ރާއްޖެއާ ވައްތަރުގެ ރިސޯޓެއް ސައޫދީ އަރަބިއްޔާގައި ހަދައިފިއެވެ. "ޝައިބާރާ އައިލެންޑް"ގެ ނަމުގައި މި ރިސޯޓް ހުޅުވަން ހަމަޖެހިފައިވަނީ ހުޅަނގުގެ ގައުމުތަކުގެ ރަބީއު މޫސުމާ ދިމާކޮށް މި އަހަރުގެ މެދުތެރޭގައެވެ.
ރާއްޖޭގެ ބައެއް ރިސޯޓުތައް ހުންނަހެން ޝައިބާރާ ހަދައިފައިވަނީ ކަރުގައި އަޅާ އިތާގެ ހާރެއްހެންނެވެ.
އަލް ވަޖްހު ފަޅުގައި ޝައިބާރާ ރިސޯޓު ހަދައިފައިވަނީ މަތީ ފަންތީގެ ތަނެއްގެ ގޮތުގައި ކަމަށް ފެކްޓް ޖިއްދާ މަޖައްލާއިން ރިޕޯޓް ކުރިއެވެ.
ޝައިބާރާ ރިސޯޓް ހަދައިފައިވަނީ ރެޑް ސީ ގްލޯބަލް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. މި ކުންފުންޏަކީ މުޅިން ސައުދީ އަރަބިއްޔާގެ ކުންފުންޏެއް ކަމަށްވާ ޕަބްލިކް އިންވެސްޓްމަންޓް ފަންޑުން ހިންގާ ކުންފުންޏެކެވެ. އަދި މިހާރު ވެސް ވަނީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒު އަލްސައުދުގެ އިރުޝާދުގެ ދަށުން އިތުރު ދެ މަންޒިލެއް ހަދައިފައި ކަމަށް ރެޑް ސީ ގްލޯބަލްގެ ވެބްސައިޓުން ބުނެއެވެ.
"އަހަރެމެންގެ އެއް ބިންގަލަކީ 2030ގެ އަމާޒުފަތްގަނޑެއް ކަނޑައަޅައި، ސައުދީ އަރަބިއްޔާ މުޅިން ބަދަލުކޮށްލައި، ސައޫދީގެ ރައްޔިތުންނަށް އިތުރު އިގުތިސާދީ ފުރުސަތުތައް ފަހިކޮށްދީ، މި ގައުމުގެ މުއްސަނދި ތިމާވެށި އަދި ތަރިކަ ރައްކާކުރުން،" ރެޑް ސީ ގްލޯބަލުން ބުންޏެވެ.
ޝައިބާރާ ރިސޯޓުގައި 73 ފާލަން އޮވެއެވެ. އެއިން ކޮންމެ ފާލަމެއް ގުޅެނީ މޫދު ކޮޓަރިއާއި ގޮނޑުދޮށު ކޮޓަރިތަކާއެވެ. ފަތުރުވެރިން އެ ރިސޯޓަށް ދާން ދެ ގޮތެއްވެއެވެ. އެއް ގޮތަކީ ކަނޑުމަގުން 45 މިނެޓްގެ ލޯންޗު ދަތުރެކެވެ. އަނެއް ގޮތަކީ ވައިގެ މަގުން ސީޕްލޭންގައި 20 މިނެޓްގެ ދަތުރެއް ކުރުމެވެ.
ރިސޯޓު ހަދާފައިވަނީ މުރަކަ ހިމެނޭ ފަރެއް ކައިރީގައެވެ. މި ކަމުގެ ސަބަބުން ކަނޑުއަޑީގެ ހިތްގައިމު ދިރުންތަކާއި މަންޒަރުތައް ބަލައިލުމަށް ޓޫރިސްޓުން ޝައުގުވެރިވާނެ ކަމަށް ބެލެވެއެވެ.
ރިސޯޓުގައި ހުރި ހިދުމަތްތަކުގެ ތެރޭގައި ހަމައެކަނި ބޮޑެތި މީހުންނަށް ހާއްސަ ސުވިމިން ޕޫލަކާއި އާއިލާތަކަށް އަމާޒުކޮށްގެން ހަދާފައި ސްވިމިން ޕޫލަކާއި މަތީ ފަންތީގެ ދެ ރެސްޓޯރަންޓާއި ސްޕާއަކާއި ޖިމްއެއް ހިމެނެއެވެ.
ޝައިބާރާއިން "ޕްރައިވެޓް އައިލެންޑް" ނުވަތަ އެކަހެރި ރަށެއްގައި އުޅެލުމުގެ ހިދުމަތް ވެސް ދެއެވެ. އެ ރަށުގައި ހަތަރު ކޮޓަރީގެ ވިލާއަކާއި ތިން ކޮޓަރީގެ ވިލާއަކާއި އެކަހެރި އަމިއްލަ ގޮނޑުދޮށަކާއި ބާބެކިއު ހަދާނެ ބީޗެއް ވެސް ވެއެވެ.
ޝައިބާރާއަކީ އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ ރިސޯޓެކެވެ. ދެމެހެއްޓެނިވި ތަރައްގީގެ ނަޒަރަކުން ބަލައިގެން ހަދައިފައިވާ މި ރިސޯޓަށް ކަރަންޓު ދެނީ އަވީގެ ހަކަތައިންނެވެ. މި ކަމަށްޓަކައި ސޯލާ ޕެނަލް އެކުލެވޭ ބޮޑު "ދަނޑެއް"ވެއެވެ.
ރެޑް ސީ ގްލޯބަލް ކުންފުނީގެ ޗީފް އެގްޒެކެޓިވް ޖޯން ޕަގާނޯ ވިދާޅުވީ ވިލާތައް ޑިޒައިން ކޮށްފައިވަނީ އިތާމުތުގެ ހާރެއްހެން، މެދުގައި ރިސެޕްޝަން އިމާރާތް ބަހައްޓާފައި ކަމަށެވެ.
"މިއީ ކަނޑުގެ ދިރިއުޅުން ހިޔާލަށް ގެނެވޭ ގޮތަށް ހަދައިފައިވާ ރިސޯޓެއް،" ޝައިބާރާ ޕްރޮމޯޓް ކުރުމުގެ ހަފުލާއެއްގައި ޖޯން ވިދާޅުވިއެވެ.