Support Us

މޫސުން ގޯސްވެ އެސް.ކިއު. ފްލައިޓެއްގައި މީހަކު މަރުވެއްޖެ

މޫސުން ގޯސްވުމުގެ ސަބަބުން ސިންގަޕޯ އެއާލައިންސްގެ މަތިންދާބޯޓެއް ގަދަ ވައިގައި ޖެހި އެކަކު މަރުވެއްޖެއެވެ.

މިއަދު ހިނގި މި ހާދިސާގައި އެސް.ކިއު.321 ފްލައިޓުގައި 30 މީހުން ވަނީ ޒަހަމް ވެސް ވެފައެވެ.

އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނުން ސިންގަޕޫރަށް އައި މަގުމަތީގައި މި ފްލައިޓް ވަނީ ކުއްލި ހާލަތުގައި ތައިލެންޑްގެ ވެރިރަށް ބެންކޮކްގެ އެއާޕޯޓަށް ޖައްސައިފައެވެ.

ގަދަ ވައި ނުވަތަ "ޓާބިއުލަންސް"އެއްގައި ޖެހި މި ނާދިރު ހާދިސާ ހިނގިކަން ސިންގަޕޫރު އެއާލައިންސްއިން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ.

މި ހާދިސާގެ ބައެއް ފޮޓޯތައް މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ލަންޑަންގެ ހީތުރޯ އެއާޕޯޓުން ބޮއިންގް 777-300 އީ.އާރް. މަރުކާގެ މި މަތިންދާބޯޓު ނައްޓާލީ އިއްޔެއެވެ. ސިންގަޕޫރަށް ފޯރަން އޮތީ މިއަދުއެވެ.

ސިންގަޕޯ އެއާލައިންސުން ނެރުނު ބަޔާނެއްގައި ބުނީ މި ފްލައިޓްގައި 211 ފަސިންޖަރުންނާއި 18 ފަޅުވެރިން ތިބި ކަމަށެވެ.

އެމަޖެންސީކޮށް ބެންކޮކްގެ ސުވަރްނަބުމި އެއާޕޯޓަށް ޖެއްސީ ތައިލެންޑް ގަޑިން މިއަދު މެންދުރު ފަހު 3.45 ގައެވެ.

ސިންގަޕޯ އެއާލައިންސްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ އެއާލައިނުން މި ވަގުތު އެންމެ އިސްކަމެއް ދެނީ ހުރިހާ ފަސިންޖަރުންނާއި ފަޅުވެރިންނަށް އެހީތެރިވުމަށް ކަމަށެވެ.

"ތައިލެންޑްގެ އިދާރާތަކާ ގުޅިގެން ސިއްހީ އެހީ ފޯރުކޮށްދެމުން މިއަންނަނީ. އަދި އިތުރަށް ބޭނުންވެދާނެ އެހީތައް ފޯރުކޮށްދިނުމަށް ބެންކޮކަށް ޓީމެއް ފޮނުވަން މިހާރު މި އުޅެނީ،" ސިންގަޕޯ އެއާލައިންސްއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ތަޖުރިބާކާރުން ވިދާޅުވީ ފަސިންޖަރުންނަށް އަނިޔާ ވަނީ ސީޓުގެ ބެލްޓް ނާޅުވާ އިނުމުން ކަމަށެވެ. އަދި ޕައިލެޓަށް ވެސް ކުއްލި އިންޒާރު ނުދެވުނީ މޫސުމާ ބެހޭ ގޮތުން ލިބުނު މައުލޫމާތު ފުރިހަމަ ނޫން ކަމަށް ވާތީ ކަމަށެވެ. އަދި މި ފަދަ ހާލަތެއްގައި މަތިންދާބޯޓުގެ ތެރޭގައި އެތަންމިތަނުގައި ފަސިންޖަރުން ޖެހިފައި ޒަހަމް ވަނީ ކަމަށެވެ.

މިދިޔަ އަހަރުގެ ހަމަ މި މަހު އިންޑިއާގެ ވެރިރަށް ދިއްލީން އޮސްޓްރޭލިއާގެ ސިޑްނީ ސަހަރަށް ދަތުރު ކުރި އެއާ އިންޑިއާގެ ފްލައިޓެއް ޓާބިއުލަންސްއެއްގައި ޖެހި އެތައް ފަސިންޖަރުންނަށް އަނިޔާ ލިބުނެވެ. އެ ފަހަރުގެ ހާދިސާ ތަހުގީގު ކުރުމަށް ޕައިލެޓުން ޑިއުޓީން ސަސްޕެންޑް ކޮށްފައި ބޭތިއްބިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *