Support Us

"ޓެބްލީ" ނަމަކަށް ކިޔާ އެޕް ބޭނުންކޮށްގެން ބުޅަލެއްގެ މޫނުމަތީގެ ފޮޓޯއެއް ނަގަނީ

ބުޅާ އުޅެނީ އުފަލުގައިތޯ ބަލައިދޭ އެޕެއް

ޕެޓްގެ ގޮތުގައި ގެންގުޅޭ ބުޅާ އުޅެނީ ތަދާއި ވޭނުގައިތޯ ހޯދައިގަނެވޭ އެޕެއް ކެނެޑާގެ ކުންފުންޏަކުން އީޖާދުކޮށްފިއެވެ.

"ޓެބްލީ" ނަމަކަށް ކިޔާ މި ޓެކްނޯލޮޖީ ތަރައްގީކުރީ Sylvester.ai ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ.

ޖަނަވާރުންގެ ސިއްހަތަށް މަސައްކަތްކުރާ ކުންފުނީގެ މި އެޕް ބޭނުންކުރުމުން ޕެޓްގެ ގޮތުގައި ގެންގުޅޭ ބުޅަލާ ދިމާއަށް ސްމާޓްފޯނުގެ ކެމެރާ ދިއްކޮށްލައިފައި އެ ސޮރު އުޅެނީ ވޭނާއި ތަދުގައިތޯ ބަލައިލެވެއެވެ.

އެޕުން ބަލައިލައި ކަންތައްތަކުގެ ތެރޭގައި ބުޅަލުގެ ކަންފަތާއި ބޯ ހުރީ ކިހިނެތްތޯ ބަލައިލައެވެ. ދެ ލޯވަނީ ކުޑަކޮށްއިފައިތޯ އާއި އަނގަމަތި ހުރީ ފިއްތައިލައިފައިތޯ އާއި އަނގަމަތީގެ ނަރުވާތައް ހުރި ގޮތް ބަލައިގެން ބުޅާ ހުރީ ނުތަނަވަސްކަމެއްގެ ތެރޭގައިތޯ ބަލައިލައެވެ.

ތަޖުރިބާކާރުންވަނީ 2019 ގައި "ސައިންޓިފިކް ރިޕޯޓްސް" ނަމަކަށް ކިޔާ ޖޯނަލްއެއްގައި ބުޅާ އުޅެނީ އުފަލުގައިތޯ ބަލާނެ ގޮތްތައް ކިޔައިދީފައެވެ. އެ ގޮތުން "ފެލައިން ގްރިމޭސް ސްކޭލް" (އެފް.ޖީ.އެސް)އަކީ ބުޅަލަށް ކުރިމަތިވާ ތަދާއި ވޭން ދެނެގަނެވޭ މިންގަނޑެއް ކަމަށް އެ ޖޯނަލްގައިވާ ރިޕޯޓުން ބުންޏެވެ.

"މި އެޕްގެ ސަބަބުން ޕެޓްގެ ގޮތުގައި ބުޅާ ގެންގުޅޭ މީހުންނަށް ބުޅާ އުޅެނީ ތަދާއި ވޭނުގައިކަން އެނގޭނެ. މި އެޕް ތަރައްގީކުރީ އޭ.އި (އާޓިފިޝަލް އިންޓެލިޖެންސް) އަދި އެތައް ބުޅަލެއްގެ މޫނުމަތީގެ ފޮޓޯތައް ދައްކައިގެން މި އޭ.އި 'ތަމްރީން’ކޮށްގެން،" އެޕް ހެދި ކުންފުނީގެ ވެރިޔާ މިޝީ ޕްރީސްޓް ވިދާޅުވިއެވެ.

ތަމްރީންވަމުން އަންނަ ޖަނަވާރުންނާ ބެހޭ ޑޮކްޓަރުން ނުވަތަ ވެޓުންނަށް މި އެޕް ވަރަށް ބޮޑަށް އެހީއަކަށްވާނެ ކަމަށް އެޕްގެ އޭ.އައި އަލްގޮރިދަމް ތަރައްގީކުރި ވައިލްޑް ރޯސް ކެޓް ކްލިނިކްގެ ޑރ. ލިޒް ރުއެލް ވިދާޅުވިއެވެ.

"ބުޅަލާ އެއްކޮށް އަހަރެން އުޅޭހިތްވޭ. އަހަރެން އުޅެ ބޮޑުވީ ބުޅަލާއެކު. އަލަށް ދަސްވެނިވާ ދަރިވަރުންނަށް ބުޅަލުގެ ހާލަތު އެނގުން ދަތިކަމަކަށްވެދާނެ. ސަބަބަކީ ތަޖުރިބާ މަދުވުމުން. މިހެންވެ މި ފަދަ ބުޅަލުގެ ހާލަތު އެނގުމަކީ ވަރަށް އުނދަގޫ މަސައްކަތެއް ކަމަށް އަލަށް މި ދާއިރާއަށް ނުކުންނަ ވެޓުންނަށް ވެދާނެ،" ޑރ. ލިޒް ވިދާޅުވިއެވެ.

މި ފަދަ މުހިންމު އެޕެއް އާންމުންގެ ފަސޭހައަށް މާކެޓަށް ނެރުނަސް ބުޅަލުގެ އެހެން ގުނަންތަކަށް ބެލުމަކީ އަދިވެސް މުހިންމު ކަމެއް ކަމަށް އިނގިރޭސި ވިލާތުގެ ހައިވާނުންނާ ބެހޭ ހިލޭސާބާހަށް މަސައްކަތްކުރާ ދަ ރޯޔަލް ސޮސައިޓީ ފޮ ދަ ޕްރިވެންޝަން އޮފް ކްރުއަލްޓީ ޓު އެނިމަލްސް (އާރް.އެސް.ޕީ.ސީ.އޭ)ގެ އެލިސް ޕޮޓަރ ވިދާޅުވިއެވެ.

"މިސާލަކަށް، ބުޅަލެއްގެ ނިގޫއަށް ބެލުމުން ވެސް އެނގިދާނެ އެ ސޮރުގެ ސިއްހީ ހާލަތު،" އެލިސް ވިދާޅުވިއެވެ.

ކަމަކާ ފިކުރު ބޮޑުވެ ނުވަތަ ބިރުގެންފައިވާ ބުޅަލުގެ ނިގޫ ހުންނާނީ 'ޓެންޝަން’ގައި ކަމަށްވެއެވެ.

"މީގެ އިތުރުން އެ ސޮރުގެ ކެއިންބުއިމާއި ފާހާނާކުރުމާއި ނިދުމުގެ އާދަތައް ކުރިން ވެސް ހުރި ގޮތަށް ހުރިތޯ ބެލުން މުހިންމު،" އެލިސް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *