ދެމެހެއްޓެނި ތަރައްގީގެ މުހިންމު ކަމަށް އިންވެސްޓް ކުރުމުގެ މުހިންމު ކަމާމެދު އެމެރިކާ އާއި ރާއްޖެ މަޝްވަރާކޮށްފިއެވެ.
އެމެރިކާ ސަރުކާރުގެ ވިޔަފާރިއާ ބެހޭ މަންދޫބުގެ އޮފީހާއެކު ރާއްޖެއިން ބޭއްވި ތިންވަނަ "އިންވެސްޓްމަންޓް ފްރޭމްވޯކް އެގްރީމަންޓް ކައުންސިލް" ބައްދަލުވުން ބުދަ ދުވަހު އެމެރިކާގެ ވެރިރަށް ވޮޝިންޓަންގައި ބޭއްވުމަށް ފަހު އެ އިދާރާއިން މިއަދު ބުނީ ދެ ގައުމުގެ އިގުތިސާދީ ގުޅުންތައް ހަރުދަނާ ކުރުމަށް މަޝްވަރާ ކުރި ކަމަށެވެ.
ރާއްޖޭގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ އިގުތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދުއެވެ. އެމެރިކާގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ ދެކުނު އަދި މެދުތެރޭ އޭޝިއާއަށް އެމެރިކާގެ އެ އިދާރާއިން ކަނޑައަޅައިފައި ހުންނަވާ މަންދޫބު ބްރެންޑަން ލިންޗްއެވެ.
ބައްދަލުވުމަށް ފަހު ދެ ގައުމު ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިގުތިސާދީ ތަސައްވަރު މި ބައްދަލުވުމަށް ހުށަހެޅުއްވި ކަމަށާއި އަދި މި އަމާޒުތަކަށް ވާސިލުވުމަށް އެމެރިކާގެ އެހީއަށް ރާއްޖެއިން އެދުނު ކަމަށެވެ.
"ދެ ގައުމުން މަޝްވަރާ ކުރި ކަންތައްތަކުގެ ތެރޭގައި ކޮޕީރައިޓް ރައްކާތެރި ކުރުމާއި އިންވެސްޓްމަންޓް މާހައުލަކީ ދެ ފުށް ފެންނަ ވެއްޓަކަށް ހެދުމުގެ މުހިންމު ކަމަށް ބަލައިލި،" ގުޅިފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
ރާއްޖެއިން ހުށަހެޅި ކަންތައްތަކުގެ ތެރޭގައި ޑިޖިޓަލް ކޮންޓެންޓް އުފެއްދުމާއި ފަންނާނުންގެ އުފެއްދުންތެރިކަމާއި ދުނިޔޭގެ ވިޔަފާރީގެ ޕްލެޓްފޯމްތަކުގައި ދިވެހި ވިޔަފާރިވެރިންނަށް ފުރުސަތުތައް ފަހި ކުރުން ހިމެނެއެވެ. އެ ގޮތުން މާލީ ދާއިރާ އާއި ކަނޑުތަކުގެ ވަސީލަތްތައް ބޭނުން ކުރުމާއި ރިއަލް އެސްޓޭޓާއި ޓޫރިޒަމް ދާއިރާގައި ހުރި އިންވެސްޓް ކުރެވިދާނެ ފުރުސަތުތަކަށް އަލިއަޅުވައިލައިފައިވެއެވެ.
އެމެރިކާ އާއި ރާއްޖެއިން ވެސް ވަނީ ދެ ގައުމުން ގުޅިގެން މަސައްކަތްތެރިންގެ ހައްގުތަކާއި ޑިޖިޓަލް ވިޔަފާރި އާއި ތިމާވެށި ރައްކާތެރިކުރުމަށް އެއްބަސްވެފައެވެ. އެއީ މަސައްކަތްތެރިންނާއި ހުރިހާ ސައިޒެއްގެ ވިޔަފާރިތަކަށް ދެ ގައުމުން ގުޅިގެން ވިޔަފާރި އަދި އިންވެސްޓްމަންޓް ފައިދާ ފޯރުކޮށްދިނުމަށެވެ.
ރާއްޖޭގެ ވިޔަފާރި އާއި އިންވެސްޓްމަންޓް މާހައުލު ކުރިއެރުވުމަށްޓަކައި ކުރިއަށްގެންދާ އިގުތިސާދީ އިސްލާހީ މަސައްކަތްތަކަށް ދެ ގައުމުން އަލިއަޅުވައިލިއެވެ. އަދި މަސައްކަތްތެރިންނަށް ފޯކަސް ކޮށްގެން ވިޔަފާރި ކުރިއެރުވުމާއި ރާއްޖެއިން ދާދި ފަހުން ފާސްކުރި "އިންޑަސްޓްރިއަލް ރިލޭޝަންސް އެކްޓް އެންޑް އޮކިއުޕޭޝަން ސޭފްޓީ އެންޑް ހެލްތު އެކްޓް" ނުވަތަ ސިނާއީ ގުޅުންތަކާއި މަސައްކަތު ދާއިރާގެ ރައްކާތެރިކަމާއި ސިއްހީ ރައްކާތެރިކަމާ ގުޅޭ ގާނޫނަށް އެމެރިކާއިން ތައުރީފުކުރިއެވެ. މިއީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ހައްގުތައް ރައްކާތެރި ކުރުމަށް ކުރިއަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް އެމެރިކާއިން ފާހަގަ ކުރިއެވެ.
ދުނިޔޭގެ ވިޔަފާރި ޖަމިއްޔާ ކަމަށްވާ ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ "އެގްރީމަންޓް އޮން ޓްރޭޑް ފެސިލިޓޭޝަން" ނުވަތަ ވިޔަފާރިއަށް މަގުފަހިކުރާ މުއާހަދާގެ ގިނަ ބައިތައް ރާއްޖެއިން ތަންފީޒު ކުރާތީ އެމެރިކާ ސަރުކާރުން އެ ކަމަށް މަރުހަބާކިއެވެ. އަދި މިހާރު އަމަލު ނުކުރާ ބައިތަކަށް ކުރިމަގުގައި އަމަލު ކުރުމަށް އެމެރިކާ ހިމެނޭ ގޮތަށް ރާއްޖެއަށް އެހީ ދޭ ފަރާތްތަކާއެކު މަސައްކަތް ކުރުމަށް އެމެރިކާއިން އެދުނެވެ. މީގެ އިތުރުން ދެ ގައުމުގެ ވެސް ލާބައަށްޓަކައި ދެ ގައުމުގެ ދެމެދުގައި އޮތް އިގުތިސާދީ ގުޅުންތައް އިތުރަށް ހަރުދަނާ ކުރަން މަސައްކަތް ކުރާނެ ކަމަށް، ރާއްޖެ އާއި އެމެރިކާއިން ނެރުނު ގުޅިފައިވާ ބަޔާނުގައި ބުންޏެވެ.



advertisment

