އެކަކު ބުންޏެވެ: "ލޯބީގެ އިހުސާސުތައް ލިޔެވެނީ ކަރުދާހުގައެއް ނޫނެވެ. އެހެނީ ކަރުދާހުގައި ލިޔެވޭ އެއްޗެއް ފޮހެވި، ފިލައިދެއެވެ. ލޯބީގެ އިހުސާސުތައް ލިޔެވެނީ ހިލަ ކަނޑައި ކޮނެގެންނެއް ވެސް ނޫނެވެ. އެހެނީ އެ ފަދަ ހިލަވެސް ވެއްޓި، ފުނޑުފުނޑެވެ ނެތިދެއެވެ. ނަމަވެސް ލޯބީގެ އިހުސާސުތައް ލިޔެވެނީ ހިތުގައެވެ. އެހެންވެ، އެ އިހުސާސުތައް އަބަދުގެ އަބަދަށް ދެމިހުރެއެވެ."
އަނެކަކު ބުނެއެވެ: "ބީރައްޓެހި، އެއް ގޮތަކަށް ވެސް އެކަކު އަނެކަކު ނުދަންނަ ދެ މީހުންނެވެ. އެ ދެ މީހުން ރަހުމަތްތެރިންނަށް ވެެއެވެ. ދެން، އެކަކު އަނެކަކުގެ ލަފާދާރުންނަށްވެ، ދިގު ވާހަކަތަކުގައި ވަގުތުތައް ހޭދަކުރެއެވެ. ދެން، އެކަކު އަނެކަކަށް ޝައުގުވެރިވެ، އެކަކު އަނެކަކު ދެކެ ލޯބިވެދެއެވެ. އެއަށް ފަހު، އެ ލޯތްބަކީ ހަޔާތުގެ އެންމެ އަގުބޮޑު އެއްޗަކަށް ވެސް ވެއެވެ. ދެން، މަޑުމަޑުން އެ ލޯބީގެ އަލިފާންގަނޑު ކުޑަވާތަން ފެނެއެވެ. އަދި، މަޑުމަޑުން ނަމަވެސް ފަނޑުވެ، އެ އަލިފާންގަނޑު ނިވި، އޭގެ އަނގުރުތަކުގެ ވިދުން ވެސް ނެތި، މުޅިން އަޅިއަށްވެ ފިނިވެއެވެ. އެއަށް ފަހުން، އެ ދަތުރު ފެށުނު އިރު ތިބި ފަދައިން، ނުވެސް ދަންނަ ބީރައްޓެހިންނަށް އަނެއްކާ ވެސް އެ ދެ މީހުން ވެއެވެ!"
ދެން، ތިން ވަނަ މީހަކު ބުނެއެވެ. އެ ވެސް ރަނގަޅު ވާހަކައެކެވެ. މި ވެސް ރަނގަޅު ވާހަކައެކެވެ!
