Support Us

ކޮލަމް ކޯދު: ހަޔާތެއްގެ ވަށަ ރޮނގެއް- ފަރުބަދައެއް ގުޑުވާލި މީހާގެ ވާހަކަ

ދަޝްރަތު މާންޖީއަކީ އިންޑިޔާގެ ބިހާރު ސުޓޭޓުގެ ގާޔާއޭ ކިޔޭ ރަށު ކައިރީގައި އޮންނަ އަވަށެއް ކަމުގައިވާ ގެހެލައުރުގެ މީހެކެވެ. އޭނަ އުފަންވީ 1934 ވަނަ އަހަރުއެވެ. ނިޔާވީ 2007 ވަނަ އަހަރުގައި އުމުރުން 73 އަހަރުގައެވެ. އޭނަ މަޝްހޫރުވެފައި ވަނީ 'ފަރުބަދައެއް ގުޑުވާލި' މީހާގެ ނަމުންނެވެ. އާދެ، އޭނަގެ އަވަށުން ސިއްހީ ޚިދުމަތް ފަދަ އަސާސީ ޚިދުމަތްތައް ފަސޭހައިން ލިބެން އޮންނަ މައި ރަށަށް ދިޔުމުގެ މަގު ކުރުކޮށްލުމުގެ ގޮތުން، އެކަނިމާއެކަނި، ފަރުބަދައެއް ކަނޑައިގެން މަގެއް އޭނާ ހެދިއެވެ.

ދަޝްރަތު މާންޖީ ކުޑައިރު އޭނަގެ އަވަށް ދޫކޮށްލާފައި އެކި ތަންތަނުގައި މަސައްކަތް ކުރިއެވެ. ފަރުބަދަތަކުން ދެލި ކެނޑުމުގެ އޭނަގެ ކުޑަ ދުވަސްވަރު ހޭދަކޮށްލުމަށް ފަހު، އެނބުރި އޭނަގެ އަވަށް ކަމުގައިވާ ގެލަހޫރަށް އައިސް ކައިވެނި ކުރިއެވެ. އޭނަގެ އަވަށަކީ ހަމަ ބިމުގެ އަވަށެއް ކަމުގައި ވިޔަސް އެ އަވަށް ވަށައިގެން ފަރުބަދަ އޮވެއެވެ. އެހެންވެ، އެ އަވަށާ އެންމެ ކައިރީގައި އޮންނަ މައި ރަށް ކަމުގައިވާ ވަޒީރުގާންޖުއަށް ދިޔުން އެހާ ފަސޭހައެއް ނޫނެވެ.

ދަޝްރަތު މާންޖީ ދަނޑުވެރި މަސައްކަތު މީހެއްގެ ގޮތުގައި މަސައްކަތް ކުރިއެވެ. އެ ގޮތުގައި ދިރިއުޅެމުން ދިޔައެވެ. ދެން، އެއް ދުވަހަކު، އޭނަ އަންހެނުން ފަރުބަދަމަތީ މަސައްކަތުގައި އުޅެނިކޮށް ވެއްޓި އަނިޔާވިއެވެ. ބުނެވޭ ގޮތުގައި އަންހެނުން ވެއްޓެން ދިމާވީ ދަޝްރަތު އަށް ފެނާއި ކާއެއްޗެހި ހިފައިގެން ފަރުބަދަމަތިން ހަނި މަގަގުން ދާންޖެހުމުގެ ސަބަބުންނެވެ. އަދި ބައެއް ޚަބަރުތައް ބުނާ ގޮތުގައި މިކަން ދިމާވީ ކޮންމެވެސް އެހެން މީހަކަށެވެ.

އެއީ ކޮންމެ މީހަކު ކަމުގައި ވިޔަސް އެމީހަކަށް ބޭނުންވާ ސިއްހީ ފަރުވާދޭން، ފަސޭހައިން ދެވޭނޭ ރަށެއް ކައިރިއަކު ނެތެވެ. ދެން، ދަޝްރަތު މާންޖީ ނިންމީ ފަރުބަދަ ކަނޑައި މަގެއް ހަދާށެވެ. ދަޝްރަތު މާންޖީގެ އަވަށުގެ މީހުންނަށް ބޭނުން ޖެހޭ ކަންކަން ފުއްދުމަށް ކައިރީގައި އޮންނަ ރަށަކަށް ފަސޭހައިން ދިޔުމުގެ މަގު ފަހިކޮށްދިނުމަށްޓަކައެވެ.

ދަޝްރަތު މާންޖީ ފަރުބަދަ ކެނޑުމުގެ މަސައްކަތް ފެށީ އޭނަގެ އަމިއްލަ އަތުންނެވެ. މަރުތޭލައަކާއި ވަޑާން ކައްޓެއް ބޭނުން ކޮށްގެންނެވެ. އަދި 22 އަހަރު ދުވަހުގެ ތެރޭގައި 110 މީޓަރު ދިގު، (ބައެއް ހިސާބު ހިސާބުގައި އަށެއްކަ މީޓަރު ފުން)، ނުވަ މީޓަރު ފުޅާ މަގެއް ފަރުބަދަ ތެރެއިން ކަނޑައި ހެދިއެވެ. މި މަސައްކަތް އޭނަ ފެށީ 1960 ވަނަ އަހަރުއެވެ. ނިންމާލެވުނީ 1982 ވަނަ އަހަރުއެވެ. ބާވީސް އަހަރަށް ފަހު، އޭނަގެ މަސައްކަތް ނިންމާލުމުން، އޭނަގެ އަވަށުން ވަޒީރުގާންޖު އަށް ދާން ކުރަން ޖެހޭ ދަތުރުގެ ދިގުމިން 55 ކިލޯ މީޓަރުން 15 ކިލޯމީޓަރަށް ކުރުވެގެން ދިޔައެވެ.

އަމިއްލަ އަތުން ފަރުބަދަ ކަނޑައިގެން މަގެއް ހެދުމުގެ މި މަސައްކަތް ފެށުމުން އޭނައަކީ ބުއްދި ގޯސްވެފައިވާ މީހެއް ކަމުގައި އޭނަގެ އަވަށުގެ މީހުން ދުށްޓެވެ. އާދެ، މަރުތޭލައަކާއި ވަޑާން ކަށްޓެއް ހިފައިގެން ފަރުބަދައެއް ކަނޑަން އުޅޭނީ، އާންމުންގެ ނަޒަރުގައި، މޮޔައެއްތާއެވެ! އޭނާއާ ދިމާއަށް މީހުން ކުރި މަލާމާތް އޭނަގެ މަސައްކަތް ހުއްޓާލަން ޖެހޭ ކަމަކަށް ނުވިއެވެ. އަދި ކިއެއް ހެއްޔެވެ؟ އެކަންވީ އޭނައަށް އިތުރު ހިއްވަރެއް ލިބުނު ކަމަކަށެވެ. އާނަގެ އަޒުމު އެކަތައަށް ހަދާލި ކަމެއްކަމުގައެވެ.

ފަހުން، ދަޝްރަތު މާންޖީގެ މަސައްކަތުގެ އަގު ވަޒަންކޮށް އިނާމު ދިނެވެ. އަދި، އޭނަ މަސައްކަތް ކުރަމުން ދިޔައިރު، ބައެއް މީހުން އޭނައަށް އެހީވެދިނެވެ. ކާނޭ އެއްޗެހި ގެނެސް، އަދި އޭނަ ބޭނުންވި ބައެއް މަސައްކަތު ސާމާނު ގަނެދީއެވެ. މީގެ އިތުރުން، ބިހާރު ސުޓޭޓުން އާނަގެ މަސައްކަތުގެ އަގު ވަޒަންކޮށް އިނާމު ދިނެވެ. މީގެ އިތުރުން، އޭނަގެ ނަމުގައި އިސްޓޭމްޕެއް ވެސް ނެރުނެވެ.

ދަޝްރަތު މާންޖީގެ ވާހަކައިން ލިބޭ ފިލާވަޅަކީ ކޮބައި ހެއްޔެވެ؟ ނުގުޑާނޭ އަޒުމަކާއެކު، ކެރިގެން މަސައްކަތްކޮށްފި ނަމަ ފަރުބަދަފަރުބަދަ ވެސް ގުޑުވާލެވިދާނޭ ކަމެވެ! އާދެ، ނުކުރެވޭނޭ ވަރު ކަމެއް ނޯންނާނޭކަން ދަޝްރަތު މާންޖީގެ ސިޔަރަތުން އެނގެއެވެ.