Support Us

ބަންގްދޭޝްގެ ޤައުމީ ރޫޙު

ދިވެހީންގެ ތެރެއިން ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ބަންގްލޭޝް މީހުން (ބަންގާޅީން) ނަކީ ތަނެއްދޮރެއް ނުދަންނަ، ވަރަށް ޖާހިލު ބައެއް ކަމަށެވެ. އަދި މީހުންނަކީ ގޮތެއްފޮތެއް ނެތް، ރޫޙު މަރުވެފައިވާ ބައެއް ކަމަށެވެ. މަސައްކަތު މީހުންގެ ގޮތުގައި ދިވެހިރާއްޖެ އައިސް އުޅޭ ގިނަ އަދަދެއްގެ އެ ޤައުމުގެ މީހުންގެ ތަޢުލީމީ ފެންވަރާއި، ހޭލުންތެރިކަން ހުންނަ މިންވަރުން އެ ޤައުމު މިނަނީ ކަމަށް ވެދާނެއެވެ. އެކަމަކު ބަންގާޅީންނަކީ ނިކަން ދިގު އެވޭލާ ތާރީޚަކާއި، ޤައުމިއްޔަތެއް އޮތް ބައެކެވެ. އަމިއްލަ މާދަރީ ބަހުގެ ޙައްޤުގައި ޝަހީދުވެ ދިޔަ ބައެކެވެ. ޤައުމީ ކަންކަމުގައި އެކުވެރި، އެއްބައިވަންތަ ރައްޔިތެކެވެ.

ބަންގްލަދޭޝްގެ ނަން ނިސްބަތްވާ "ބެންގާލް" މި ބަހުގެ އަސްލަކީ ކޮބައިކަން މިހާތަނަށް ހޯދިފައި ނުވިޔަސް، މިއީ ޢީސާއީ މީލާދުގެ 1000 އަހަރު ކުރީން އެ ސަރަޙައްދުގައި ވަޒަންވެރިވި ދިރާވަރީ ޤަބީލާއެއް ކަމުގައިވާ "ބަންގް" އަށް ނިސްބަތްކޮށް ކިޔައިފައިވާ ނަމެއް ކަމަށް ބުނެވެއެވެ. ބަންގާޅީންނާއި ދިވެހީންގެ ގުޅުމަށް ބަލާއިރު ދިވެހިރާއްޖޭގައި ބަންގްލަދޭޝްގެ ދަރިކޮޅަކުން ރަސްކަން ވެސް ކޮށްފައިވެއެވެ. އެއީ މަޝްހޫރު ޢުމަރު ވީރު ދަރިކޮޅެވެ.

ބަންގްލަދޭޝް މިނިވަންވީ ޕާކިސްތާނާ ދެކޮޅަށް ކުރި ހަނގުރާމައަކަށް ފަހު 1971 ވަނަ އަހަރުގައެވެ. ނަމަވެސް އޭގެ މާކުރިންސުރެ ބަންގާޅު އޮވެއެވެ. އޭގެ ކުރީން ދިވެހީން ވެސް ބަންގާޅު ދަތުރުކޮށް ވިޔަފާރީގެ ގުޅުންތައް ބަންގާޅާއެކު ބޭއްވިއެވެ.

ބަންގާޅުގެ ޤައުމިއްޔަތުގެ ބިންގަލަކީ ބަންގާޅު ބަހެވެ. ބަންގާޅަކީ ވަކި ޤައުމެއްކަން މި ސަރަހައްދުގެ އެހެން ޤައުމުތަކުގެ ތެރެއިން ވަކިކޮށްދިން މައި ފާހަގައަކީ ވެސް އެ މީހުންގެ ބަހެވެ. އެ ޤައުމަށް މިނިވަންކަމާއި އިސްތިގުލާލު ލިބިގެން ދިޔައީ ވެސް މާދަރީ ބަހަށް ޓަކައި އެ ޤައުމުގެ ޒުވާނުންތަކެއް ފުރާނައިން ވީ ޤުރުބާނީއާއެކުގައެވެ. ބަންގާޅު މިނިވަންވީ އިނގިރޭސީން އިންޑިއާ މިނިވަންކުރިއިރު އުފެއްދި ޕާކިސްނުގެ ބައެއްގެ ގޮތުގައި އޮތުމަށްފަހު އެ ޤައުމުން ވަކިވެގެންނެވެ.

އެންމެ ކުރިން އިންޑިއާ އޮތީ އެކި ސަރަޙައްދުތަކުގައި ވަކިވަކި ރަސްކަންތައް ކުރަމުންދިޔަ ތަނެއްގެ ގޮތުގައެވެ. އެ ރަސްރަސްކަލުންގެ މެދުގައި އެބައެއްގެ ވެރިކަން ހިފެހެއްޓުމަށާއި ފުޅާކުރުމަށް ހަނގުރާމަކުރަމުން ދިޔައެވެ. އެއަށްފަހު އިސްތިޢުމާރީ ބާރުތަކުން އިންޑިއާގެ އެކި ހިސާބުތައް ހިފައި އަދި ވެރިކަމާއި ބާރާއި ނުފޫޒު ފަތުރަމުން ސަރަހައްދުތައް ހިފަމުން ދިޔައެވެ. މި ކަންކަމުގެ ސަބަބުން އިންޑިއަން ސަބްކޮންޓިނަންޓްގައި ހިމެނޭ އެކިއެކި ރަސްކަންތައް ނެތެމުން އުވެމުންދިޔައެވެ.

އެންމެފަހުން އިންޑިއާ އިސްތިޢުމާރު ކޮށްގެން އޮތީ އިނގިރޭސީންނެވެ. އިނގިރޭސީންގެ އަތްދަށުން އިންޑިއާ މިނިވަންވީ 1947 ވަނަ އަހަރުއެވެ. އިންޑިއާއަށް މިނިވަންކަން އިނގިރޭސީން ދިނީ، ދީނީ ވަކި އައިޑެންޓިޓީއެއްގެ މައްޗަށް ބިނާކޮށް ޕާކިސްތާން އުފަންކޮށްފައެވެ. އޭރު ބަންގާޅު އޮތީ އިރުމަތީ ޕާކިސްތާނުގެ ގޮތުގައެވެ. ދީނީ ގޮތުންނާއި ސަގާފީގޮތުން އެއްގޮތް ސިފަތަކެއް ލިބިފައިވިޔަސް ޕާކިސްތާނުން ވަކިވެގެން ބަންގްލަދޭޝް މިނިވަން ވަކި ދައުލަތެއްގެ ގޮތުގައި އުފަންކުރުމުގެ ހަރަކާތްތައް 1952 ވަނަ އަހަރު ފެށިއެވެ. މި ހަރަކާތްތައް ފެށުނީ ޕާކިސްތާނުގެ ރަސްމީ ނުވަތަ ޤައުމީ ބަހަކީ އުރުދޫބަސް ކަމަށް ކަނޑައެޅުމުން އެކަމާ ދެކޮޅަށް ބަންގާޅުގެ ކިޔަވާކުދީން ފެށި މުޒާހަރާތަކުންނެވެ. ބަންގާޅުގެ ދަރިވަރުން އަޑު އުފުލީ އެ މީހުންގެ މާދަރީ ބަސް ކަމުގައިވާ "ބެންގާލް" ނުވަތަ ބަންގާޅު ބަހަކީ އެމީހުންގެ ޤައުމީ ބަސް ކަމަށާއި އެމީހުންގެ އަމިއްލަވަންތަކަމުގެ ރަމްޒަކީ އެއީ ކަމަށް ބުނެއެވެ. އެ ބަހާ ނުލައި އެ މީހުން ނިސްބަތްވާ ދައުލަތެއް ނޯންނާނެ ކަމަށާއި އޮވެގެންވެސް ނުވާނެ ކަމަށް ބުނަމުންނެވެ. މާދަރީ ބަހުގެ ޙައްޤުގައި ކުރި މި މުޒާހަރާތައް ހޫނުވެ 21 ފެބުރުވަރީ 1952 ގައި ހިނގި ކުރިމަތިލުންތަކުގައި ޒުވާނުންތަކެއް ވަނީ ޝަހީދުވެފައެވެ. ދުނިޔޭގެ މާދަރީ ބަހުގެ ދުވަހުގެ ގޮތުގައި ފެބުރުވަރީ މަހުގެ 21 ވަނަ ދުވަސް ޔުނެސްކޯއިން ފާހަގަކުރަނީ އެ ދުވަހަށް ނިސްބަތްކޮށެވެ. މިކަމުން ވެސް އެނގެނީ ބަންގާޅީންނަކީ ރޫޙު މަރުވެފައިވާ ބައެއް ނޫންކަމާއި، ޤައުމީ ރޫޙާއި ޤައުމީ ލޯބީގައި ނަމޫނާ ބައެއްކަމެވެ.

  • ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *