މިދިޔަ ފެބްރުއަރީ މަހު އާދަޔާ ހިލާފު ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލްވިއެވެ. ދައުރުވަމުންދިޔަ މި ވީޑިއޯއިން ފެންނަނީ، މިސްރުގެ މޭވާ ވިއްކާ މީހަކު، ޣައްޒާގެ ރަފަހްއަށް އެހީ ފޯރުކޮށްދޭން ދަތުރު ކުރަމުންދިޔަ ލޮރީތަކެއްގެ ތެރެއަށްވާގޮތަށް އޮރެންޖް އުކަމުންދިޔަ މަންޒަރެވެ.
އުމުރުން 53 އަހަރުގެ އަލް-ފަޚާނީ ރަބީ ހުސައިން، ނުވަތަ ވަނަމުން ނަމަ "ބޮޑުބޭބެ ރަބީ" އަކީ ދެކުނު މިސްރުގައި މޭވާ ވިއްކާ މީހެކެވެ. ޣައްޒާގެ އަހުލުވެރިންގެ ބަނޑުހައިހޫނު ކަމަށް އޭނާއަށް ވީވަރަކުން، އެއީ ކުޑަމިންވަރެއް ވިޔަސް، އެހީވުމުގެ މި ރަމްޒީ އަމަލުގެ ސަބަބުން އޭނާގެ އަތުގައި ވަނީ ނަސީބު ހިފައިފައެވެ؛ އޭނާ މި ވަގުތު ހުރީ ސައޫދީ އަރަބިއްޔާގައި ހައްޖުގެ މަތިވެރި އަޅުކަން ފުރިހަމަ ކުރާށެވެ.
ރަބީއަށް ލިބުނު މި ހައްޖަކީ އޭނާގައި ހުރި މަތިވެރި އިންސާނިއްޔަތުކަން ފެނިފައި މިސްރުގެ ވިޔަފާރިވެރިއެއް، އޭނާގެ މުޅި ހައްޖުގެ ހުރިހާ ހަރަދެއް ބަލަހައްޓާ ގޮތަށް، އޭނާ ސްޕޮންސަރ ކުރުމުން ލިބުނު ހައްޖެކެވެ.
މައްކާ އަދި މަދީނާގައި ރަބީ އަޅުކަން ކުރަމުން ދިޔަ މަންޒަރު ހިމެނޭ ވީޑިއޯތައް ސޯޝަލް މީޑިއާގައި މިހާރު ވަނީ ވައިރަލްވެފައެވެ.
މިހާ ހިސާބުން އުފެދޭ ސުވާލަކީ މިސްރާއި ރަފަހް ގުޅޭ ބޯޑަރާ ދިމާއަށް ދުއްވަމުން ދިޔަ ލޮރީތަކުގެ ތެރެއަށް ވާގޮތަށް ރަބީ އޮރެންޖް އުކީ ކީއްވެބާވައެވެ؟
އަލްޖަޒީރާއަށް ދިން އިންޓަވިޔުއެއްގައި ރަބީ ބުނީ އޭނާގެ "ހިތް ވަނީ ޣައްޒާގައި ދިރިއުޅޭ ފަލަސްތީނު މީހުންނާ އެކުގައި" ކަމަށެވެ.
"އަހަރެން ބޭނުންވަނީ އެ މީހުން ސަލާމަތާއި ރައްކާތެރިކަމާއެކު ދިރިއުޅެން. އަހަރެމެން އަރާމުގައި ނިދާ ގޮތަށް އެ މީހުން ވެސް އަރާމުގައި ނިދުމަށް. އަހަރެމެން އުފަލުގައި ދިރިއުޅޭ ގޮތަށް އެ މީހުން ވެސް އުފަލުގައި ދިރިއުޅެން،" ރަބީ ބުންޏެވެ.
An Egyptian fruit seller who was seen throwing oranges into an aid truck heading for Gaza has been given the opportunity to perform Hajj. pic.twitter.com/kRAH6911RM
— ilmfeed (@IlmFeed) June 15, 2024
އޭނާ ބުނީ ލޮރީތަކަށް އޮރެންޖްތަކެއް އުކީ ދުރާލާ މާބޮޑު ވިސްނުމެއް ނެތި އެ ވަގުތު އެހެން ހަދަން ހިތަށް އެރުމުން ކަމަށެވެ. ނަމަވެސް ޣައްޒާގައި ކާބޯތަކެތި ލިބުން ދަތިވެގެން ފީވެފައިވާ ކައްޓަލަ ޣައްޒާގެ އަހުލުވެރިން ކޭ މަންޒަރު މީޑިއާއިން ފެނިފައިވާ ކަމަށް ރަބީ ބުންޏެވެ.
ކައިރޯ24އަށް ދިން އިންޓަވިޔުއެއްގައި ރަބީ ބުނީ ޣައްޒާގައި ބަނޑަށްޖެހިފައިވާ ފަލަސްތީނުގެ އަހުލުވެރިންނާމެދު އޭނާ ކަންބޮޑުވާ ކަމަށެވެ. އަދި މިހެންވެ ފަލަސްތީނުގެ ޖިހާދަށް އޭނާ ގުރުބާންވާ ތައްޔާރު ކަމަށެވެ.
"ޣައްޒާގެ ރައްޔިތުންނަށް އެހީވާން ތައްޔާރަށް ތިބި މިސްރު މީހުންނަކީ ހަމައެކަނި އަހަރެންނެއް ނޫން،" ރަބީ ބުންޏެވެ.