Support Us

ކޮލަމް ކޯދު: މީހަކު ބުނާ ވާހަކައެއް

މިތުރާއި ހަތުރާ މި ދެ ލަފްޒުގެ ދެމެދުގައި އޮތް ތަފާތަކީ ހަމަ އެންމެ އަކުރެއްގެ ތަފާތެވެ. ހަމަ އެހެންމެ، ފަހުމާއި ވަހުމާއި މި ދެ ލަފްޒުގެ ވެސް ތަފާތަކީ ހަމަ އެންމެ އަކުރެކެވެ. ހަމަ އެހެންމެ، ދަވާއު (ބޭސް) އާއި ދާއު (ބަލި) މި ދެ ލަފްޒުގެ ވެސް ތަފާތަކީ ހަމަ އެންމެ އަކުރެއްގެ ތަފާތެވެ. ހަމަ އެހެންމެ، ޚަބަރާއި ހަބަރު ވެސް ހަމަ އެފަދައެވެ. އެކަތި ފޮނި އެއްޗަކަށްވުމުގެ އެކަށޭނަކަން އޮތް އިރު އަނެކައްޗަކީ ހަމަ މުޅިން ހިތި އެއްޗެކެވެ. އަދި، އަމަލަކީ، މީހާއަށް އާމްދަނީ ހޯދައިދީ މީހާގެ ބުއްދި ސަލާމަތުން ބަހައްޓާ އެއްޗެއް ކަމުގައިވާ އިރު، އަމަލު ވެއްޖެ ނަމަ، މީހާގެ އެންމެ ވަރުގަދަ ރައުސްމާލު ކަމުގައިވާ ބުއްދި ފިލުވާލައި، ހަލާކުގެ ތެރެއަށް މީހާ ވައްޓާލައެވެ. މީގެ އިތުރުން އަމަލް (އުއްމީދު) މި ލަފްޒުގެ އެތުރުން ތަފާތުކޮށްލައިފި ނަމަ، އަލަމްއަށް، ވޭނަށް ފުރޮޅިގެން ދެއެވެ. އަޚުލާގަށް ބަދު އިތުރުކޮށްލުމުން ބަދުއަޚާލާގަށް ފުރޮޅިގެން ދެއެވެ.

އާދެ، ލަފްޒުތަކާއި އެ ލަފްޒުތައް އޭގެ މައްޗަށް ބިނާވެފައިވާ އަކުރުތައް އަހަރުމެންގެ ކުރިމަތީގައި އޮވެއެވެ. މި ހަގީގަތާ ދުރަކަށް އަހަރުމެންނަކަށް ނުދެވޭނެއެވެ. ނަމަވެސް، އުފާވެރިކަމަކީ ލަފްޒުތަކުގެ އަކުރުތައް ހޮވައި އަތުރާލުމުގެ ފުރިހަމަ އިޚްތިޔާރު އަހަރުމެންނަށް ލިބިގެން ވެއެވެ. އަހަރުމެންގެ ގާތް މީހުން ކަމުގައި މިތުރުން ނޫނީ ހަތުރުން ހޮވުމުގެ ބާރާއި އިޚްތިޔާރު އަހަރުމެންނަށް ލިބިގެންވެއެވެ. ފަހުމުވުން އިސްކޮށް، ފަހުމްވާން ދަސްކުރަން މަސައްކަތް ކުރުމުން ޝައްކާއި ވަހުމްތައް ހިތުން ފިލުވާލެވެއެވެ. އަހަރުމެންނަށް ކުރިމަތިވާ އަލަމްތަކުގެ (ވޭންތަކުގެ) މަތީގައި ފާލަމެއް އަޅައި، އެ މެދުވެރިކުރުވާ ހަބަރު ފަދަ ހިތި ވޭންތައް ހުރަސްކޮށް، އުފާވެރި ކަމުގެ ޚަބަރު ލިބެން އޮންނަ ބާއްޖަވެރިކަމުގެ ދުނިޔެއަށް ދަތުރު ކުރެވެއެވެ.

އެހެންވެ، އަހަރުމެން އެދޭ ގޮތަކަށް އަކުރުތައް ޚިޔާރުކޮށް އަތުރާލުމަށްޓަކައި އަހަރުމެންގެ ދުލަކީ ބުއްދީގެ ދަށުގައިވާ އެއްޗަކަށް ހަދަން ޖެހެއެވެ. އެހެނީ އަކުރުތައް ދަންނަ ކޮންމެ މީހަކީ އެ އަކުރުތައް ހެޔޮކޮށް އަތުރާލައި ރަނގަޅަށް ވާހަކަ ދައްކަން އެނގޭ މީހަކަށް ނުވެއެވެ.

އަކުރުތައް ހެޔޮކޮށް އަތުރާލައި، ރަނގަޅަށް ވާހަކަދައްކަން ދަސްކުރުމަށްޓަކައި ހަނދާނުގައި ބަހައްޓައި އެކަމުން ފައިދާ ލިބިގަންނަންޖެހޭ ކަމެއް އޮވެއެވެ. އެއީ އެންމެނަށް ވެސް އަނގަތަޅައި އެއްޗެއް ލިޔެވިދާނޭ ކަމެވެ. ނަމަވެސް، މަދު ބައެއް ނޫނީ ނުކިޔާ ކަމެވެ. އަދި، ނާދިރު ބަޔަކަށް މެނުވީ ކިޔައި ފަހުމް ނުވެއެވެ. އަކުރުތައް ހެޔޮ ގޮތުގައި ހޮވައި އަތުރާލުމަށްޓަކައި މި ބުނި ނާދިރު ބައިގެ ތެރޭގައި ހިމެނޭތޯ މަސައްކަތްކުރާށެވެ!