Support Us

ސޫދާންގައި ނަސްލު ނައްތާލުމުގެ ދެވަނަ ބުރެއް

މުސްލިމުންގެ 91 ޕަސެންޓަށްވުރެ ބޮޑު އާބާދީއެއް އޮތް އެފްރިކާ ބައްރުގެ ސޫދާނުގައި ނަސްލެއް ނައްތާލުމުގެ ދެވަނަ ބުރެއް ފަށައިފައިވާ ކަމަށް އދ.އިން ބުނެފިއެވެ.

ނަސްލު ނައްތާލުން ނުވަތަ "ޖެނޮސައިޑް" އާ ބެހޭ އދ.ގެ ހާއްސަ މުޝީރު އެލިސް ނުއަންޑަރިޓޫ އިއްޔެ ވިދާޅުވީ ސޫދާންގައި ނަސްލެއް ނައްތާލުމުގެ މަސައްކަތް ފަށައިފައިވާ ކަމުގެ ހެކިތައް ފެންނަމުންދާ ކަމަށެވެ.

"ސޫދާންގެ އާއްމު ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދޭން މަޑުން ތިބެގެން ނުވާނެ. ޖެނޮސައިޑް މިއީ ސޫދާންގެ މިހާރުގެ ވެސް ހަގީގަތެއް. ކޮންމެ ދުވަހަކުހެން މި ކަމުގެ ނިޝާންތައް ފެންނަމުންދަނީ،" އެލިސް ވިދާޅުވިއެވެ.

އޭނާ މިހެން ވިދާޅުވީ ހަނގުރާމަ ހިނގަމުންދާ ސަރަހައްދުތަކުގައި ދިރިއުޅޭ އާއްމު ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން އދ.އިން ފާސްކޮށްފައިވާ ގަރާރާއި މި ކަމާ ގުޅޭ ގޮތުން ފާސްކުރި ޖެނީވާ މުއާހަދާއަށް ވެސް 25 އަހަރު ފުރުމުގެ މުނާސަބަތުގައި އދ.އިން ބޭއްވި ބައްދަލުވުމަކަށް ވީޑިއޯ ކޮންފަރެންސްގެ ޒަރީއާއިން ދެއްވި ބަޔާނެއްގައެވެ.

އޭނާ ވިދާޅުވީ ދަރުފޫރު އާއި އަލް ފާޝިރުގައި އާއްމުންނަށް ހަމަލާ ދެމުންދާ ކަމަށާއި އެ މީހުން މަރަމުން ގެންދަނީ ހަމުގެ ކުލައަށް ބަލައިފައި ކަމަށެވެ.

"އެ ބައިމީހުންނާ ދެކޮޅަށް 'ހޭޓް ސްޕީޗް' (ނަފުރަތު އެކުލެވޭ ވާހަކަ) އާއި އެބައިމީހުންނަށް ހަމަލާ ދޭން ވެސް ދަނީ ގޮވާލަމުން،" އެލިސް ދެއްވި ބަޔާނުގައި ވިދާޅުވިއެވެ.

އަލް ފާޝީރުއަކީ އުތުރު ދަރުފޫރުގެ ވެރިރަށެވެ. ސޫދާންގެ އަސްކަރިއްޔާ ކަމަށްވާ ސޫދާނީޒް އާމްޑް ފޯސަސް (އެސް.އޭ.އެފް.) އާއި ސޫދާންގެ ކުރީގެ ސިފައިންގެ ތެރެއިން އުފެދިގެން އައި ރެޕިޑް ސަޕޯޓް ފޯސަސް (އާރް.އެސް.އެފް.)އާ ދެމެދު ހަނގުރާމަ ވަރަށް ހޫނުވެފައިވާ ކަމަށް އެލިސް ވިދާޅުވިއެވެ. އެސް.އޭ.އެފް. މި ވަގުތު ތިބީ އުތުރު ދަރުފޫރު ތެރޭގައެވެ. އާރް.އެސް.އެފް. މިހާރު ދަނީ އެ ސަރަހައްދަށް ވަންނަމުންނެވެ.

އަލް ފާޝިރުއަކީ ދަރުފޫރު ސަރައްހައްދުގައި އާރް.އެސް.އެފް އަށް ނުހިފި އޮތް ސަހަރެވެ. އެ ތަނުގައި އާއްމުންގެ 800،000 މީހުން ރައްކާތެރިކަން ހޯދައިގެން އެބަތިއްބެވެ. މިހެންވެ މި ސަރަހައްދަށް އަހުލީ ހަނގުރާމަ ފެތުރިއްޖެ ނަމަ، 2000ގެ އަހަރުތަކުގައި ހިނގި ކަހަލަ ނަސްލެއް ނައްތާލުމުގެ ނުރައްކާ އެބައޮތް ކަމަށްވެއެވެ. އެ ފަހަރު އަރަބި ދަރިކޮޅަށް ނިސްބަތްވާ ޖަންޖަވީދުގެ ހަނގުރާމަވެރިން ވަނީ އަރަބި ދަރިކޮޅަށް ނިސްބަތް ނުވާ ނަސްލުތައް ކަމަށްވާ ޒަގާވާ، މާސަލިތު އަދި ފޫރުގެ އެތައް ހާސް ބަޔަކާ ދެކޮޅަށް ގަތުލުއާއްމެއް ހިންގައިފައެވެ. ޖަންޖަވީދު ހަނގުރާމަވެރިންނަކީ މިހާރުގެ އާރް.އެސް.އެފް އެވެ.

"އާރް.އެސް.އެފް އާ ގުޅިގެން އެހެން ހަނގުރާމަވެރިން ވެސް ދަނީ ޖެނޮސައިޑް ހިންގަމުން. އެ މީހުން ހަމަލާ ދޭން ބޭނުންވާ ތަންތަނާއި މީހުންނާ މެދު ދަނީ ކުރިން އިންޒާރު ދެމުން. މީގެން ދޭހަ ވަނީ އެހެން ނަސްލުތައް ނައްތާލުމަށް އެ މީހުން ބޭނުންވާކަން،" އެލިސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަލް ފާޝިރުގެ ކައިރީގައިވާ ވިލެޖްތަކަށް ދީފައިވާ ހަމަލާތަކުން، ގެދޮރުން އާއްމުން ބޭރުކޮށްލުމަށާއި އާއްމުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމަށް އާރް.އެސް.އެފް އިން މަސައްކަތް ކުރަމުންދާކަން ހާމަވާ ކަމަށެވެ. އަސްކަރީ ގޮތުން ވަކި އަމާޒެއް ނެތި ދެމުންދާ ހަމަލާތަކުން ޖެނޮސައިޑް ހިންގަން އެ މީހުން ބޭނުންވާކަން ދޭހަވާ ކަމަށެވެ.

"މައުސޫމް އާއްމު ރައްޔިތުން ރައްކާތެރި ކުރުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް ވީ އެންމެ އަވަހަށް އެޅުން މުހިންމު. އަލް ފާޝިރުގެ އިތުރުން މުޅި ސޫދާންގައި ވެސް،" އެލިސް ވިދާޅުވިއެވެ.

އޭނާ ވަނީ މިދިޔަ އޮކްޓޫބަރު މަހު ސޫދާންގެ އިމާ ޖެހިގެން އޮންނަ ގައުމެއް ކަމަށްވާ ޗާޑްއަށް ޒިޔާރަތް ކުރައްވާ، ކުރިން ހިންގި ޖެނޮސައިޑުން ސަލާމަތް ވާން ހިޖުރަކުރި ސޫދާންގެ ރެފިއުޖީންގެ ހާލަތު ބައްލަވައިލަން ވަޑައިގެންފައެވެ. އޭނާއަށް ފެނިވަޑައިގަތީ މިހާރު ހިންގަމުންދާ ޖެނޮސައިޑުން ސަލާމަތްވާން ސޫދާންގެ އެތައް ރެފިއުޖީން ކުރީގެ ރެފިއުޖީންނާ އެއްކޮށް އުޅެމުންދާ މަންޒަރެވެ.

އެލިސް ވިދާޅުވީ ހުޅަނގު ދަރުފޫރުން އެނގިވަޑައިގަތީ މަސާލިތު ނަސްލުގެ ދަރިކޮޅުގެ އާއްމުން ޗާޑަށް ހިޖުރަ ކުރުމުގެ ތެރޭގައި މަރާލާފައިވާ ކަމަށެވެ.

އެލިސް ވަނީ އާރް.އެސް.އެފް. އަދި އެސް.އޭ.އެފް. ވެސް ކުށްވެރި ކުރައްވައިފައެވެ. އޭނާ ވިދާޅުވީ އެ ދެ ފަރާތުން ވެސް ވަނީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާއި އިންސާނިއްޔަތާ ބެހޭ ގާނޫނުތައް މުގުރައިފައި ކަމަށެވެ. އާއްމުންގެ އާބާދީ ބޮޑު ތަންތަނުގައި ވަރުގަދަ ހަތިޔާރުތަކުން ހަމަލާ ދިނުމާއި ޒުވާނުންނާއި ފިރިހެނުން ހައްޔަރު ކުރުމާއި ނަފުރަތުގެ ފިތުނަ އުފެދޭ ވާހަކަ ފެތުރުމާއި އަނިޔާވެރިކަން ހިންގުމަށް ހިތްވަރު ދޭ ވާހަކަ ވެސް ފަތުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރޭޕް ކުރުމާއި ވަކި ޖިންސެއްގެ ބަޔަކަށް ވާތީ ދޭ އަނިޔާ އާއި ވިލެޖްތައް ލޫޓުވައި އަންދާލުމާއި ސިއްހީ މަރުކަޒުތަކަށް ބޮން އެޅުމާއި ސާފު ފެނާއި ކަރަންޓުގެ ހިދުމަތަށް ހުރަސް އަޅާފައިވާތީ އެ ކަމަށް ވެސް އޭނާ ފާޑު ވިދާޅުވެފައެވެ.

މިހާރު 13 މަހަށް އެޅިފައިވާ އަހުލީ ހަނގުރާމައިގެ ސަބަބުން އާއްމުން ބަނޑަށްޖެހެމުންދާތީ އިންސާނީ އެހީ ވީހާ ވެސް އަވަހަށް ފޯރުކޮށްދޭން ޖެހޭ ކަމަށް އެލިސް ވިދާޅުވިއެވެ. އދ.ގެ ސަލާމަތީ މަޖިލީހަށް އޭނާ ގޮވާލެއްވީ ސޫދާނުގައި ދެވަނަ ޖެނޮސައިޑެއް ހިންގިޔަ ނުދިނުމަކީ އދ.ގެ "ހާއްސަ ޒިންމާ"އެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *