ފްރާންސްގެ ނޫސް އެޖެންސީ އޭޖަންސް ފްރާންސް-ޕްރެސާ (އޭ.އެފް.ޕީ)އަށް މަސައްކަތްކޮށްދޭ ފޮޓޯގްރާފަރު ޖެރޯމް ބްރޯލޭއަށް އެ ވަގުތުކޮޅުވީ ބުނަން ނޭނގޭ އިހުސާސެއް ކުރެވުނު ވަގުތުކޮޅަކަށެވެ.
އުމުރުން 30 އަހަރުގެ ދުނިޔޭގެ ރާޅާއަޅާ ޗެމްޕިއަންކަން ތިން ފަހަރު ހޯދައިފައިވާ ބްރެޒިލްގެ ގޭބްރިއެލް މެޑިނާ އެންމެންގެ ސަމާލުކަން ހޯދި ރާޅުގެ ހޮޅި ނުވަތަ "ޓިއުބު"ން ނުކުންނާނީ އާދަޔާހިލާފު ގޮތަކަށް ކަމަށް ޖެރޯމަށް ހީވިއެވެ.
ދުނިޔޭގެ އެންމެ ގަދަފަދަ އެއް ރާޅު އޮންނަ ޕެސިފިކްގެ ކަނޑުގެ ޖަޒީރާ، ފްރާންސްގެ ރަށެއް ކަމަށްވާ ޓަހިޓީގެ ޓިއައިޕޫ ރާޅުގެ ހޮޅިން ގޭބްރިއެލް ނުކުންނާނީ މީގެ ކުރިން ދުވަހަކު ވެސް ނުފެންނާނެ ގޮތަކަށްކަން ޖެރޯމަށް ހީކުރެވުނެވެ.
މިހާރު ފްރާންސްގެ ވެރިރަށް ޕެރިސްގައި ކުރިއަށްދާ އޮލިމްޕިކްސްގައި ގޭބްރިއެލް ވަނީ ޓަހިޓީގެ ރާޅުން 9.90 މާކްސް ހޯދައިގެން އޮލިމްޕިކްސްގެ ރެކޯޑު މުގުރައިލައިފައެވެ. އަދި އެއާއެކު ރާޅުގެ ހޮޅިން ނިކުމެ، ސާފު ބޯޑު ދޫކޮށްލައި، އުޑާ ދިމާއަށް އެއް އިނގިލި ދިއްކޮށްލި ވަގުތު ޖެރޯމް ނެގި ފޮޓޯ މިހާރު ވަނީ މުޅި ދުނިޔޭގެ ސަމާލުކަން ހޯދައިފައެވެ.
މި މަޝްހޫރު ފޮޓޯގައި ވައިގެ ތެރޭގައި ހީވަނި ގޭބްރިއެލް ކޮޅަށް ހުންނަހެނެވެ. އަދި ބޯޑު ވެސް ހުންނަނީ ކޮޅަށް ޖެހިފައެވެ. މިހާރު ބެލެވޭ ގޮތުގައި މި ފޮޓޯ ވެގެންދާނީ ރާޅާއެޅުމާއި ޕެރިސްގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސް ކުޅިވަރުތަކުގެ ވެސް ހާއްސަ ފޮޓޯއަކަށެވެ.
ޖެރޯމަށް ހުރެވުނީ ގޭބްރިއަލް އެޅި ރާޅު ނިމޭ ހިސާބުގައި އޮތް ލާންޗެއްގައެވެ. ހުރެވުނު ހިސާބުގެ ގޮތުން ގޭބްރިއަލް ރާޅުގެ ހޮޅި ތެރޭގައި ރާޅާ އެޅި ގޮތުގެ ރަނގަޅު ފޮޓޯއެއް ނުލިބުނަސް ޖެރޯމް ބޭނުންވީ ގޭބްރިއެލް އެ ރާޅު ދޫކޮށްލައިފައި ހޮޅި ތެރެއިން ނުކުންނަ ގޮތް ފޮޓޯ ނަގައިލައިށެވެ.
"އެ ކަމަށް އެންމެ ރަނގަޅު ހިސާބުގައި އަހަރެންނަށް ހުރެވުނީ. ކޮންމެ ފޮޓޯގްރާފަރަކު ވެސް އުއްމީދުކުރާނީ ރާޅު ނިންމައިލައި ފޮޓޯއެއް ނެގޭތޯ. ގޭބްރިއެލް ދަންނަ ކޮންމެ މީހަކަށް އެނގޭނެ ޓިއައިޕޫ ރާޅު ނިންމައިލަމުން އޭނާ ކޮންމެވެސް މޮޅު ކަމެއް ކޮށްލާނެކަން. އެހެންވީމާ ކޮންމެވެސް ކަމެއް ވާނެކަމަށް އުއްމީދުކޮށްގެން ހުރެވުނީ. ހަމައެކަނި ވިސްނައިލަން ޖެހުނު ކަމަކީ ކޮން ވަގުތަކުކަން އޭނާ ރާޅުން ނުކުންނާނީ. ބައެއް ފަހަރު އޭނާ ހަދާނެ ވައިގެ ތެރޭގައި އެކްރޮބެޓުން ހަދާ އެތުލީޓުންގެ އުކުޅުތައް. މި ފަހަރު ވެސް އޭނާ ހެދީ މިހެން. އެހެންވެ އަހަރެން ފޮޓޯ ނެގީ،" ޖެރޯމް ބުންޏެވެ.
އޭނާ ބުނީ ލަފާކުރެވޭ ގޮތުގައި ހޮޅީގެ ތެރޭގައި ހުރި ވަގުތު ވެސް އެއީ ދުވަހުގެ އެންމެ ބޮޑު އެއް ރާޅުކަން ގޭބްރިއެލްއަށް އިހުސާސްކުރެވުނުކަމަށް ލަފާކުރެވުނު ކަމަށެވެ.
"އޭނާ ރާޅުން ނުކުތް ގޮތުން ވެސް އެނގޭ އޭނާއަށް ފުރިހަމަ 10 ޕޮއިންޓް ލިބިދާނެކަމުގެ އުއްމީދު އޭނާއަށް އޮތްކަން،" ޖެރޯމް ބުންޏެވެ.
އޭނާ ބުނީ ގޭބްރިއެލްގެ މި ހާއްސަ ފޮޓޯއަކީ އާދަޔާހިލާފު ފޮޓޯއެއްކަން ފުރަތަމަކޮޅު 100 ޕެސެންޓް އިހުސާސް ނުކުރެވުނު ކަމަށެވެ.
"ގޭބްރިއެލްގެ ހަތަރު ފޮޓޯ އަހަރެން ނެގިން. އޭގެ ތެރެއިން އެއް ފޮޓޯ މިއީ،" ޖެރޯމް ބުންޏެވެ.
މި މޮޅު ފޮޓޯ މިހާރު ވަނީ ދުނިޔޭގެ އެތައް ހާސް ނޫހާއި މަޖައްލާގައި ޝާއިއުކޮށްފައެވެ. އަދި އޮންލައިން ޕްލެޓްފޯމްތަކުގައި މި ފޮޓޯއަށް ވަނީ އެތައް މިލިއަން "ލައިކް" ލިބިފައެވެ. އޭގެ އިތުރުން އެތައް މިލިއަން ބަޔަކު "ޝެއާ"ކޮށްފައެވެ.
"މިއީ މުޅި ދުނިޔޭގެ ތާރީހުގައި ވެސް ނެގުނު އެންމެ މޮޅު ކުޅިވަރު ފޮޓޯ ކަމަށް ވެދާނެ،" އޮސްޓްރޭލިއާގެ ނޫސް "ނިއުސް"އިން އެ ތަނުގެ ފޭސްބުކް ސަފުހާގައި ލިޔެފައިވެއެވެ.
"މިއީ 2024 ގެ ރަބީއު މޫސުމުގެ އޮލިމްޕިކްސްގައި ކާމިޔާބު ދޭހަކޮށްދޭ އެންމެ ރަނގަޅު ފޮޓޯއަށް ވެދާނެ،" "ޓައިމް" މަޖައްލާއިން ބުންޏެވެ.
ގޭބްރިއެލް ވަނީ މި ފޮޓޯ އޭނާގެ އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ. ހަމަ ލުމާއެކު 2.4 މިލިއަން "ލައިކް" ލިބުނެވެ.
ޖެރޯމް ބުނީ އުފާ ފާޅުކުރުން އަދި ފަސްކޮށްލައިފައިވާ ކަމަށެވެ.
"ސަބަބަކީ ޕެރިސް އޮލިމްޕިކްސް އަދިވެސް ނުނިމޭ. އަހަރެންގެ ފޯނަށް އަންނަ ކޯލުތަކަށް ވެސް ހުއްޓުމެއް ނާދޭ. އަހަރެންގެ އިންސްޓަގްރާމް އެތައް ހާސް ބަޔަކު 'ފޮލޯ’ކުރަން ފަށައިފި. އަހަރެން މިހާރު މި ނިދަނީ ޓިއައިޕޫ ކައިރީގައިވާ ރަހްމަތްތެރިއެއްގެ ގޭގައި. ކޮންމެ ދުވަހަކު ފަތިހު ފަހެއް ޖަހާއިރު ހޭލަން ޖެހޭ،" ޖެރޯމް ބުންޏެވެ.



advertisment