Support Us

ސިޑްސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ފުރާވަޑައިގަންނަވަނީ

ހަތަރު ވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް (ސިޑްސް)ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މާދަމާ އެންޓިގުއާ ބާބުޑާ އަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވި ގޮތުގައި ކޮންމެ 10 އަހަރަކުން އެއްފަހަރު ޔޫ.އެންއިން ކުރިއަށްގެންދާ ސިޑްސްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ޤައުމީ ތަޤުރީރު އިއްވެވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުންވެސް ދިވެހިރާއްޖޭން މޫސުމީ ބަދަލުތަކާ ގުޅިގެން ތަހަންމަލުކުރަމުންދާ ކަންކަމާއި އަދި އެކަންކަމުން އަރައިގަތުމަށްޓަކައި ކޮށްދެއްވުމަށް އެދޭ ކަންކަމަށް އަލިއަޅުވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވެމަށް ވަނީ ހަމަޖެހިފައެވެ.

ސިޑްސް ކޮންފަރެންސް ކުރިއަށްދާނީ މޭ މަހުގެ 27 އިން 30 ގެ ނިޔަލަށް އެންޓިގުއާ ބާބުޑާގައެވެ. ސިޑްސްގެ މި އަހަރުގެ ޝިއާރަކީ "ޗާޓިންގ ދަ ކޯސް ޓުވާޑްސް ރިސިލިއަންޓް ޕްރޮސްޕަރިޓީ" އެވެ. މި ޝިއާރާ އޮއްގޮތަށް މި އަހަރުގެ ސިޑްސް ކޮންފަރެންސްގައި ތިމާވެށީގެ ގޮތުން ނާޒުކު އަދި ކުދި ޤައުމުތަކަށް ފާގަތިކަމާއި، ވިލުންތެރިކަން ހާސިލްކުރުމަށް މަގުކޮށައިދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރެއްވުމަށް ވަނީ ނިންމަވާފައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަދި ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް، ޠާރިޤު އިބްރާހީމާއި ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޢަލީ ޝަރީފު ވަނީ މި ކޮންފަރެންސްގެ މުހިންމުކަމާއި، މި ކޮންފަރެންސްއިން ދިވެހި ރައްޔިތުންނަށްޓަކައި، އަދި ޤައުމަށްޓަކައި ސަރުކާރުން ހާސިލުކުރުމަށް ބޭނުންވާ މުހިންމު ކަންކަން ޙިއްޞާކުރައްވާފައެވެ. މީގެ އިތުރުންވެސް މި ކޮންފަރެންސްގައި ދިވެހިރާއްޖެއިން އިންތިޒާމުކުރާ ތިން ހަވާސާ ހަރަކާތުގެ މަޢުލޫމާތާއި، އަދި ސަރުކާރުގެ ކަމާ ގުޅުންހުރި މުއައްސަސާތަކުން ސިޑްސްގައި މުހިންމު މަސައްކަތްތަކެއް ކުރައްވާނެކަން ފާހަގަކުރައްވާފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *