Support Us

ދިވެހިޤައުމާއި ދިވެހިރާއްޖެއާއި ދިވެހިދައުލަތް

ޤައުމަކީ އެއް ބަހަކުން ވާހަކަދައްކައި، އެއް ވިސްނުމަކުން ދުނިޔެ ދެކޭ، އެއް ސަގާފަތަކާއި އެއް ތާރީޚެއް ހިއްސާކުރާ އިންސާނީ ޖަމާޢަތެކެވެ. ރާއްޖެއަކީ އެ އިންސާނީ ޖަމާޢަތް އޮންނަ ބިން ނުވަތަ އެ ޤައުމުގެ ސަރަޙައްދެވެ. ދައުލަތެއްގެ އެންމެ އަސާސީ މާނައަކީ އެ ދައުލަތެއް ނިސްބަތްވާ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އެ ދައުލަތަކަށް ލިބިގެންވާ ރާއްޖެ ދިފާޢުކޮށް ހިންގާ ނިޒާމެވެ.

ދިވެހިޤައުމަކީ ދިވެހިބަހުން ވާހަކަދައްކައި، ދިވެހީންގެ ވިސްނުމުން ދުނިޔެ ދެކެމުންދާ، ދިވެހީންގެ ސަގާފަތުން ލާމެހިފައިވާ ދިވެހިތާރީޚު އެ ބައެއްގެ މިނިމިންޏަށް ނިސްބަތްވެފައިވާ އަހުލުވެރިންނެވެ. ޤައުމެއްގައި ހުންނަ އެންމެ އަސާސީ ސިފައަކީ އެއްގޮތްކަމެވެ. ދިވެހީންގެ އެއްގޮތް ސިފަތަކުގެ ތެރޭގައި ދިވެހީންގެ ބަހާއި، ދިވެހީންގެ ދީނީ އަޤީދާއާއި، ދިވެހީން ޤަބޫލުކުރާ ގިޔަމު ނުވަތަ ވެލިއުސްތަކާއި، ދިވެހީންގެ ކިބައިގައި ހުރި އަޚްލާޤީ ސިފަތަކާއި، ދިވެހީންގެ މަސައްކަތްތެރިކަމާއި، ދިވެހީންގެ ކުޅިވަރުތަކާއި، ދިވެހީންގެ ވައްޓަފާޅިއާއި، ދިވެހީން ހެދުމާއި، ދިވެހީންގެ ކެއުންބުއިމާއި، ދިވެހީންގެ ރަހަތަކާއި ދިވެހީންގެ އާދަކާދަ ފަދަ އެތައްއެތައް ކަމަކުން ދިވެހީންނަކީ އެއްބައެއްކަން އަދި ދުނިޔޭގެ އެހެން ޤައުމުތަކާ ވަކި ބައެއްކަން ސާބިތުވެއެވެ. މި ހުރިހާ ކަމެއްގެ ތެރެއިން ވެސް ދިވެހީންގެ ދިވެހިވަންތަކަން ދައްކައިދޭ އެންމެ ކުލަގަދަ ފާހަގައަކީ ދިވެހީންގެ މާދަރީބަސް ކަމުގައިވާ ދިވެހިބަހެވެ.

ދިވެހިރާއްޖެއަކީ ދިވެހީން ދިރިއުޅޭ ތަނެވެ. ދިވެހިޤައުމު އޮންނަތަނެވެ. ދިވެހީން ދިވެހިރާއްޖޭގައި ދިރިއުޅެން ޚިޔާރުކޮށްފައިވަނީ އަމިއްލައަށެވެ. ދިވެހީންނަކީ މި ރާއްޖޭގެ ގޮތްބާވަތް އެނގިތިބެ، މިއީ އެބައިމީހުންނަށް ހިތްހަމަޖެހުމާއި އުފަލުގައި ދިރިއުޅެވޭނެތަނެއް ކަމަށް ނިންމާފައިވާ ދިވެހީންގެ ސަރަހައްދެވެ. މި ސަރަޙައްދު ދިފާޢުކޮށް ހިމާޔަތްކޮށް ރައްކާތެރިކުރަމުން އައީ ދިވެހި ދަރިންނެވެ. މި ރާއްޖެ ދިފާޢުކުރުމަށް އަމިއްލަ ފުރާނައިން ޤުރުބާންވީ ދިވެހީންނެވެ.

ދައުލަތެއް އުފެދެނީ ޤައުމަކާއި ރާއްޖެއެއް އޮވެގެންނެވެ. ދިވެހިދައުލަތަކީ ދިވެހީންނާއި ދިވެހިރާއްޖެ ދިފާޢުކޮށް ބަލަހައްޓައިދޭ ނިޒާމެވެ. ދިވެހި ދައުލަތް އުފެދިފައިވަނީ ދިވެހީންގެ ގޮތުގައި ބަޔަކު އެކުވި ވިސްނުންތަކުން އުފަންވެ، އެ ބަޔަކު ވަކި ސަރަހައްދެއް އެއީ އެބައި މީހުންގެ ސަރަހައްދެއްކަމަށް ކަނޑައަޅައި އެބައި މީހުންނާއި އެބައިމީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. މިއީ ދިވެހީން ދެމި ތިބުމަށް އުފައްދާފައިވާ ނިޒާމެވެ.

ދިވެހިދައުލަތަށް ލިބިފައިވާ އެންމެ ޚާއްޞަ ސިފައަކީ މި ދައުލަތުގެ ދޮށިކަމާއި މިނިވަން ދައުލަތެއްގެ ގޮތުގައި އޮތް އޮތުމެވެ. ދުނިޔޭގެ ގިނަ ދައުލަތްތަކެއްގެ މައްޗަށް ބާރު ހިންގި ބޮޑެތި އަންބަރާތޫރުތަކެއްގެ ގޮތުގައި އޮތް ރޫމީންނާއި ފާރިސީންގެ ޒަމާނުގައި ވެސް ދިވެހި ދައުލަތް އޮތީ މިނިވަން ދައުލަތެއްގެ ގޮތުގައެވެ. އިސްލާމީ ތާރީޚަށް ބަލާއިރު ދިވެހިރާއްޖެ އިސްލާމްވީ ޢައްބާސީ ދައުލަތުގެ ރަންޒަމާނުގައެވެ. އެހެން ނަމަވެސް ދިވެހި ދައުލަތް އޮތީ މިނިވަން މުސްތަގިއްލު އިސްލާމީ ދައުލަތެއްގެ ގޮތުގައެވެ. ޢައްބާސީ ދައުލަތަށްފަހު އުފެދުނު މަމްލޫކީންނާއި އުސްމާނީންގެ ދުވަސްވަރު ވެސް ދިވެހީން އެއިން ދައުލަތެއްގެ ބޭރުގެ ދަށަކަށް ނުދެއެވެ. އޭގެ ބަދަލުގައި ދިވެހިދައުލަތް އޮތީ ސައްތައިންސައްތަ އިސްލާމީ މިނިވަން ދައުލަތެއްގެ ގޮތުގައެވެ. އެ ދައުލަތްތަކާ ގުޅުން ބޭއްވި މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައެވެ.

 

މައުލޫމާތު:

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ، ދިވެހިރާއްޖޭގެ އަޑު (2024). ސިލްސިލާ ރޭޑިއޯ ޕްރޮގްރާމް "ދިވެހީން" 1 ވަނަ ޕްރޮގްރާމް.

ފޮޓޯ: ދިވެހިބަހުގެ އެކެޑެމީ

 

* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *