Support Us

އެޗްޑީސީން ޑިސެބިލިޓީ އެމްބެސެޑަރުން އައްޔަންކޮށްފި

އެޗް.ޑީ.ސީން ކުރަމުން އަންނަ މަސައްކަތްތަކުގައި މުޖުތަމައުގެ އެންމެހާ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ޝާމިލުކުރުމުގެ ގޮތުން "ޕާސަންސް ވިތް ޑިސެބިލިޓީ" ނުވަތަ ޕީ.ޑަބްލިޔު.ޑީ އެމްބެސެޑަރުންގެ ގޮތުގައި ދެ މީހަކު އައްޔަންކޮށްފިއެވެ.

ލާމެހިފައިވާ ވެއްޓެއް ގާއިމުކުރުމުގެ ތަސައްވުރުގެ ތެރެއިން، މި އަހަރުގެ ބައިނަލްއަގުވާމީ ނުކުޅެދުންތެރިންގެ ދުވަހު އެޗް.ޑީ.ސީގެ ޕީޑަބްލިޔުޑީ އެމްބެސެޑަރުންގެ ގޮތުގައި އައްޔަންކޮށްފައި ވަނީ އެ ކުންފުނީގެ ހިއުމަން ރިސޯސް މެނޭޖްމަންޓްގެ އާމިނަތު އިރާޝާ އާއި ސެންޓްރަލް އޮޕަރޭޝަންސްގެ އަޙްމަދު ނަޖީބެވެ. އެ ދެ އެމްބެސެޑަރުންގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ އޮކްޓޫބަރު މަހަށެވެ.

ދެ އެމްބެސެޑަރުންނާ އެކު ސޮއިކުރި ފަހުމުނާމާގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހަމަހަމަ ފުރުސަތެއް ހޯދައިދިނުމަށް އެ މީހުންގެ ޚިޔާލާއި މަޝްވަރާއާއި ކަންބޮޑުވުންތައް މެނޭޖްމަންޓަށް ހުށަހެޅުމުގައި ދެ އެމްބެސެޑަރުން އެހީވާނެ ކަމަށް އެޗް.ޑީ.ސީން ބުނެއެވެ.

"މީގެ އިތުރުން ވެސް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ގުޅޭ މަސައްކަތްތައް ޑިޕާޓްމަންޓްތަކުން ކުރިއަށްގެންދޭތޯ ބެލުމުގައާއި، ހުޅުމާލޭގައި ކުރިއަށްގެންދާ މަޝްރޫއުތައް ކުރިއަށްދަނީ އެންމެންނަށް ބައިވެރިވެވޭ ގޮތަށްކަން ކަށަވަރުކުރުމުގައި މި ކޯޕަރޭޝަނަށް އެމްބެސެޑަރުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އެންމެންނަށް ފަހި ތަނެއްގެ ގޮތުގައި ހުޅުމާލެ ބިނާކުރެވޭނީ މުޅި މުޖުތަމަޢުގެ އެއްބާރުލުމާއެކީގައެވެ. މި ކޯޕަރޭޝަނުން އައްޔަންކުރި އެމްބެސެޑަރުން މަސައްކަތްކުރާނީ ރައްޔިތުންގެ ޚިޔާލުތަކާއި ބޭނުންތައް ދެނެގަނެ، އެ ކަންކަން ހަގީގަތަކަށް ހެދުމަށެވެ. މަގުތަކާއި އާންމު ސަރަހައްދުތައް ތަރައްގީކުރުމުގައި ވެސް އަޅުގަނޑުމެން ދެމިތިބޭނީ މި އަޒުމުގައެވެ." އެޗް.ޑީ.ސީގެ ބަޔާނެއްގައިވެއެވެ.

"މި ކޯޕަރޭޝަންގެ އެންމެ ބޮޑު އެއް އަމާޒަކީ ހުޅުމާލެއަކީ އެންމެހައި ރައްޔިތުންނަށް ބޭނުންކުރަން ފަސޭހަ، އެންމެންގެ ބައިވެރިވުން އެކުލެވޭ ރަށަކަށް ހެދުން. އަދި، ވަސީލަތްތަކާއި، މަސައްކަތުގެ މާޙައުލާއި މުޅި ހުޅުމާލެއަކީ ވެސް ލާމެހިފައިވާ ވެއްޓަކަށް ހެދުން،" ހިއުމަން ރިސޯސް މެނޭޖްމަންޓްގެ އެކްޓިން ހެޑް މުހައްމަދު ހިސާން ވިދާޅުވިއެވެ.

"ހުޅުމާލެއަކީ އެންމެންނަށް ހިތްފަސޭހަ ތަނަކަށް ހެދުމުގައި އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތް ކުރަމާ ހިންގަވާ!"

އެޗް.ޑީ.ސީން ބުނީ މި ފަދަ އެއްވެސް ކަންބޮޑުވުމެއް ހިއްސާކުރަން ބޭނުން ނަމަ، ކުރިއެކޭ ވެސް އެއްގޮތަށް އެ ކޯޕަރޭޝަންގެ ހޮޓްލައިން 1516 އަށް ގުޅައިގެން އެކަން ހިއްސާކުރެވޭނެ ކަމަށެވެ.