ފައިމަގުން މެލޭޝިއާ ހުރަސްކުރުމުގެ އަންހެނުންގެ ރެކޯޑު އޮސްޓްރޭލިއާގެ މެރެތަން ދުވުންތެރިޔާ ނޭޓަލީ ޑައު މުގުރައިލައިފިއެވެ.
އުމުރުން 52 އަހަރުގެ ނޭޓަލީ މެލޭޝިއާގެ ޕެނިންސިއުލާގެ އުތުރުގައިވާ ކްލަންތަން ސްޓޭޓުން ދެކުނުގައިވާ ޖޮހޯ ބާރޫ ސްޓޭޓަށް ހިނގީ އަށް ދުވަހާ 46 މިނެޓުންނެވެ.
ނޭޓަލީގެ މި 700 ކިލޯމީޓަރު (434 މޭލު) ހުރަސްކުރުމަކީ އޭނާއަށް ލިބެމުންދާ "އަލްޓްރާމެރެތޮން" ކާމިޔާބީތަކަށް އިތުރުވި ބޮޅެކެވެ. އަލްޓްރާމެރެތޮންއަކީ އާއްމު ގޮތެއްގައި މެރެތޮންގެ ދިގުމިންކަމަށް ބަލާ 42 ކިލޯމީޓަރު (26 މޭލު)އަށް ވުރެ ދުރަށް ދުވާ މެރެތޮންތަކެވެ.
ނޭޓަލީއަށް އަލްޓްރާމެރެތޮންގެ ކާމިޔާބީތައް ލިބެން ފެށީ 2019 ގައި އޭނާ ދުވި ފުރަތަމަ މެރެތޮނުންނެވެ. މިހާތަނަށް އޭނާއަށް ވަނީ 10 ފަހަރަށް އެކި އަލްޓްރާމެރެތޮންތަކުން ޗެމްޕިއަންކަން ލިބިފައެވެ. އޭގެ ތެރޭގައި 50 ކިލޯމީޓަރު (31 މޭލު)އިން ފެށިގެން 200 ކިލޯމީޓަރު (124 މޭލު) ދިގުމިނުގެ އަލްޓްރާމެރެތޮންތައް ވެސް ކާމިޔާބުކޮށްފައިވެއެވެ. މި ފަހަރު މެލޭޝިއާ ހުރަސްކުރުމަކީ "ޕްރޮޖެކްޓް 1،000″ ނަމަކަށް ކިޔާ އަލްޓްރާމެރެތޮން ދުވުމެކެވެ. އަމާޒަކީ ތައިލެންޑުން ފަށައިގެން މެލޭޝިއާ ހުރަސްކޮށް ސިންގަޕޫރަށް ދިއުމެވެ.
މި އަލްޓްރާމެރެތޮން ކާމިޔާބުކުރުމަށް ނޭޓަލީ ކޮންމެ ދުވަހަކު 95 ވަރަކަށް ކިލޯމީޓަރު (59 މޭލު)ގެ ރާސްތާއަކަށް ދުވިއެވެ. އެ ގޮތުން ދަންވަރު 12:35 ގައި ވެސް ދުވަން ފެށިއެވެ.
"ކޮންމެ ދުވަހެއްގެ ވެސް އެންމެ ފަހު 20 ކިލޯމީޓަރު (12 މޭލު) ދުވަން އެންމެ އުނދަގޫވީ،" ނޭޓަލީ ބުންޏެވެ.
ނޭޓަލީ މި ދުވުން ކުރިއަށްގެންދިޔައީ ކުޅިވަރުގެ ތެރެއިން އަންހެނުން ކުރިއަރުވަން ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ޖީ.އާރް.އެލް.އެސް.އަށް އެހީވުމަށެވެ.
"ކަސްރަތުކުރުމުގައި އަންހެނުންނާއި ފިރިހެނުންނާ ދެމެދު ވަރަށް ބޮޑު ތަފާތެއް އެބަވޭ. އެ ގޮތުން ކަސްރަތުކުރުމުގައި އަންހެނުން އުޅެނީ 40 ޕަސެންޓް ފަހަތުގައި. ހާއްސަކޮށް ފަގީރުންގެ މެދުގައި. އެ ވެދާނެ ވަސީލަތްތައް ހޯދަން ފޯރުންތެރިކަން ނެތުންކަމަށް. ނުވަތަ ޖިންސީ ތަފާތުކުރުންތަކާ ހެދިކަމަށް. ނުވަތަ ދީނީ އަދި ސަގާފީ ކަންކަމާހުރެ ވެސް ކަމަށް. ޖީ.އާރް.އެލް.އެސް.އިން މަސައްކަތްކުރަނީ މި ކަހަލަ ތަފާތުތައް ނައްތައިލުމަށް،" ނޭޓަލީ ބުންޏެވެ.



advertisment