ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ހަމާސް ޖަމާއަތުގެ ސިޔާސީ ލީޑަރު އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލައިފިއެވެ.
އިރާނުގެ ދައުލަތުގެ މީޑިއާ ޕްރެސް ޓީވީން މިއަދު ރިޕޯޓްކުރީ ހަނިއްޔާ އަވަހާރަކޮށްލީ އިރާންގެ އާ ރައީސް މަސްއޫދު ޕަޒަޝްކިއަން އިއްޔެ ރައީސްކަމުގެ ހުވާކުރެއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފަހު އިރާންގެ ވެރިރަށް ތެހެރާންގައި ހުންނަ ހަނިއްޔާގެ ގެކޮޅަށް ވަޑައިގެން އެ ތަނުގައި ހުންނަވަނިކޮށް އެ ގެކޮޅަށް އިސްރާއީލުން ދިން ހަމަލާއަކުން ކަމަށެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ބޭރު ގައުމުތަކުގެ މީޑިއާއިންކުރާ ރިޕޯޓްތަކަށް އެ އިދާރާއިން ކޮމެންޓްނުކުރާ ކަމަށެވެ.
ހަނިއްޔާއަކީ ހަމާސްގައި ގިނަ ދުވަހު ހަރަކާތްތެރިވެވަޑައިގެންނެވި އެ ޖަމާއަތުގެ އިސް ލީޑަރެކެވެ. އޭނާ ހަމާސްއާ ގުޅިވަޑައިގަތީ 1980 ގެ ފަހުކޮޅުގެ އަހަރުތަކުގައެވެ. އެއަށްފަހު ހަމާސްގެ އިސް މަގާމުތައް ފުރުއްވަން ފެއްޓެވިއެވެ.
އުމުރުން 62 އަހަރުގެ ހަނިއްޔާ އުފަންވެވަޑައިގަތީ ޣައްޒާ ސިޓީގެ ކައިރީގައި އޮންނަ ރެފިއުޖީ ކޭމްޕެއްގައެވެ. ހަމާސްއާ ގުޅިވަޑައިގަތީ ފުރަތަމަ އިންތިފާދާގައެވެ.
ހަމާސްގެ ސިއްރު ލީޑަޝިޕް ރޯލެއް އޭނާއަށް އެރުވީ 2004 ގައެވެ. އޭގެ ފަހުން 2006 ގައި ޕަލަސްޓީނިއަން އޮތޯރިޓީގެ ބޮޑު ވަޒީރުކަން އޭނާއަށް ލިބިވަޑައިގަތެވެ.
ހަމާސްގެ ވެރިކަން ހަނިއްޔާއަށް ލިބިވަޑައިގަތީ 2017 ގައެވެ. އެހާތަނުން އެމެރިކާއިން ކަނޑައެޅީ އޭނާއަކީ "ދުނިޔޭގެ ޓެރަރިސްޓެއް" ކަމަށެވެ.
ވޭތުވެދިޔަ އަހަރުތަކުގައި އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓާއާއެކު ސުލްހައިގެ ވާހަކަތަކުގައި ހަނިއްޔާ ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން ގަތަރުގެ އަމީރު ޝައިހް ހަމަދު ބިން ހަލީފާ އައްސާނީ އާއި ޗައިނާގެ ޑިޕްލޮމެޓް ވޭންގް ކެޖިއާންއާ ވެސް ބައްދަލުކުރެއްވިއެވެ.
މިދިޔަ އެޕްރިލް މަހު އިސްރާއީލުން ދިން ވައިގެ ހަމަލާތަކެއްގައި ހަނިއްޔާގެ ތިން ފިރިހެން ދަރިންނާއި ހަތަރު ކާފަ ދަރިން ޝަހީދުވިއެވެ. އެ ވަގުތު ހަނިއްޔާ ހުންނެވީ ގަތަރުގައެވެ.
"އިސްރާއީލުގެ މި އަމަލުގެ ސަބަބުން ހަމާސް އާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމަ ހުއްޓުމަކަށް ގެންނަން ކުރިއަށްގެންދާ ސުލްހައިގެ މަޝްވަރާތައް ހުއްޓުމަކަށް ނުގެންނާނަން،" ހަނިއްޔާ އެއިރު ވިދާޅުވިއެވެ.



advertisment