Support Us

ޒަހަމްވެފައިވާ ފަލަސްތީން ކުޑަކުދިންނަށް ކޮލޮމްބިއާއިން ފަރުވާދެނީ

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާގައި ޒަހަމްވަމުންދާ ފަލަސްތީނުގެ ކުޑަކުދިން ކޮލޮމްބިއާއަށް ގެންގޮސް ފަރުވާދޭނެ ކަމަށް އެ ގައުމުން ބުނެފިއެވެ.

ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ ކޮލޮމްބިއާއިން ފަލަސްތީނު ބަލައިގެންފައިވަނީ 2018 ވަނަ އަހަރުއެވެ. އަދި މިހާރު އެ ގައުމަކީ އިސްރާއީލަށް އެންމެ ބޮޑަށް ފާޑުކިޔާ އިސްރާއީލުގެ ހަތުރެކެވެ.

"ފަލަސްތީނުގެ ކުޑަކުދިންނަށް އިންސާނީ އެހީދޭން ނިންމައިފިން. އެ ކުދިން އެ ކުދިންގެ އާއިލާތަކާއެކު ކޮލޮމްބިއާއަށް ގެންނާނަން. އަދި ސިއްހީ ފަރުވާ ދީ، ދުޅަހެޔޮ ކުދިންތަކެއްގެ ގޮތުގައި މުޖުތަމައަށް ނެރެން މަސައްކަތް ކުރާނަން،" ކޮލޮމްބިއާގެ ހާރިޖީ ވަޒީރުގެ ނައިބު އެލިޒަބަތު ޓޭލާ ޖޭ ވިދާޅުވިއެވެ.

އޭނާ މިހެން ވިދާޅުވީ ޔޫރަޕްގެ ގައުމެއް ކަމަށްވާ ސްވިޑްންއަށް ކޮލޮމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ މިހާރު ކުރައްވަމުން އަންނަ ރަސްމީ ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވެ.

ކޮލޮމްބިއާއަށް ގެންދާނީ ފަލަސްތީނުގެ ކިތައް ކުޑަކުދިން ކަމެއް އެލިޒަބަތު ވިދާޅެއް ނުވެއެވެ. އަދި ހަނގުރާމަ ހިނގަމުންދާ ޣައްޒާއިން އެ ކުދިން ނެރޭނީ ކިހިނެތް ކަމެއް ވެސް ވިދާޅެއް ނުވެއެވެ.

މިދިޔަ އަހަރު ދުނިޔޭގައި ކުޑަކުދިންނާ ދެކޮޅަށް އިންސާނީ ޖަރީމާ ހިންގި ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރިއަށް އަންނަނީ އިސްރާއީލު ކަމަށް އދ.އިން މިހާރު ވަނީ ބުނެފައެވެ.

ކޮލޮމްބިއާއިން މި ދިޔަ މަހު ބުނީ އެ ގައުމާ އިސްރާއީލާ ދެމެދު އޮތް ގުޅުން ކަނޑާލަން ނިންމާފައިވާ ކަމަށާއި ހުޅަނގު އައްސޭރީގެ ރާމަﷲގައި އެމްބަސީއެއް ހުޅުވާނެ ކަމަށެވެ.

ފަލަސްތީނާއި އިސްރާއީލު ކުރަމުންދާ ހަނގުރާމަ މިހާރު ވަނީ މުޅި މެދުއިރުމައްޗަށް ހުޅުފަޅައިގެން ގޮސްފާނެ ހިސާބެއްގައެވެ. އަދި ދުނިޔޭގެ ގައުމުތަކުން ވެސް މިހާރު ދަނީ އިސްރާއީލާ ދެކޮޅަށް ފާޅުގައި އަޑު އުފުލަމުން، އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އަޅަމުންނެވެ. މިއީ އިސްރާއީލު އުފެއްދިތާ މިވީ 75 އަހަރުގެ ތެރޭގައި ކުރިން ނުފެންނަ ކަންތައްތަކެވެ.

އިސްރާއީލުން ބުނީ ލުބްނާންގެ ހިޒްބުﷲއިން މިހާރު ފާޅުގައި ފުޅާކޮށްލާފައިވާ އިސްރާއީލަށް ދޭ ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ ގަލިލީ ސަރަހައްދުގައި ނުނިވިގެން އުޅޭ އަލިފާންގަނޑެއް ފެތުރެމުންދާ ކަމަށެވެ. މިއީ މިއަދު ހުއްޓުމެއްނެތި ހިޒްބުﷲއިން އިސްރާއީލަށް ފޮނުވައިލި 150 ރޮކެޓް ހަމަލައިގެ ސަބަބުން ފެށިފައިވާ އަލިފާންގަނޑެއް ކަމަށް އިސްރާއީލުން ބުންޏެވެ.

އިސްރާއީލުން އިތުރަށް ބުނީ ގަލިލީގައި ހުރި ޔަހޫދީންގެ ގެތައް ސަލާމަތް ކުރެވުނު ކަމަށް ވިޔަސް އެ ސަރަހައްދުގައި އަދިވެސް އަލިފާންގަނޑު ދަނީ ފެތުރެމުން ކަމަށެވެ. އަދި 1967 ގައި ސީރިއާއާދެކޮޅަށް ކުރި ހަނގުރާމައިގައި އިސްރާއީލުން ހިފައިފައިވާ ސީރިއާގެ ސަރަހައްދެއް ކަމަށްވާ ގޮލަން ހައިޓްސްއަށް ވެސް މި އަލިފާންގަނޑު މިހާރު ފެތުރިފައިވާ ކަމަށް އިސްރާއީލުން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *