Support Us

ނަތަންޔާހޫ އާއި ގެލަންޓް ހައްޔަރުކުރުމުގެ އަމުރަށް އެދުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫ އާއި އިސްރާއީލުގެ ދިފާއީ ވަޒީރު ޔޮއަވް ގެލަންޓް ހައްޔަރު ކުރުމުގެ އަމުރެއް ނެރުމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓު ކަމަށްވާ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައި.ސީ.ސީ.)އިން އެދުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ކަމަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

"މިއީ ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދޭން އެޅުނު ފާހަގަކޮށްލެވޭ ފިޔަވަޅެއް. އެއްވެސް ގައުމަކީ ބައިނަލްއަގުވާމީ ގާނޫނުގެ މަތީގައިވާ ގައުމެއް ނޫން. ހިފައިފައިވާ ފަލަސްތީނުގެ ބިމުގައި ހަނގުރާމައިގެ ޖަރީމާތައް ހިންގާ ފަރާތްތައް އެ ކަމަށް ޒިންމާދާރު ކުރެވެން ޖެހޭނެ،" އެކްސްގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރޯމް ސްޓެޗޫ ނުވަތަ ރޯމް މުއާހަދާއިން ގާއިމު ކުރި އައި.ސީ.ސީ.ގެ މެންބަރު ގައުމެއްގެ ގޮތުން، އެ ކޯޓުގެ ޕްރޮސެކިއުޓަރުގެ އިދާރާއިން، ޣައްޒާގައި ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ހިލާފު ޖަރީމާތައް އިސްރާއީލުން ހިންގާފައިވާ ކަމުގެ ހެކި އެކަށީގެންވާ މިންވަރަށް ހޯދާފައިވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"ބައިނަލްއަގުވާމީ މައިދާނުގައި ފަލަސްތީނު ރައްޔިތުންނަށް ދެވޭނެ ހުރިހާ އެހީއެއް ލިއްބައިދޭނަން،" ރައީސް ވިދާޅުވިއެވެ.

ރޯމް މުއާހަދާއިން އައި.ސީ.ސީ. އުފައްދަން ނިންމީ 1998 ވަނަ އަހަރުއެވެ. އަދި އެކަން ތަންފީޒު ކުރީ 2002 ވަނަ އަހަރުއެވެ. މި އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް އައި.ސީ.ސީ.ގައި 124 ގައުމުން ބައިވެރިވެފައިވެއެވެ.

ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުން އަންނަ ހަމާސްއިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލަށް ހަމަލާ ދީ 1،200 އެއްހާ ޔަހޫދީން މަރާލައި 200 އެއްހާ ޔަހޫދީން ރަހީނު ކުރުމުން އެ ކަމުގެ ބަދަލުހިފުމެއްގެ ގޮތުން ކަމަށް ބުނެ އިސްރާއީލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ވަނީ 35،000 އަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލައިފައެވެ.

އައި.ސީ.ސީ.ގެ ޕްރޮސެކިއުޓަރު ކަރީމް ހާން ވަނީ ހަމާސްގެ ލީޑަރުން ކަމަށްވާ ޔަހްޔާ ސިންވާރު އާއި އިސްމާއީލް ހަނިއްޔާ އާއި މުހައްމަދު އަލް-މަސްރީ ވެސް ހައްޔަރު ކުރުމުގެ އަމުރަކަށް އެދިވަޑައިގެންފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *