Support Us

ޑރ. ޝަމްސުލް ފަލާޙުގެ "ކާމިޔާބީ"

"ކާމިޔާބީގެ ކަނޑައެޅިފައިވާ ވަކި ތަޢުރީފެއް ނެތެވެ. އެ ހޯދުމަށް މަސައްކަތްކުރާނެ ވަކި ތަރުތީބެއް ވެސް ނެތެވެ. ކާމިޔާބީއަކީ އެކި މީހުންނަށް އެކިގޮތަށް ވިސްނޭ، އެކިގޮތަށް މާނަކުރާ އެއްޗެކެވެ." ޑރ. ޝަމްސުލް ފަލާޙު ޝާއިޢުކުރެއްވި "ކާމިޔާބީ" މި ފޮތުގެ ދީބާޖާ ފަށްޓަވާފައިވަނީ ޢިލްމީ މި ޙަޤީޤަތް ހާމަކޮށްދެއްވަމުންނެވެ. 44 ޞަފުޙާގެ މި ފޮތުން ކާމިޔާބު ނުވަތަ ބާއްޖަވެރި ހަޔާތަކަށް މިސްރާބު ދައްކައިދެއެވެ. ވިސްނައިދެއްވާފައި ވަނީ ކާމިޔާބީއަކީ ހަމައެކަނި ވަކި ބައެއްގެ ޙައްޤެއް ނޫންކަމެވެ.

ދިވެހިރާއްޖޭގެ އަސްކަރީ ޚިދުމަތުން ޤައުމަށް ޚިދުމަތްކުރައްވަން ފެށްޓެވި ޑރ. ޝަމްސުލް ފަލާޙު ސިފައިންގެ ޚިދުމަތުން ވަކިވެވަޑައިގެންނެވީ ލެފްޓިނަންޓް ރޭންކުގައެވެ. ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރައްވައިގެން އެ ދާއިރާއިން އަސްކަރިއްޔާގައި ޚިދުމަތް ކުރެއްވި ނަމަވެސް ލިޔުންތެރިކަމާއި ވާހަކަދެއްކުންތެރިކަމާއި އަދަބީ ފަންނުގައި ޑރ. ޝަމްސުލް ފަލާޙު އަސްކަރިއްޔާއަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކަކީ ފާހަގަކޮށްލެވޭ މުހިންމު ޚިދުމަތްތަކެކެވެ. ދިވެހި އަސްކަރީ ތާރީޚު ލިޔުމުގެ މަސައްކަތުގެ ތެރެއިން އަސްކަރީ ތާރީޚުގެ ފުރަތަމަ ވޮލިޔުމްކަމުގައިވާ "އަސްކަރީ ނިޒާމުގެ ފެށުން"، ދެވަނަ ވޮލިޔުމްކަމުގައިވާ "ސިފައިން އުފެދުމާއި ކުރިއެރުން"، އަދި ތިންވަނަ ވޮލިއުމް ކަމުގައިވާ "ތިނެއް ނޮވެންބަރު"ގެ ފޮތް އެކުލަވާލުމުގައި ކުރައްވާފައިވާ މަސައްކަތްތަކާއި ދިރާސާތައް ގިނަގުނައެވެ. ޑރ. ޝަމްސުލް ފަލާޙުގެ "ކާމިޔާބީ" ވަރަށް ގާތުން ދުށް މީހަކަށް ވީތީ، މި ފޮތް ކިޔަމުން ދިޔައިރު އަޅުގަނޑުގެ ހިތަށް އަރަމުން ދިޔައީ ދ. ކުޑަހުވަދޫގެ ވަރަށް އާދައިގެ ޢާއިލާއަކަށް އުފަންވެ ވަޑައިގެންނެވި މި ޒުވާނާ ޢިލްމީގޮތުން ހަރުފަތަކަށްފަހު ހަރުފަތެއް ގިރާކުރައްވަމުން ޢިލްމީ ރޮނގުން ބޮންތިއަށް ވާސިލުވެވަޑައިގެންނެވިގޮތެވެ. މާލޭ އިނގްލިޝް ސްކޫލުން ތަޢުލީމް ހާސިލުކުރެއްވުމަށްފަހު އަސްކަރީ ޚިދުމަތުގައި އުޅުއްވިގޮތެވެ. ޚިދުމަތުގައި އުޅުއްވަމުން ޤާނޫނީ ދާއިރާއިން ކުރިއަށް ވަޑައިގެންނެވިގޮތެވެ. އެންމެފަހުން ރާއްޖެއިން ބޭރަށް ވަޑައިގެން ޕީއެޗްޑީ ހާސިލުކުރެއްވި ގޮތެވެ. އަދި ދުނިޔޭގެ އެކި ޤައުމުތަކުގައި ނަން މަޝްހޫރު އެތައް ޢިލްމީ ހިޔާވައްސެއްގައި ޢިލްމީ ދަރުސްތައް ދެއްވާ ކަރުދާސްތައް ހުށަހަޅައިދެއްވަމުން ވަޑައިގެންނެވިގޮތެވެ. މިއީ ބުރަ އަދި ހިންމަތްތެރި މަސައްކަތާއި ކުރިމަތިވި ގިނަގުނަ ގޮންޖެހުންތައް ގިރާކުރައްވައި، ރިވެތި އަޚްލާޤާއި ސުލޫކާއި ވަރުގަދަ ގިޔަމުތަކެއްގެ މަތީގައި ސާބިތުވެ ހުރުމުގެ ނަތީޖާއެވެ.

އަސްކަރީ ޚިދުމަތަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއަރޒް ސެކްރެޓަރީކަމުގެ މަގާމު ފުރުއްވުމަށްފަހު ނިއުޒިލޭންޑަށް ވަޑައިގެން ޕީއެޗްޑީ ހާސިލު ކުރެއްވީ ޔުނިވަރސިޓީ އޮފް އޯކްލޭންޑުންނެވެ. މިހާރު ޑރ. ޝަމްސުލް ފަލާޙު މަސައްކަތް ކުރައްވަނީ ނިއުޒިލޭންޑުގެ މިނިސްޓްރީ އޮފް ބިޒިނަސް، އިނޮވޭޝަން އެންޑް އެމްޕްލޯއިމަންޓްގައެވެ.

ވަކިވަކި 16 ސުރުޚީއެއްގެ މައްޗަށް ލިޔުއްވާފައިވާ "ކާމިޔާބީ" މި ފޮތުގެ ފުރަތަމަ މަޒުމޫނަކީ މާހިރުންގެ ލަފާ އެހުމުގެ މުހިންމުކަމެވެ. ޢާލިމުންނާއި މާހިރުންގެ ބުއްދިއާއި ތަޖުރިބާއިން ދެއްވާ ނަސޭހަތާމެދު ވިސްނައިގެން ހަޔާތުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ބާރުއަޅުއްވާފައިވާ މި މަޒުމޫނު ކިޔަމުން ދިޔައިރު އަޅުގަނޑަށް ސިފަވަމުން ދިޔައީ ސިފައިންގެ ތާރީޚު ކޮމެޓީގައި އަޅުގަނޑާއެކު ޑރ. ފަލާޙު މަސައްކަތް ކުރެއްވި ދުވަސްވަރެވެ. ދިވެހިރާއްޖޭގެ ފުންނާބުއުސް ލިޔުންތެރިޔާ އަދި ކުޅަދާނަ އަދީބު އަލްމަރުޙޫމް ސައިކުރާ އިބްރާހީމް ނަޢީމުގެ އަރިހުގައި އެމަނިކުފާނު ދައްކަވާ ވާހަކަފުޅާ ދެއްވާ ނަސޭހަތްތައް އައްސަވަން ޑރ. ފަލާޙު އިންނަވާ މައުސޫމްގޮތެވެ.

ފޮތުން އެއްލަމުންދިޔަ ކޮންމެ ގަނޑަކުން ފިލާވަޅަކަށްފަހު ފިލާވަޅެއް ދިޔައީ ލިބެމުންނެވެ. އަމިއްލަ އެދުމެއްނެތި ނިންމުންތައް ނިންމުމުގެ މުހިންމުކަމާއި، ކަމެއް ރާވައި ހިންގުމުގައި މުއާމަލާތްކުރުމުގެ މުހިންމުކަމެވެ. ކާމިޔާބު މީހުންނާއި ނާކާމިޔާބު މީހުންގެ ތަފާތު ދެނެގަނެވޭނެ ގޮތަކީ ފައްސި ނުވަތަ ގަބޫލުކުރެވޭ މިޒާޖުކަމެވެ. ކާމިޔާބު ބޭފުޅުންގެ ހަޔާތުގައި އޮތީ ހަމައެކަނި ކާމިޔާބީ ނޫންކަމާއި އެ ބޭފުޅުންނާ ކުރިމަތިވެ ވަޑައިގެންނެވި ނާކާމިޔާބުތަކަކީ ކާމިޔާބަށް ވާސިލުކޮށްދިން ކަންތައްތައްކަމެވެ. ކާމިޔާބެއް ހާސިލުކުރެވޭނީ ގަދައަޅައި މަސައްކަތްކޮށްގެންކަމާއި ޤުރުބާނީތަކަކާ ނުލައި ކާމިޔާބީގެ ހިނިތުންވުން ނުފެންނާނެކަމެވެ. މާހައުލު ބަދަލުވުމުން ވިސްނުން ބަދަލުކުރަންޖެހޭކަމެވެ. ގޮންޖެހުންތަކާއި ނުރައްކާތައް ކުރިމަތިވުމުން އެކަންކަމުން ރެކިގެން ކާމިޔާބަށް ވާސިލު ނުވެވޭނެކަމެވެ. ވަގުތުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފުމުގެ މުހިންމުކަމާއި، ކަންކަން ދުރާލައި ރޭވުމަކީ މި ދުނިޔޭގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ލިބޭ ވަރަށް ބޮޑު ދިފާޢީ ހަތިޔާރެއްކަމެވެ. މަސައްކަތުގެ ރޫޙުގައި މަސައްކަތްކުރަން ޖެހޭކަމާއި ދަށުގައި މަސައްކަތްކުރާ މީހުންގެ ކިބައިގައި އެ ސިފަ ހަރުލެއްވުމުގެ މުހިންމުކަމެވެ. ކުރިއަށް ދިއުމުގައި ކުއްލިއަކަށް އަރައި ބޮންތީގައި ހިފުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ހަރުފަތަކަށްފަހު ހަރުފަތެއް ގިރާކުރަމުން ދިއުމުގެ ފައިދާއެވެ. މިޒާޖުގައި ކަންކަންކުރުމުގެ ރޫޙު އަށަގެންނެވުމާއި، ކޮންމެ ރަނުގެ ފުރުސަތަކީ ބޭރުފުށުން ރަންކުލަ ފެންނަ ފުރުސަތެއް ނޫންކަމެވެ. ކަންކަން ކުރުމުގައި ކަންފަސޭހަގޮތް ދޫކޮށްލައި ކަންފަހިކަން އިޚްތިޔާރުކުމުގެ ފައިދާއާއި ގެއްލުމެވެ.

ޑރ. ޝަމްސުލް ފަލާޙުގެ މި ފޮތަކީ ކޮންމެ މީހަކަށް ވެސް އެ މީހަކު އެދޭ ކާމިޔާބީގެ ކޮންމެ ލަނޑުދަނޑިއަށް ވާސިލުވުމަށް ރަނގަޅު މިސްރާބެއް ކަނޑައެޅިދާނެ ސަމުގާއެކެވެ. ހިތްވަރާއި ހިންމަތާއެކު ފައްސި ވިސްނުމަކާއެކު ގަދައަޅައި މަސައްކަތްކޮށްފިނަމަ ކާމިޔާބަށް ވާސިލު ވެވޭނެކަމަށް ވިދާޅުވެފައިވަނީ ދުނިޔޭގެ އެކިއެކި ޤައުމުތަކާއި ދުނިޔޭގެ މަޝްހޫރު ޝަޚްޞިއްޔަތުންނާއި ކަންކަމުން މިސާލު ދައްކަވަމުންނެވެ. މި ފޮތަކީ ކިޔަވާ ކުދިންނަށާއި ޒުވާނުންނަށް ވަރަށް ބޭނުންތެރި މުހިންމު ފޮތެކެވެ. އަދި ބެލެނިވެރިންނަށާއި މުދައްރިސުން ވެސް ކިޔާލަން ރަނގަޅު ފޮތެކެވެ.

ފޮތްކިޔާ ނިންމާލިތަނުން ހިތަށްއެރިއެވެ. މި ވަރަކުން ކިޔުންތެރިން ހިތްހަމައެއް ނުޖެހޭނެއެވެ. ޑރ. ޝަމްސުލް ފަލާޙުގެ ކާމިޔާބީގެ ދަތުރު ވެސް އެ މީހުން އަދި ކިޔާލަން ބޭނުންވާނެއެވެ.

* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމެއް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *