ސޮމާލިއާގެ ވެރިރަށް މޮގަދިޝޫގެ މަގުބޫލު ގޮނޑުދޮށެއް ކަމަށްވާ ލިޑޯ ބީޗަށް އަލް-ޝަބާބު ޓެރަރިސްޓް ގުރޫޕުން ދިން ހަމަލާއެއްގައި އާއްމުންގެ 32 މީހުން މަރުވެއްޖެއެވެ.
ރޭގެ ވަގުތެއްގައި އަލް-ގައިދާ ޓެރަރިސްޓް ގްރޫޕާ ގުޅިފައިވާ އަލް-ޝަބާބުން ދިން މި ހަމަލާގައި 63 މީހުންވަނީ ޒަހަމްވެފައެވެ.
ހަމަލާގެ ހަބަރު ލިބުމާއެކު ސޮމާލިއާގެ ސަލާމަތީ ބާރުތަކުން ވަނީ ވަގުތުން އެ ބީޗަށް ގޮސް ހަމަލާ ދިން މީހުންތަކުގެ ތެރެއިން ބަޑިޖަހައި ފަސް ޓެރަރިސްޓުން މަރައިލައިފައެވެ. ހަވަނަ ޓެރަރިސްޓް އަމިއްލަ ހަށިގަނޑުގައި ބޮމެއް ގޮއްވައިލައި ވަނީ އަމިއްލައަށް މަރުވެފައެވެ.
ހަމަލާ ދިނީ ހަފުތާބަންދުގައި އާއްމުންގެ އެތައް ބަޔަކު ބީޗުގައި ޗުއްޓީ ހަދައިލަނިކޮށެވެ.
"ޒަހަމްވި ބައެއް މީހުންގެ ހާލު ވަރަށް ސީރިއަސް،" ފުލުހުންގެ ތަރުޖަމާނު އަބްދިފަތަހް އަދަން ހަސަން ވިދާޅުވިއެވެ.
އަމިއްލައަށް މަރުވި ޓެރަރިސްޓް އޭނާގެ ހަށިގަނޑުގައި ހަރުކޮށްފައިވާ ބޮން ގޮއްވައިލީ ބީޗްގައި ހުރި ހޮޓަލެއްގެ ކައިރީގައެވެ.
"ހޮޓަލްގައި ތިބި އަހަރެންގެ ބައެއް ރަހްމަތްތެރިން ވަނީ މަރައިލައިފައި. އަދި އެތައް ބަޔަކު ޒަހަމްކޮށްލައިފައި،" މި ހަމަލާ އެންމެ ގާތުން ދުށް އެކަކު ކަމަށްވާ މުހައްމަދު މުއަލިމް ބުންޏެވެ.
މަރުވި މީހުންގެ އާއިލާތަކަށާއި ތިމާގެ މީހުންނަށާއި ރަހްމަތްތެރިންނަށް ކުރީގެ ބޮޑު ވަޒީރު ހަސަން އަލީ ހައިރީ ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.
"މި ރެއާ ދިމާކޮށް މި ހަމަލާ ދިނުމުން އެނގެނީ ސޮމާލިއާ ރައްޔިތުންނާ ދެކޮޅަށް މި ޓެރަރިސްޓުން ބަހައްޓާ ހަތުރުވެރިކަން،" ހަސަން އެކްސްގައި ބުންޏެވެ.
ލިޑޯ ބީޗަށް މީގެ ކުރިން ވެސް އަލް-ޝަބާބުން ހަމަލާ ދީފައިވެއެވެ.
ސޮމާލިއާގެ ނާޒުކު ސަރުކާރު ވައްޓާލަން މި ގްރޫޕުން މަސައްކަތްކުރާތާ 17 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެ ގޮތުން އެތައް ބޮމެއް ގޮއްވައިލައި، މޮގަދިޝޫ އާއި ގައުމުގެ އެހެން ސަރަހައްދުތަކަށް ވެސް ހަމަލާ ދީފައިވެއެވެ.
ސޮމާލިއާގެ ސަރުކާރު ދެމެހެއްޓުމަށްޓަކައި ސަރުކާރުން ބަރޯސާވަނީ ބޭރުގެ އަސްކަރީ ފައުޖުތަކަށެވެ. އެ ގޮތުން ސަރުކާރަށް އެއްބާރުލުން ދޭ ހަތިޔާރުއެޅި ޖަމާއަތްކާއި އެފްރިކާ އިއްތިހާދުގެ އަސްކަރިއްޔާ އާއި އެމެރިކާގެ އަސްކަރީ އެހީ ވެސް ވަނީ ހޯދައިފައެވެ.
މި އަހަރުގެ ކުރީކޮޅު އަލް-ޝަބާބުން ބުނީ ގައުމުގެ މެދުތެރޭގެ އެތައް ސަރަހައްދުތަކެއް އެ ގްރޫޕްގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ސޮމާލިއާގެ ސުލްހަ ބަލަހައްޓާ އެފްރިކާގެ ލަޝްކަރެއް އެ ގައުމުން ފޭބުން އަންނަ ޑިސެމްބަރު މަހަށް ލަސްކޮށްލަދިނުމަށް ސަރުކާރުން މިދިޔަ ޖޫން މަހު އެދިފައިވެއެވެ.



advertisment