އިންޑިއާގެ އާއްމު އިންތިހާބުގައި ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ކޯލިޝަނަށް ސީދާ އަޣުލަބިއްޔަތެއް ނުލިބުމުން، އޭނާއަށް މަރުހަބާ ދެންނެވުމުގައި ދުނިޔޭގެ އިސް ބައެއް ވެރިން ފަސްޖެހިއްޖެއެވެ.
އަންގާރަ ދުވަހުގެ ރޭ އިއުލާން ކުރި ޕްރިލިމިނަރީ ނަތީޖާތަކުން ދެއްކި ގޮތުގައި 543 ގޮނޑި ހިމެނޭ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ކަމަށްވާ ލޮކް ސަބާގައި މެޖޯރިޓީ ކަމަށް ބެލެވޭ 272 ގޮނޑީގެ ތެރެއިން މޯދީގެ ބާރަތިޔާ ޖަނާތާ ޕާޓީ (ބީ.ޖޭ.ޕީ)އަށް ލިބިފައިވަނީ 240 ގޮނޑިއެވެ. އަދި އެ ޕާޓީއާ ގުޅިފައިވާ ނެޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެން.ޑީ.އޭ)ގެ ކޯލިޝަނަށް ލިބިފައިވަނީ މުޅިއެކު 292 ގޮނޑި ކަމަށްވާތީ މި މަހުގެ މެދުތެރޭގައި އުފައްދާ އާ ސަރުކާރުގައި މޯދީ ތިން ވަނަ ދައުރަކަށް ހޮވޭނެއެވެ.
މިއީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި މޯދީ ކޯލިޝަން ސަރުކާރެއް އުފައްދަވަން ޖެހިވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އަދި މިހެންވެ އިންޑިއާ އާ ގާތް ރަހްމަތްތެރިކަމެއް ބާއްވާ އޭޝިއާ ބައްރުގެ ބައެއް ގައުމުތަކާއި ޔޫރަޕްގެ އިއްތިހާދުގެ ބައެއް ގައުމުތައް ފިޔަވާ އެހެން ގައުމުތަކުން މޯދީއަށް މަރުހަބާ ކިޔުން ވަނީ މަޑުޖައްސައިލައިފައެވެ.
އިންޑިއާއާ މިހާރު އެންމެ ގާތް ގުޅުމެއް ބާއްވާ އެއް ގައުމު ކަމަށްވާ އެމެރިކާއިން ބުނީ އިންޑިއާގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނުން އިންތިހާބުގެ އާހިރު ނަތީޖާ ނެރެންދެން މޯދީއަށް މަރުހަބާ ނުކިޔާ މަޑުކޮށްލަނީ ކަމަށެވެ. އެ ގޮތުން އެމެރިކާގެ އިތުރުން އިނގިރޭސި ވިލާތާއި ރަޝިޔާއިން ވެސް ވަނީ މޯދީއަށް މަރުހަބާ ކިޔުން ފަސްކޮށްލައިފައެވެ. ނަމަވެސް އިޓަލީ، ޖަޕާން، ޗައިނާ، އިސްރާއީލް، ބަނގްލަދޭޝްގެ އިތުރުން ބައެއް ދެކުނު އޭޝިއާގެ ގައުމުތަކުން ވަނީ މޯދީގެ މި ތާރީހީ ކާމިޔާބަށް މަރުހަބާ ކިޔައިފައެވެ. އޭގެ ތެރޭގައި ދިވެހި ރާއްޖެ ވެސް ހިމެނެއެވެ.
އެމެރިކާގެ ހާރިޖިއްޔާގެ ތަރުޖަމާނު މެޓްހިއު މިލަރ ރޭ ވިދާޅުވީ އެމެރިކާއިން ވަކި އެއްޗެއް ބުނާނީ އިންތިހާބުގެ ހުރިހާ ވޯޓުތައް ގުނާ ނިމުމުން ކަމަށެވެ.
"އަހަރެމެންނަށް އެނގިފައިވާ ގޮތުގައި އިންތިހާބުގެ ނަތީޖާތައް މުޅިއަކުން އަދި ނޭނގޭ. އަދި އެއްވެސް އިންތިހާބެއްގައި އެ އިންތިހާބުގައި ކާމިޔާބު ލިބުނު ފަރާތްތަކާއި ނާކާމިޔާބުވި ފަރާތްތަކާމެދު ވަކި އެއްޗެއް ބުނުމަކީ އަހަރެމެންގެ އުސޫލެއް ނޫން،" މެޓްހިއު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިންޑިއާގެ 900 އަށް ވުރެ ގިނަ މިލިއަން މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންދިޔަ މި އިންތިހާބުގައި 600 އަށްވުރެ ގިނަ މީހުން ވޯޓުލައި، މިއީ ދުނިޔޭގެ ތާރީހުގައި ވެސް ޑިމޮކްރެސީގެ އެންމެ ބޮޑު ހަރަކާތަށް ވެގެންދިޔަ ކަމީ، އެމެރިކާއަށް މި އިންތިހާބުން އެންމެ މުހިންމު ކަމެއްކަން ފާހަގަ ކުރެވުނު ކަން ކަމަށެވެ.
"އެމެރިކާ ސަރުކާރުގެ ފަރާތުން އަހަރެމެން ބުނަން ބޭނުންވަނީ މިހާ ބޮޑު އިންތިހާބެއް ކާމިޔާބު ކަމާއެކު ބޭއްވުމުން އިންޑިއާ ސަރުކާރަށާއި ރައްޔިތުންނަށް ހިތްވަރުދޭ ކަމަށް. އަހަރެމެން މިހާރު މި އިންތިޒާރު ކުރަމުންދަނީ އިންތިހާބުގެ އާހިރު ނަތީޖާއަށް،" މެޓްހިއު ވިދާޅުވިއެވެ.
އެމެރިކާއެކޭ އެއްފަދައިން އިންޑިއާ އާ ގާތް ގުޅުމެއް ބާއްވާ ރަޝިޔާއިން ވެސް ބުނީ މޯދީއަށް މަރުހަބާ ކިޔާނީ އިންތިހާބުގެ އާހިރު ނަތީޖާ އެނގުމުން ކަމަށެވެ. އެ ގޮތުން އޭގެ ފަހުން ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން، މޯދީއާ ވާހަކަ ދައްކަވާނެ ކަމަށް ޕުޓިންގެ މުސްތަޝާރެއް ކަމަށްވާ ޔޫރީ އުޝަކޯފް ވިދާޅުވިއެވެ.
"އަހަރެމެންނަށް ބެލެވެނީ މޯދީ، ޕުޓިން އާ ވާހަކަ ދައްކަވަން ބޭނުންވާނީ އާހިރު ނަތީޖާ އެނގުމުން ކަމަށް. ނަމަވެސް މިހެން ބުނާއިރު ވެސް، އިންތިހާބު ކާމިޔާބު ކުރެއްވީ ކާކުކަން މިހާރު ވެސް އަހަރެމެންނަށް އެނގޭ،" ޔޫރީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ގޮތަށް ބެލީ އެގްޒިޓް ޕޯލްތަކުގެ ނަތީޖާތަކަށް ބަލާފައި ކަމަށެވެ. އެގްޒިޓް ޕޯލްއަކީ ވޯޓު ލީ މީހުން ވޯޓު ލީ ކިހިނެތްކަން ހޯދައިގަންނަ ތަފާސްހިސާބަށް ބަލައިލުމެކެވެ.
ދުނިޔޭގެ އިސްވެރިން މަރުހަބާގެ މެސެޖްތައް އާއްމު އުސޫލެއްގެ ގޮތުން ފޮނުވަނީ އިންތިހާބުގެ އާހިރު ނަތީޖާ ނެރޭ ދުވަހުއެވެ.



advertisment