އީރާނުގެ ރައީސް ޑޮކްޓަރ ސައްޔިދު އިބްރާހީމް ރައީސީ އަވަހާރަވުމުގެ ހިތާމައިގައި، މާދަމާއިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ތިން ދުވަސް ވަންދެން، ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ހަމަޖައްސަވައިފިއެވެ.
މި ކަން އިޢުލާންކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައެވެ.
އިރާންގެ ރައީސް އިއްޔެ އަވަހާރަވީ، އަޒަރުބައިޖާން ކައިރީގައި ޑޭމެއް ހުޅުވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެނބުރި އިރާންގެ ތަބްރީޒް ސަހަރަށް ވަޑައިގަތް މަގުމަތީގައި ދަތުރު ކުރެއްވި ހެލިކޮޕްޓަރު ފަރުބަދައެއް މައްޗަށް ވެއްޓުމުންނެވެ.
ތިން ހެލިކޮޕްޓަރުގެ ޑެލިގޭޝަންގެ ރައިސީ އިންނެވި ހެލިކޮޕްޓަރުގައި އިރާންގެ ހާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުﷲ ހިއަން ވެސް އިންނެވިއެވެ. އަދި އިރުމަތީ އަޒަރުބައިޖާންގެ ގަވަރުނަރު މާލިކު ރަހްމަތީ އާއި އިރާންގެ ސުޕްރީމް ލީޑަރު އަލީ ހާމަނާއި އިރުމަތީ އަޒަރުބައިޖާނަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު އާޔަތުﷲ މުހައްމަދު އަލީ އަލް-ހާޝިމް ވެސް އިންނެވިއެވެ.
ފަރުބަދައެއް މައްޗަށް ވެއްޓުނު ހެލިކޮޕްޓަރު ވަނީ އެއްކޮށް އަނދައިފައި ކަމަށް އިރާންގެ ރެޑް ކްރެޒެންޓް ޖަމާއަތުން އެ ސަރަހައްދަށް ފޮނުވި 40 ޓީމުން ރިޕޯޓްކޮށްފައިވެއެވެ.



advertisment