Support Us

ގެއްލުނު އެންގޭޖްމަންޓް އަނގޮޓި ފެނުނީ 54 އަހަރު ފަހުން

އިނގިރޭސި ވިލާތުގެ ޕާންޓަޑާވް ސަހަރުގައި ދިރިއުޅޭ އުމުރުން 76 އަހަރުގެ މެރިލިން ބަރޗްއަށް ހިތްދަތި ދުވަހެއް 1970 ވަނަ އަހަރު އައެވެ؛ އޭނާ އެންގޭޖްވި އަނގޮޓި އޭނާގެ ގެރި ހުއިހައްޕާ ދަނޑަށް ގެއްލުމުންނެވެ. އަނގޮޓި ގެއްލުނީ ވެސް ގެރިތަކަށް ކާންދޭން އުޅުމުގެ ތެރޭގައެވެ. އަނގޮޓި ގެއްލުނު ކަމަށް ބެލެވޭ ހުރިހާ ހިސާބެއްގައި އޭނާ ހިނގިއެވެ. ނަމަވެސް އެ ނުފެނުނެވެ.

"އޭގެ އެތައް ދުވަހެއް ފަހުން ވެސް އެ ހިސާބު އެކި ފަހަރު މަތިން ބަލަމުން ދިޔައިން. ނަމަވެސް ނުފެނޭ،" މެރިލިން ބުންޏެވެ.

އެހާ ގިނަ ދުވަސް ވީއިރު ވެސް އަނގޮޓި ނުފެނުމުން، އެ ފެންނާނެ ކަމުގެ އުއްމީދެއް ނެތުމުން، އަނގޮޓި ހޯދުން ހުއްޓާލި ކަމަށް މެރިލިން ބުންޏެވެ.

ނަމަވެސް އޭގެ 54 އަހަރު ފަހުން، އިހަކަށް ދުވަހު، މެރިލިންގެ އަތުގައި ނަސީބު ހިފިއެވެ. "ޑިޓެކްޓަރިސްޓް" ނުވަތަ ދަގަނޑާއި އެހެނިހެން މާއްދާތައް ބިންމަތިން ހޯދާ އާލާތެއް ބޭނުން ކުރާ މީހެއް ކަމަށްވާ ކީތު ފިލިޕްސް އޭނާއަށް ގުޅިއެވެ. ކީތު ބޭނުންވީ މެރިލިންގެ ބޮޑު ދަނޑުގައި "ހަޒާނާ" ހުރިތޯ ބަލާށެވެ.

"އަހަރެމެންގެ ބިމުން ލޯލާރި ފަދަ އެއްޗެހި އޭނާއަށް ފެނުނު. ދެން އެއް ދުވަހަކު އޭނާ މަސައްކަތް ނިންމާލާފައި ދަނިކޮށް އަހަރެން މަޖަލަކަށް ހަދާލައިފައި ބުނިން އަހަރެންގެ ބިމުން ހޯދާ 'ކުނިބުނީ’ގެ ބަދަލުގައި އަހަރެންގެ އެންގޭޖްމަންޓް އަނގޮޓި ހޯދައިދޭށޭ،" ސްކައި ނިއުސްއަށް މެރިލިން ކިޔައިދިނެވެ.

އޭނާ ބުނީ އެހެން ބުނެފައި ދެ މީހުންގެ ގާތަށް ވެސް ހިނިއައި ކަމަށެވެ. އެކަމަކު ނުހަނު ހައިރާންކަން މެރިލިންއަށް ލިބުނީ އޭގެ ހަފުތާއެއްހާ ދުވަސް ފަހުން އޭނާގެ އެންގޭޖްމަންޓް އަނގޮޓި ހިފައިގެން ކީތު އައިސް އޭނާއަށް ދެއްކުމުންނެވެ.

"އަހަރެން ހުރީ ބަސް ހުއްޓިފައި. ވަރަށް ޖަޒުބާތުގައި ޖެހުނު ވަގުތުކޮޅަށްވީ އަނގޮޓި ފެނުނު ވަގުތުކޮޅު،" މެރިލިން ބުންޏެވެ.

ކީތުއާ ހަވާލާ ދީ މެރިލިން ބުނީ އަނގޮޓި އޮތީ ފަސް އެޅި، ވެލިގަނޑުގެ ދަށުގައި އަށް އިންޗީގެ ފުންމިނުގައި ކަމަށެވެ.

"ދެން އަހަރެން ދަތްއުނގުޅާ ބުރުހެއް ބޭނުންކޮށްގެން ވެލިތައް ފިލުވައިލިން. ކީތު ވެސް ހުރީ ޖަޒުބާތުގައި ޖެހިފައި. ސަބަބަކީ އަނގޮޓި އޭނާއަށް ފެނުމުން އުފާވިލެއް ބޮޑުކަމުން،" މެރިލިން ބުންޏެވެ.

މެރިލިންގެ ފިރިމީހާގެ 80 ވަނަ އުފަން ދުވަސް ފާހަގަކުރީ މި ދިޔަ ޖަނަވަރީ މަހުއެވެ. އަދި އަނގޮޓި ފެނުމުން އުފަންދުވަސް ފާހަގަކުރުން ފަސްކޮށްލިއެވެ. ސަބަބަކީ ތަންކޮޅެއް ރަނގަޅަށް އެ ދުވަސް ފާހަގަކޮށްލުމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *