Support Us

މަނިކުބެއާއި ޖުހާގެ ހާސަރެއް: ފަސާދައާއި ނަޒާހަތްތެރިކަން އެކައްޗަކަށްވުން

ޖުހާ: އިހުގައި މީހުން ކިޔައި އުޅޭ ވާހަކައެއް އަހަރުމެން އަޑުއަހަމެވެ. އަޅުވެތިގެން އުޅެން ރުހިއްޖެ މީހަކަށް މިނިވަނެއް ނުފެންނާނެއެވެ. މި ވާހަކަ މިހާރު އެހެން ގޮތަކަށް އިބާރާތްކޮށްލަން ޖެހިއްޖެއެވެ.

މަނިކުބޭ: އެއީ ކޮން ގޮތަކަށް ހެއްޔެވެ؟

ޖުހާ: މިހާރު އެ ވާހަކަ އަހަރެން ބުނާނީ މިހެންނެވެ. ފަސާދައާއި ކޮރަޕްޝަންގެ އަމަލުތަކުގެ ތެރެއިން ވެއްޓިއްޖެ ބަޔަކަށް ނަޒާހަތްތެރިންނާއި އަމާނާތަތެރިންނެއް ނުފެންނާނެއެވެ. އަދި، ކިޔެއް ހެއްޔެވެ؟ އޭގެ މުހިއްމު ކަމެއް، އޭގެ އަގެއް ވެސް ނޭނގޭނެއެވެ!

މަނިކުބޭ: މިއަދު ތި ވާހަކަ ދައްކަން ތިއުޅެނީ ކީއްވެ ހެއްޔެވެ؟ ސިޔާސީ ގަހުގައި މިހާރު މިއޮތީ މުޅިން އާ ފަތްތަކެއް ފަޅާފައި ނޫން ހެއްޔެވެ؟ ކުރިން އަޅާފައި އޮތް ފަސާދައިގެ ފަތްތައް ފީވެ، ބިމަށް ފޭބުމުން، ސިޔާސީ ގަސް އަލުން ރޯވެ، އާ ފަތްތަކެއް ފަޅައިފި ނޫން ހެއްޔެވެ؟

ޖުހާ: ތިހެން ބުނެވިދާނެއެވެ. ސިޔާސީ ގަސް އާ ވެއްޖެއެވެ. އަދި އާ ފަތްތަކެއް ވެސް ފަޅައިފިއެވެ. ނަމަވެސް، ފެޅީ މުޅިން އާ ފެހި ގަސްތަކެކޭ ބުނެވިދާނެ ބާވައޭ އަހަރެންގެ ހިތަށް އަރައެވެ! އެހެން ބުނާކަށް އަހަންނަކަށް ނުކުރޭނެއެވެ!!

މަނިކުބޭ: ދެން ބުނާނީ ކީކޭ ހެއްޔެވެ؟ އާ ގަހެއްގައި އަޅާނީ އާ ފަތެއް ނޫން ހެއްޔެވެ؟

ޖުހާ: ތިޔަ ބުނީ މުޅިއަކުން ގޯސް ވާހަކައެއް ނޫނެވެ. ނަމަވެސް ތިޔަ ބުނާ އާ ފަތަކީ 'ފެހި' ފަތެކޭ އަހަރެން ނުބުނާނަމެވެ. ފެންނަނީ ހަމަ ކުރީގެ ސިޔާސީ ގަހުގައި ހުރި ފަސާދައިގެ ރީނދޫ ފަތްތައް ފަދަ ފަތްތަކެއް އެޅި ތަނެވެ. ތަންކޮޅެއް ކުރިން، މެދު އިރުމަތީގެ ގައުމެއްގެ ރައީސަކު ނެތި ގޮސް، އެހެން މީހަކު އެ ގައުމުގެ ރިއާސަތާ ހަވާލުވުމުން އެ ދުވަސްވަރުގެ އިލްމުވެރި ޚަތީބަކު ބުނި ވާހަކައެއް އޮވެއެވެ. އޭނަ ބުނީ 'އެއް ކުއްތާ މަރުވީއެވެ. ދެން، އެ ކުއްތާގެ މަގާމަށް އެހެން ކުއްތާއެއް އަތުވެއްޖެއެވެ!'

މަނިކުބޭ: އެހެން ބުނާކަށް ނުވާނެ ނޫން ހެއްޔެވެ؟ އިންސާނަކާ ދިމާއަށް ކުއްތާއެކޭ ކިޔަން އެންމެ ރަނގަޅުވާނީ ކިހިނެއް ހެއްޔެވެ؟

ޖުހާ: ހަމަ ރަނގަޅު ވާހަކައެކެވެ. އެކަހަލަ އެއްޗެއް ބުނާކަށް ނުވާނެއެވެ. ނަމަވެސް، އޭނަ ފާހަގަކޮށްލަން ބޭނުން ވަނީ ބޭރުފުށުން އެހެން އަންނަ ބަދަލެއްގެ ސަބަބުން ޖައުހަރަކަށް ބަދަލެއް ނާންނާނެކަމެވެ. ބާވެ، ހަސްނެތިފައިވާ އިމާރާތެއްގައި ރީތި ކުލައެއްލުމަކުން އެ އިމާރާތް އާވެ، އެ އިމާރާތުގައި އިންސާނުން އުޅެން ކަމުހިނގައިދާނެ ހެއްޔެވެ؟ ވައްކަމާއި ފަސާދައިގެ ސަގާފަތެއް އޮތް ތަނެއްގައި، އެ ސަގާފަތް ބަދަލު ނުވާހާ ހިނދަކު، ވެރިކަން ބަދަލުވެގެން ވައްކަމާއި ފަސާދަ ނެތިގެން ހިނގައިދާނެ ހެއްޔެވެ؟ ކޮންމެ ބަޔަކު ވެރިކަމަށް އައިކަމުގައި ވިޔަސް، އެ މީހުންނަށް ކަން ކުރަން އެނގޭނީ، އަދި ކަންކުރަން ބޭނުން ވާނީ ވެސް ހަމަ އެ ސަގާފަތް ނިޔާކުރާ ގޮތެއްގެ މަތިންނެވެ. އެ ސަގާފަތުގެ ތެރެއިންނެވެ.

މަނިކުބޭ: އެންމެ ރަނގަޅެވެ. މިހާރު ދެން ވައްކަމާއި ފަސާދައަކީ މާ ބޮޑު ކަމެއް ނޫނެއް ނޫން ހެއްޔެވެ؟ އިހުގައި އެކަން ނައްތާލަން ބޭނުންވާ ވާހަކަ ދައްކާ އަޑުއިވެއެވެ. ޚާއްސަކޮށް ވެރިކަމެއް ބަދަލުވެ، އާ ވެރިކަމެއް އަންނަން އިރުއެވެ. މިހާރު އެކަހަލަ މާ ބޮޑު އަޑެއް ނީވެއެވެ. ދެން، އެހެންވެ، ވައްކަމޭ، ފަސާދައޭ ތިހެން ބުންޏަސް ތި ކިޔަނީ ކީކޭ ކަމެއް ވެސް މީހަކަށް ނޭނގޭނެއެވެ.

ޖުހާ: މަވެސް ބުނަން މި އުޅެނީ ތި ވާހަކައެވެ. ދޭތެރެދޭތެރެއިން ވައްކަމޭ ފަސާދައޭ ކުރީގައި ކިޔާ އަޑު ގަދަވެއެވެ. މިހާރު އެ އަޑެއް ނީވޭ ވާހަކައެވެ. އެއިން އެނގެނީ ކޮން ކަމެއް ހެއްޔެވެ؟ އެކަކަށް ވެސް އެކަން ނުފެންނަ ވާހަކައެވެ. އެންމެންހެން، ކަރުތާފެނަށް، އެކަމުގެ ތެރެއަށް ގެނބިފައި ތިބީމައެވެ. ކުރިން ބުނިހެން، އެންމެން އަޅުވެތިވީމައި މިނިވަނެއް އެ މީހުންނަކަށް ނުފެންނާނެއެވެ. ފަސާދައިގެ ތެރެއަށް އެންމެން ގެނބުނީމައި ފަސާދައިގެ އަމަލެއް އެކަކަށް ވެސް ނުފެންނާނެއެވެ.

މަނިކުބޭ: ތިހެން ނުބުނާށެވެ! އެންމެން އެކަމުގެ ތެރެއަށް ގެނބުނީ ކިހިނެއް ހެއްޔެވެ؟

ޖުހާ: އެކަމުގެ ތެރެއަށް އެންމެން ނުނގެބެނީ ކިހިނެއް ހެއްޔެވެ؟ ދެ ވާހަކައެއް ހަނދާންކޮށްލަދޭނަމެވެ. އެއްކަލަ ދިވެހި ތާރީޚުގައި ހިނގި އެންމެ ބޮޑު ޚިޔާނަތުގެ ދެ މައްސަލަ މަތިން ހަނދާންކޮށްލާށެވެ! އެކަމުގައި ޝާމިލުވި ބޮޑެތި ބޮޑެތި މީހުން މިހާރު އެތިބީ ކިހިނެއް ހެއްޔެވެ؟ ރަސްކަލުންގެ ގޮތުންގައި ތިބެންޖެހޭނޭ ބައެއް އެތިބީ ރަސްކަލުންގެ ގޮތުގައެވެ! ކީއްވެ ހެއްޔެވެ؟ އެ މީހުންގެ ބޯ ރަނގަޅު ކަމުންނޭ ވެސް ބުނެވިދާނެއެވެ. އޭގެ ތެރެއިން އެންމެ މުގުލުގައި ހުރި ބޮޑު މުގޫ ރައްޔިތުންގެ ފައިސާ އެތައް ބައެއްގެ މައްޗަށް ބަހާލައި އެންމެން އޭގައި ޝާމިލުކޮށް އެކަމުގެ ތެރެއަށް އެންމެން ގަންބާލީއެވެ. ދެން ހެއްޔެވެ؟ ދެން، ބާކީ ތިބި މީހުން އެ މީހުން ދިފާއުކުރުމުގައި އަތްޖަހަން ތިބީއެވެ.

ދެން އަނެއް މިސާލެވެ! ކޮންމެ މަޖުލީހުގެ އިންތިޚާބެއް 'ކާމިޔާބު' ކުރާ ގޮތް ބަލާށެވެ! 'ހަދިޔާ' އެ މީހެއްގެ ދާއިރާ ގަނެލަނީއެވެ. ކޮން ކަހަލަ ހަދިޔާއެއް ހެއްޔެވެ؟ ފައިސާގެ ހަދިޔާއެވެ. ހާހުންނާއި ލައްކައިންނާއި އަދި ބައެއް ފަހަރު މިލިޔަނުން ދާއިރާގެ އަފުރާދުން ގަނެލަނީއެވެ! ދެން، ވަޒީފާތައް ބަހާލަނީއެވެ. ދާއިރާގެ ހޯނާއި ކުރަތްޕަށް ދާންދެން ވަޒީފާތައް ބަހާލަނީއެވެ. ސަރުކާރުގެ ވަޒީފާތަކާއި މިނިވަން މުއައްސަސާތަކުގެ ވެސް ވަޒީފާތަކެވެ. ވުޒާރާއެއްގައި އެ ބުނާ 'ސިޔާސީ' މުވައްޒިފުންގެ ތިރީސް ސާޅީސް މީހުން ތިބެއެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް އޮފީހަށް ދާން ޖެހޭކަން ވެސް ނޭނގޭ ފަދަ ހޯނުންނާއި ކުރަފި މީހުންނެވެ!

ދެން ހެއްޔެވެ؟ އެފަދަ ހޯނުންނާ ކުރަފިންނަށް ކުރާނެ މަސައްކަތެއް ނެތި ވަޒީފާ ދިނުމުން އެމީހުން ކުރަނީ ކީއްކަން އެނގޭހެއްޔެވެ؟ މަގުތަކުގައި ބުރު ޖަހައި އެ މީހުން ގަޔާވާ ކަހަލަ އަންހެނަކާ ދިމާވުމުން، ޖާރިޔާއިންގެ ގޮތުގައި އެ މީހުންގެ ޝަހުވާނީ އެދުންތައް ފުއްދަން ތިބެން އެދެނީއެވެ. ތަންތަން ހިފައިފައި، އަދި މުސާރައެއްވެސް ލިބޭ ގޮތަށް ޖާރިޔާއިންގެ ގޮތުގައި ތިބުމަށެވެ! އެ ފަދަ ކުރަތްޕާއި ހޯނުން ފަދަ ސިޔާސީ މުވައްޒިފުން ދެކޭ ގޮތުގައި ކަސްބީ އަންހެނުންނާއި ޖާރިޔާއިން އެންމެ ގިނައިން ހުސްބުޅީގައި ގަންނަނީ ރާއްޖޭގެ ރަށްރަށުގެ މަގުތަކުގެ މަތިންނެވެ! އެ މީހުން ދެކޭ ގޮތުގައި، އެ މީހުން ހުށަހަޅާލާ ފައިސާގެ ދަހިވެތިކަމުގައި ނުޖެހޭނޭ ފަދަ އަޚުލާގީ ހަރުދަނާކަމެއް ހުންނާނޭ އެއްވެސް އަންހެނަކު ނޫޅޭނެއެވެ! އެއްވެސް މަސައްކަތެއް ނުކޮށް އެ މީހުންނަށް ލިބޭ ފައިސާ ޚަރަދުކުރާނެ ގޮތެއް ހޯދަންޖެހޭނެ ނޫން ހެއްޔެވެ؟ އަދި، އެ މީހުންގެ ހޯނުކަމާއި ކުރަފިކަން ފިލުވާލައި އެ މީހުންގެ މާތްކަމާއި ގަދަރުވެރިކަން، ބޮޑުކަމާއި ބިޔަކަން ދައްކާލާނޭ ގޮތެއް ވެސް ހޯދަންޖެހޭނެ ނޫން ހެއްޔެވެ؟ އެ މީހުންގެ ހުނަރުން މިފަދަ ކަމެއް ދެއްކެން ނެތިއްޔާ ޖަނަވާރުން އެކަން ދައްކާލާ ގޮތަށް އެ މީހުންނަށް ވެސް އެކަން ދައްކާލެވިދާނެ ނޫން ހެއްޔެވެ؟ އަދި ވެސް ހެއްޔެވެ؟ އިހުގައި ޑުރަގުގެ ވަބާގައި ޖެހި ނޫނީ އެކަމުގެ މުއާމަލާތްތައް ކުރާ މީހުންނަކީ މުޖުތަމައުގެ ހާޝިޔާގައި އުޅޭ މަދު ބައެކެވެ. މިހާރު އެއީ ގަދަރުވެރިންނެވެ. މުދިމުންނަށް ދަންދެން އެކަމުގެ ތެރެއަށް ގެނބި ވެއްޓިއްޖެއެވެ! އާދެ، އަހަރުމެންގެ ތެރޭގައި އިމާމުގެ މީހުންނަށް ހެޔޮ ގޮތް ބުނެދެން ތިބޭ މީހުންނަކީ ވެސް ޑުރަގުގެ ތެރެއަށް ވެއްޓި ނޫނީ އެކަމުގެ މުއާމަލާތް ކުރުން އެއީ ވެސް އެންމެ ރަނގަޅު ކަމަށް ދެކޭ މީހުންނެވެ!!

ދެން، މުޖުތަމައުގެ ބާކީ މީހުން، މިކަންކަމަށް ކަނު ލޮލެއް ދީ، އެ މީހުންގެ ބޮޑެތި މީހުންނަށް ޚުޝާމަދު ކުރުމުގައި ދެމިތިބެނީއެވެ. އަންނަ ކޮންމެ ވެރިޔަކީ، އަދި އެއްވެސް ކަމެއް ނުކުުރެވުނު ކަމުގައި ވިޔަސް، ދުނިޔެ ނުދެކޭ ފަދަ ބަތަލަކަށް ހަދާލައި އަތްތިލަބަޑި ޖަހަން ތިބެނީއެވެ. މިއަށް ކިޔަނީ ކީކޭ ހެއްޔެވެ؟ މުޅި ތަން ފަސާދައިގެ ތެރެއަށް ގެނބި ދިޔުމެއް ނޫން ހެއްޔެވެ؟ އެހެން ތިބި ބަޔަކަށް، އަމާނާތްތެރިއެއް، ނަޒާހަތްތެރިއެއް ފެންނާނެ ހެއްޔެވެ؟ ނޫންނަމަ ފަސާދައާއި ނަޒާހަތްތެރިކަމާ ދެމެދު ނޫނީ ވައްކަމާއި އަމާނާތްތެރި ކަމާ ދެމެދު ހުރި ތަފާތު ވަކިކުރަން އެނގޭނެ ހެއްޔެވެ؟ އަހަރެން ބުނާނީ ނޭނގޭނޭ ކަމެވެ.

މަނިކުބޭ: އެންމެ ރަނގަޅެވެ!