...

Support Us

އިސްރާއީލާ ދެކޮޅަށް ވަގުތުން ފިޔަވަޅު އެޅުމަށް ދުނިޔޭގެ ކޯޓަށް ރައީސް ގޮވާލައްވައިފި

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ދޭ އަނިޔާވެރި ހަމަލާތައް ހުއްޓާލަން ޖެހޭ ކަމަށާއި ބައިނަލްއަގުވާމީ ގާނޫނުތަކަށް އިސްރާއީލުން ބޯލަނބަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ ދުނިޔޭގެ ކޯޓު ކަމަށްވާ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ.)އިން އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހިފައިވަނީ މި ސަބަބުތަކަށްޓަކައި ކަމަށެވެ. އެ ގޮތުން ރަފަހަށް އިސްރާއީލު ސިފައިން މިހާރު ދެމުންދާ ހަމަލާތަކާ ދެކޮޅަށް އިތުރު ފިޔަވަޅު އަޅަން ސައުތު އެފްރިކާއިން އެދިފައިވާ އެދުމަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ.

"ޣައްޒާގައި، ހާއްސަކޮށް ރަފަހްގައި، މިހާރު ފެންނަމުން ދަނީ މާޔޫސްކަމާއި ގެދޮރުނެތުމާއި އަދި މަރުގެ މަންޒަރުތައް. އިސްރާއީލުގެ އަސްކަރިއްޔާގެ އަތްދަށުގައި ޣައްޒާ ސުންނާފަތިވެފައި އޮތުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ހަނު ހުރެގެން ނުވާނެ އަދި ހަނު ހުރުމުގައި ދެމިތިބެގެން ވެސް ނުވާނެ،" ރައީސް ވިދާޅުވިއެވެ.

ފަލަސްތީނު ރައްޔިތުން އެބައިމީހުންގެ ކުރިމަގު ކަނޑައެޅުމުގައި އެބައިމީހުން ގޮތެއް ނިންމުމަށް ކުރާ މަސައްކަތުގައި ރާއްޖެ އާއި ދިވެހީންގެ ތާއީދު ލިބޭނެ ކަމަށާއި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމު ކުރުމުގައި 1967 ވަނަ އަހަރުގެ ކުރީގެ އިމުގައި އިރުމަތީ ގުދުސް ވެރިރަށުގެ ގޮތުގައި ހަމަޖެހިގެން ދިއުމަށް ވެސް ފަލަސްތީނު ރައްޔިތުންނާ އެކުގައި ރާއްޖެ އާއި ދިވެހީން ތިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ފަލަސްތީނުގެ ދައުލަތް ގާއިމު ކުރެވި، ފަލަސްތީނުގައި ތިބި އަހަރެމެންގެ އަހުންނާއި އުހުތުންނަށް އަބުރުވެރި، އަމާން، އަދި އުފާ ފާގަތިކަން ލިބެންދެން އަހަރެމެން ހިންދެމިއެއް ނުލާނަން،" ރައީސް ވިދާޅުވިއެވެ.

ޣައްޒާގެ ސަހަރެއް ކަމަށްވާ ރަފަހަށް އަރައިފި ނަމަ އިސްރާއީލަށް ހަތިޔާރު ދިނުން ހުއްޓާލާނެ ކަމަށް އެމެރިކާއިން އިންޒާރު ދިނުމުން ވެސް އިސްރާއީލުން ބުނީ ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންއަންނަ ހަމާސް ޖަމާއަތް ނައްތާލާފައި ނޫނީ އިސްރާއީލުގެ ހަމަލާތައް ހުއްޓާ ނުލާނެ ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ހަމަލާ ދީ 1،000 އަށްވުރެ ގިނަ ޔަހޫދީން މަރާލުމުން އޭގެ ބަދަލުހިފުމެއް ކަމަށް ބުނެ އުޒުރު ދައްކަމުން އިސްރާއީލުން މި ވޭތުވެދިޔަ ހަތް މަސް ދުވަހުގެ ތެރޭގައި ވަނީ ފަލަސްތީނުގެ 35،000 އަށްވުރެ ގިނަ ރައްޔިތުން ޝަހީދުކޮށްލައިފައެވެ. އަދި ވަކި ހަމައެއްލަމައެއް ނެތި މިހާރު ދަނީ ކެނޑިނޭޅި ރަފަހް ސުންނާފަތިކޮށްލަން ހަމަލާ ދެމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.