Support Us

ރެކޫނެއް 161 ސިކުންތު ވަންދެން "ފުޓުބޯޅަ ކުޅެފި"

މި ބުނީ މުޅިން ތެދު ވާހަކައަކަށް ނުވެދާނެއެވެ. ނަމަވެސް އާޖެންޓީނާގެ ހުނަރުވެރި ލިއޮނެލް މެސީ މި ވަގުތަށް ހަނދާން ނައްޓާލާށެވެ. މި ހަފުތާގައި އެމެރިކާގެ ފުޓުބޯޅައިގެ ފުރަތަމަ ޑިވިޝަންގައި ހުނަރު ދައްކައިލީ "ރެކޫން" ނަމަކަށް ކިޔާ ބާވަތެއްގެ ޖަނަވާރެކެވެ.

ފިލަޑެލްފިއާ ޔުނިއަން އާއި ނިއު ޔޯކް ސިޓީއާ ދެމެދު ކުޅުނު މެޗު 161 ސިކުންތަށް ނުވަތަ 2.68 މިނެޓަށް ހުއްޓުވާލީ އުތުރު އެމެރިކާގެ ޖަންގަލިތަކުގައި އުޅޭ ރެކޫންއެކެވެ. އެ ސޮރު ދަނޑަށް ވަން ގޮތެއް ނޭނގެއެވެ. ފެނުނީ ދަނޑުމަތީގައި ދުވާތަނެވެ.

ވަގުތީ ގޮތުން މެޗު ހުއްޓާލައި މި ރެކޫން ހިފަން ދަނޑުގެ އޮފިޝަލުން މަސައްކަތް ފެށިއެވެ. ނަމަވެސް އެ ކަން އެހާ ފަސޭހަ ކަމަކަށް ނުވިއެވެ. އެ ގޮތުން ޑަސްބިނަކުން އެ ސޮރު ހިފަން އުޅުނު ސެކިއުރިޓީ ގާޑަކަށް ވެސް މި ރެކޫން ނުހިފުނެވެ.

އޮފިޝަލުންގެ ކިބައިން ރެކޫން ރެކުމުގެ ހުނަރު ދައްކާލުން ވެގެން ދިޔައީ ކުޅިބަލަން ތިބި އެތައް ހާސް ބަޔަކަށް މާ ބޮޑު ފޯރިއެއް ލިބުނު ކަމަކަށެވެ. އެ ސޮރުގެ ފައި މަސައްކަތް ކުރަމުން ދިޔަ ހަލުއި ހަރަކާތްތެރިކަން ވެގެންދިޔައީ ފުޓުބޯޅަ ކުޅުންތެރިންގެ ފައިން ވެސް ފެންނަ މޮޅު ހުނަރު ކަހަލަ ކަމަކަށެވެ.

ދެން ދަނޑު ގުގުމަން ފެށީ އެންމެން "ރެކޫން! ރެކޫން!" ގޮވަމުން މި ރެކޫންއަށް ސަޕޯޓް ކުރަން ފެށުމުންނެވެ.

ކޮންމެއަކަސް ކޮންމެވެސް އިރަކުން ކޮންމެވެސް ގޮތަކަށް މި ރެކޫން ވެސް ހިފޭނެތާއެވެ. އެ ގޮތުން ރެކޫން ފަހާ ދުވަން އުޅުނު ސެކިއުރިޓީ އޮފިޝަލުންގެ އެންމެން ވަރުބަލިވި ނަމަވެސް ރެކޫން އެންމެ ފަހުން އަތުލައިގަތެވެ.

މި ރެކޫނަށް އެމެރިކާގެ ގައުމީ ފުޓުބޯޅަ އިދާރާއިން ދީފައިވާ ނަމަކީ "ރެކޫނިއޯ"އެވެ. ބްރެޒިލްގެ ހުނަރުން ފުރިފައިވާ ފުޓުބޯޅަ ކުޅުންތެރިންގެ ނަމާ ގުޅުވާލައިގެންނެވެ.

"މިއީ ރެކޫނެއް އެންމެ ގިނައިރު އެމެރިކާގެ ފުރަތަމަ ޑިވިޝަންގެ ފުޓުބޯޅަ މެޗެއް ކުޅުނު ވަގުތުކޮޅު. މިއީ ތާރީހީ ކަމެއް،" އެމެރިކާގެ ފުޓުބޯޅައިގެ އިދާރާއިން އެކްސްގައި މަޖަލަކަށް ލިޔެފައިވެއެވެ.

ފިލަޑެލްފިއާ ޔޫނިއަން ފުޓުބޯޅަ ޓީމުން ބުނީ މި ރެކޫން މިހާރު ވަނީ ރައްކާތެރިކަމާއެކު ޖަންގައްޔަކަށް ދޫކޮށްލާފައި ކަމަށެވެ.

ރެކޫނަކީ މިހާރު ސަހަރުތަކުގައި ވެސް އުޅޭ ޖަނަވާރެކެވެ. އާއްމު ގޮތެއްގައި މީހުން ދެކެނީ މިއީ މީހުންނަށް ދުއްތުރާ ކުރާ ހައިވާނެއްގެ ގޮތުގައެވެ. އެހެންކަމުން އާއްމު އުނދަގުލެއް ކަހަލަ "ޕެސްޓް"އަކަށް ވާތީ ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކަށް ރެކޫން ވެއްދުމާއި ގެންގުޅުން ވަނީ މަނާކޮށްފައެވެ.

ހަށިގަނޑުގައި ގާތްގަނޑަކަށް 18 އިންޗި ހުންނަ ރެކޫންގެ އުމުރަކީ ވިއްސަކަށް އަހަރެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *