މި ކަމުގައި އަޅުގަނޑަށް އެހީތެރިވެދެއްވި ހުރިހައި ބޭފުޅުންނަށް ފަށްފަށުން ޝުކުރު ދަންނަވަން. އަޅުގަނޑުގެ މި ކާމިޔާބީތަކުގެ ލިސްޓުގެ އެންމެ ކުރިއަށް އަޅުގަނޑު ލާނީ އަލްމަރުހޫމު މުހައްމަދު ޒާހިރު ނަސީރާއި އަލްމަރުހޫމު އުމަރު ޒާހިރު. ދެ ވަނަ އަށް ފުޓްބޯލް އެސޯސިއޭޝަންގެ ރައީސް ބައްސާމް. ދެން އަޅުގަނޑުގެ އަނބިދަރީންނާއި ރައްޓެހިންނާއި ރެފްރީން އަދި ސަރުކާރު"

އެންމެ ފުރަތަމަ ރެފްރީ ކޯސް ހެދި ބެޗު (1966 ހިސާބުގައި): ކޮޅަށް ފަހަތުގައި (ކ-ވ) މަރުހޫމު މަންދު އަބްދުﷲ ވަހީދު، މައްލާ، މަރުހޫމު އަލީ އާދަމް މަނިކު (ސުމާޓު އަލިބެ)، އަބްދުލްލަތީފު (ބޯފުޅު)، ހައްތި އަހުމަދު މަނިކު. އިށީނދެގެން ކުރީގައި (ކ-ވ) މަރުހޫމު އަބްދުއްރަހުމާން (އުޅޮނބޮށި ކަޅުހުއްތު)، މަރުހޫމު ޒާހިރު ނަސީރު، މަރުހޫމު ކޮށީގޭ މުހައްމަދު ސައީދު، ކެލާގޭ އަލްއުސްތާޒު އަބްދުލްހަކީމު ރަޝާދު -ފޮޓޯ: މައްލާ/ އެފް.ބީ

މައްލާ ކުޅިވަރު ދަނޑުގައި

1970 ގައި ސ.ހިތަދޫގައި ބޭއްވި ގައުމީ ފުޓުބޯޅަ މުބާރާތުގެ ޖޮއިންޓް ޗެމްޕިއަނުންނާއެކު ރެފްރީ މައްލާ

ދިވެހިރާއްޖޭގައި ފުޓުބޯޅަ ރެފްރީކަން، އެންމެ މަތީ ފަންތީގައި، ދިގު މުއްދަތެއްގައި ކުރައްވައި، ވަކިން ޚާއްސަކޮށް ފުޓުބޯޅަ ރެފްރީން އުފައްދަވައި ތަމްރީނުކުރެއްވުމަށް މައްލާ ކުރައްވައިފައި ވަނީ ގިނަގުނަ އަދި ބުރަ މަސައްކަތްޕުޅެކެވެ. ސްކޫލް ދައުރުއްސުރެ ފުޓުބޯޅަ ކުޅުއްވަމުން، 1969 ވަނަ އަހަރުން ފެށިގެން މާލޭ ޓެނިސް ކްލަބަށާއި އަދި ފަހުން މޫންސްޓާސް ކްލަބަށް، ފުލްބެކުގެ މަގާމުގައި ގައުމީ ފުޓުބޯޅަ މުބާރާތްތަކުގައި މައްލާ ވާދަކުރެއްވިއެވެ. އަދި ފުޓުބޯޅަ ކުޅުއްވަމުން ރެފްރީއެއްގެ ގޮތުގައި 1969 ވަނަ އަހަރުން ފެށިގެން މައްލާ ދަނޑަށް ނުކުންނަވަން ފެއްޓެވިއެވެ.

މައްލާއަށް ފީފާ ބެޖް ރައިީސް މައުމޫން ދެއްވަނީ

ރައީސް މަރުހޫމް އިބްރާހިމް ނާސިރުގެ ނިންމެވުމަކަށް، މާލޭން ބޭރުގައި ފުރަތަމަ ފަހަރަށް ބޭއްވި ގައުމީ ފުޓުބޯޅަ މުބާރާތް، 1970 ވަނަ އަހަރު ސ.ހިތަދޫގައި ބޭއްވުމުން، ފައިނަލް މެޗާއެކު، އެ މުބާރާތުގެ 11 މެޗެއްގައި މައްލާ ރެފްރީކަން ކުރެއްވިއެވެ. އަދި އޭގެ ފަހުން، ރައީސް މައުމޫން ޢަބްދުލްގައްޔޫމުގެ ރިޔާސަތުގައި ބާއްވަވަން ފެއްޓެވި އަތޮޅު ފުޓުބޯޅަ މުބާރާތްތަކުގައި ރެފްރީކަން ކުރެއްވުމަށް ރާއްޖޭގެ އުތުރާއި ދެކުނަށް މައްލާ ދަތުރުކުރައްވައިފައިވެއެވެ. މިގޮތުން ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ނ. ވެލިދޫ، ކ. ހުރާ، ވ.ފެލިދޫ، ދ.ކުޑަހުވަދޫ، ގދ.ތިނަދޫ އަދި ޏ.ފުވައްމުލަކުގައި ބޭއްވި އަތޮޅު ފުޓުބޯޅަ މުބާރާތްތަކުގައި މައްލާ ރެފްރީކަންކުރެއްވިއެވެ. މައްލާ ވަނީ 1968 އިން ފެށިގެން 1995 އަށް، މެދުނުކެނޑި 27 އަހަރު ރާއްޖޭގެ ހުރިހައި ޑިވިޝަނެއްގެ ފުޓުބޯޅަ މުބާރާތެއްގައި ރެފްރީކަންކުރައްވައިފައެވެ.

މައްލާ ބައިނަލްއަގުވާމީ ދަނޑުގައި

ބައިނަލްއަގުވާމީ ފުޓުބޯޅަ ރެފްރީކަން ނުވަތަ ފީފާ ބެޖު ލިބިވަޑައިގެންނެވި އެންމެ ފުރަތަމަ ދިވެހި ރެފްރީގެ ޝަރަފުގެ އިތުރުން ފީފާގެ ބެޖު ޖަަހައިގެން ރާއްޖޭގައި އެންމެ ފުރަތަމަ ރެފްރީކަންކުރުމުގެ ޝަރަފު ވެސް 1990 ގައި މައްލާއަށް ލިބިވަޑައިގެންފައިވެއެވެ. އަދި ފީފާ ރެފްރީއެއްގެ ގޮތުން 1990 އިން 1993 އަށް ބައިނަލްއަގުވާމީ އެތައް މެޗެއްގައި މައްލާ ރެފްރީކަންކުރެއްވިއެވެ. މިގޮތުން ސްރީލަންކާގައި 1985 ގައި ބޭއްވި އޭޝިއަން ކްލަބު ޗެމްޕިއަންޝިޕާއި ސްރީލަންކާގައި 1991 ގައި ބޭއްވި ފަސް ވަނަ ސާފް ގޭމްސްގައި މައްލާ ރެފްރީކަންކުރެއްވިއެވެ. އަދި ސްރީލަންކާގެ ފުރަތަމަ ޑިވިޝަންގެ ފުޓުބޯޅަ މުބާރާތްތަކުގައި 1984 އާއި 1985ގައި މައްލާ ރެފްރީކަންކުރެއްވިއެވެ. މައްލާ ރަސްމީކޮށް ރެފްރީކަން ކުރެއްވުން 1995 ގައި ހުއްޓަވައިލެއްވީ ފީފާ ބެޖް (އޭރު) ލިބޭ އުމުރު ހަމަވުމުންނެވެ.

(ކ-ވ) އަބީރު، އިބްރާހިމް އިސްމާއިލް، މައްލާ އަދި ނާގޫރޭ: އެކުވެރިކަމުގެ މެޗެއްގައި ރެފްރީކަން ކުރަން ތައްޔާރުވެގެން -ފޮޓޯ: މައްލާ/އެފް.ބީ

މައްލާ ވަނީ ފީފާ އާއި އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭ.އެފް.ސީ)ގެ ރެފްރީން ތަމްރީނު ކޯސްތައް ރާއްޖޭގެ އިތުރުން އިނގިރޭސިވިލާތާއި މެލޭޝިއާ އާއި ސިންގަޕޫރާއި ތައިލެންޑާއި ސްރީލަންކާ އިން ފުރިހަމަކުރައްވައިފައެވެ. އަދި އިންޓަނޭޝަނަލް ރެފްރީ އިންސްޓްރަކްޓަރސް ކޯސްތައް ވެސް މައްލާ ވަނީ ފުރިހަމަކުރައްވައިފައެވެ. މިގޮތުން ފީފާ/ އޭ.އެފްސީ ރެފްރީ އިންސްޓްރަކްޓަރސް ކޯހެއް އެންމެ ފަހުން މައްލާ ފުރިހަމަ ކުރައްވައިފައި ވަނީ ޖުލައި 2020 ގައެވެ.

މައްލާގެ ފަރާތުން ދަރިވަރުވި ބައެއް ފީފާ ރެފްރީން (ކ-ވ) އަހުމަދު އަމީޒު، އަލީ ސަލީމު، މުހައްމަދު ސައީދު އަދި އަހުމަދު އަބީރު އެކުވެރިކަމުގެ މެޗެެއްގައި -ފޮޓޯ: މައްލާ/ އެފް.ބީ

ރެފްރީން އުފެއްދުމުގެ މަސައްކަތް

ރެފްރީކަން ކުރައްވަމުން ވެސް މައްލާގެ އެންމެ ބޮޑު ޝައުގުވެރިކަމަކާއި އިސްކަމެއް ދެއްވީ ދިވެހި ރެފްރީން އުފައްދަވައި ތަމްރީނުކުރެއްވުމަށެވެ. މިގޮތުން ދިވެހި ފުޓުބޯޅަ ރެފްރީން އުފައްދަވައި ތަމްރީނުކުރެއްވުމަށް 1975 އިން ފެށިގެން 46 އަހަރު ދުވަހު ގިނަގުނަ މަސައްކަތްތަކެއް މައްލާ ވަނީ ކުރައްވައިފައެވެ. ރެފްރީން ތަމްރީނުކުރާ ކޯސްތައް މާލޭގައި ހިންގެވުމުގެ އިތުރަށް ރާއްޖޭގެ އުތުރާއި ދެކުނަށް ދަތުރުކުރައްވައި މައްލާ ވަނީ ރެފްރީން ތަމްރީނުކުރައްވައިފައެވެ. މިގޮތުން ސ. ހިތަދޫ، ސ. މަރަދޫ، ސ. ފޭދޫ، ސ. ހުޅުމީދޫ، ޏ. ފުވައްމުލައް، ލ. ފޮނަދޫ، ނ. ވެލިދޫ، ހދ. ކުޅުދުއްފުށި އަދި ހއ. ދިއްދޫގައި ރެފްރީން ކޯސްތައް މައްލާ ހިންގަވައިފައިވެއެވެ. ރާއްޖޭގައި މިހާރު ތިބި ފީފާ ރެފްރީންނާއި ސީނިއަރ ރެފްރީންނަކީ މައްލާގެ ދަރިވަރުންނެވެ.

އަންހެން ރެފްރީން ތަމްރީނު ކުރުމަށް 2018 ގައި މައްލާ ހިންގެވި ކޯހުގެ ބައެއް ދަރިވަރުން ދަނޑުމަތީގައި

މީގެ އިތުރުން ދިވެހި އަންހެން ފުޓުބޯޅަ ރެފްރީން އުފައްދައި ތަމްރީނުކުރުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް، 2019 ގައި، މަސައްކަތް ފެއްޓެވީ ވެސް މައްލާއެވެ. މިގޮތުން މިހާތަނަށް 21 ކުދިންނަށް ކިޔަވައިދެއްވައި 11 ކުދިން ވަނީ ރެފްރީ ކޯހުން ފާސްވެ، ދަނޑަށް ނެރެފައެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އިން ރާވައި ހިންގާ ގައުމީ ފެންވަރުގެ ހުރިހާ ފުޓުބޯޅަ މުބާރާތެއްގައި ރެފްރީން އެސެސްކުރެއްވުމުގެ މަސައްކަތް މައްލާ ކުރެއްވިއެވެ.

ރާއްޖޭގެ ފުޓުބޯޅަ ރެފްރީންގެ ބެޖެއް އެންމެ ފުރަތަމަ، 1969 ގައި، ފަރުމާކުރެއްވީ ވެސް މައްލާއެވެ. އަދި އޭގެ ފަހުން ވެސް ރެފްރީންގެ ހުރިހާ ބެޖެއް ފަރުމާކުރައްވައިފައި ވަނީ މައްލާއެވެ. އަދި 1982 ވަނަ އަހަރު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އުފެދުމުން އެފް.އޭ.އެމްގެ ލޯގޯ ފަރުމާކުރެއްވީ ވެސް މައްލާއެވެ.

މައްލާ ރެފްރީކަން ކުރެއްވި ބެޖުތަކާއި ބައެއް ކަށިގަނޑުތަކާއެކު ފޮޓޯއަކަށް މަޑުކޮށްލައްވައިގެން -އަދިވެސް ފޮޓޯ:

އެފް.އޭ.އެމްގެ އެންމެ ފުރަތަމަ ޖެނެރަލް ސެކްރެޓަރީއަކީ ވެސް މައްލާއެވެ. އަދި މައްލާ ވަނީ އެފް.އޭ.އެމްގެ ރެފްރީޒް ކޮމިޓީގެ ސެކްރެޓަރީކަމާއި ވައިސް ޗެއާމަންކަމާއި ޗެއާމަންކަން ވެސް ކުރައްވައިފައެވެ. ޖުލައި 31، 2019 އިން ފެށިގެން މައްލާ ވަޑައިގެންނެވީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޕްރެޒިޑެންޓްގެ އެޑްވައިޒަރުގެ މަގާމު އަދާކުރައްވަމުންނެވެ.

މައްލާގެ އާއިލާ

މައްލާ ޖުމްލަ ފަސް ބޭފުޅަކާ ކައިވެނި ކުރެއްވިއެވެ. އަވަހާރަވިއިރު އަނބިކަނބަލުން ޝަފީގާ އާދަމާއި ހަތް ބޭފުޅުން (އޭގެ ތެރޭގައި ހަތަރު އަންހެން ބޭފުޅުން) އެބަތިއްބެވިއެވެ.

މައްލާގެ ބޭފުޅުން

އައި.ޑީ ކާޑާއި ރަސްމީ ހުރިހައި ލިޔުމެއްގައ،ި ނަމަކަށް މައްލާ ޅަތުއްތު އޮތް ނަމަވެސް، މައްލާގެ އަސްލު ނަމަކީ މޫސާ ނައީމު ކަމަށް ވެއެވެ. އެހެންވެ މައްލާގެ ހުރިހައި ބޭފުޅުންގެ ނަމުގެ ފަހަތަށް ވެސް މޫސާ ކިޔައިފައިވެއެވެ. އެންމެ ފާހަގަކުރެވޭ އަނެއް ކަމަކީ ފަސް ބަނޑަށް ބޭފުޅުން ލިބިވަޑައިގެންނެވި ނަމަވެސް، ކޮންމެ ބޭފުޅެއްގެ ނަމުގައި ވެސް ޒަވިޔަނި ހިމެނޭ ކަމެވެ.

  1. މުހައްމަދު ޝިރާޒު މޫސާ
  2. އަހުމަދު ފިރާޒު މޫސާ
  3. އައިޝަތު ޝީނީޒު މޫސާ
  4. ފާތިމަތު ޝިނާޒު މޫސާ
  5. ހުސެއިން ޝިފްރާޒު މޫސާ
  6. އާމިނަތު ޝަހުރުނާޒު މޫސާ
  7. މަރިޔަމް ޝިވާޒާ މޫސާ
ބެޑްމިންޓަން ތަރި ޝަހުރުނާޒު (ކ) އައި ފިރާޒު (ވ) އާއިލީ ފޮޓޯއެއްގައި މައްލާއާއެކު

މައްލާގެ ބޭފުޅުންގެ ތެރެއިން އިބްރާހީމް ފިރާޒް މޫސާ (ކުޑަމައްލާ) އަކީ ފުޓުބޯޅައިގައި ވިދާލި ތަރިއެކެވެ. އޭނާ ވަނީ ނިއުރޭޑިއަންޓާއި ވިކްޓަރީ އަދި ވެލެންސިއާގެ ފަހަތުގައި މޮޅަށް ކުޅެ، ކާމިޔާބު ހޯދައިދީފައެވެ. އަދި އާމިނަތު ޝަހުރުނާޒު މޫސާ (އައިމި) އަކީ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެ ތަމްސީލްކުރާ، ގައުމީ ބެޑްމިންޓަން ޓީމުގައި ހިމެނޭ ހުނަރުވެރި ކުޅުންތެރިއެކެވެ.

އައިމި އާއި ހުސެއިން ޝަދީދުގެ ކައިވެނީގެ ހަފުލާގެ ތެރެއިން…

މައްލާ އާއިލާގެ ގިނަ ބަޔަކާއެކު އާންމުންގެ ތެރެއިން އެންމެ ފަހުން ފެނިފައި ވަނީ އައިމި އާއި ހުސެއިން ޝަދީދުގެ ކައިވެނީގެ ހަފުލާގައި، ހުސްވި ޖުލައި މަހުގެ 24 ވަނަ ދުވަހު ހަވީރު، ހ. މާފޮޅޭ އެވެނިއު ޓެރަސްއިންނެވެ. އާލާސްކަންފުޅުގެ އަސަރު މައްލާގެ މޫނުފުޅުންނާއި ހަރަކާތްތަކުން ފެނުނު ނަމަވެސް، އެ ދުވަހު ވެސް ހުރިހައި ބޭފުޅުންނާއެކު ވެސް ހީނ ސަމާސާކޮށް ހައްދަވައި ފޮޓޯތަކުގައި ބައިވެރިވެވަޑައިގަތެވެ.

އާއިލާގެ ބައެއް މެމްބަރުންނާއެކު އޯގަސްޓް 11 ގައި މައްލާ އިންޑިއާއަށް ފުރާވަޑައިގަތުމުގެ ކުރިން….

މައްލާގެ އެންމެ ފަހުގެ ފޮޓޯއެއްގެ ގޮތުން އާއިލާއާއެކު ނެގިފައިވާ ފޮޓޯއަކީ މިފަހަރު އިންޑިއާ އަށް ވަޑައިގަތް ދުވަހު، މި މަހު 11 ގައި، ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުގައި ނަގައިފައިވާ ފޮޓޯއެވެ.

މައްލާގެ އަގުނުކުރެވޭ ގައުމީ ހިދުމަތް ތާއަބަދަށް ދެމިހުންނާނެއެވެ. ފަނޑުވުމެއް ނެތިއެވެ. ދިރިތިބީންނަށް މިއަދު ކުރެވެން އޮތް ހަމައެކަނި ކަމަކީ މައްލާގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ލެއްވުން އެދި މާތްﷲގެ ހަޒުރަތުގައި ދުއާ ދެންނެވުމެވެ. އާއިލާއަށް ކެއްތެރިކަން ދެއްވާށިއެވެ! އާމީން!

ވިދާޅުވެލެއްވުމަށް:

މައްލާގެ ހިތްވަރާއި ލޯބި: ތަފާތު ވާހަކަތަކެއް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *