ކިޔަވާފިލާގެ ނަން ޚާއްޞަ ކުރުމަށްޓަކައި ދިވެހީންކިޔާ ވަކީން ޚާއްޞަ ނަމެއް ނޯވެއެވެ. ނުވަތަ އޮންނަކަމެއް އެނގޭކަށެއް ނެތެވެ. ގިނަ ރަށްރަށުގައި ކިޔަނީ "ކިޔަވާފިލާ" އެވެ. ބައެއް ރަށްރަށުގައި "ލިޔާފިލާ" ކަމަށްވެސް ކިޔާއުޅެއެވެ. އަދި ބައެއް ރަށްރަށުގައި ހަމައެކަނި "ފިލާ" ވެސް ކިޔައި އުޅެއެވެ.
މި ފިލަޔަކީ، ޤުރުއާންފޮތް ލިބުން ދަތި ދުވަސްވަރު އަދި ޤުރުއާން ފޮތުގެ ޙުރުމަތަށްޓަކައި އެފޮތް ކުޑަކުދީން އަތަށް ނުދިނުމުގެވެސް ނިޔަތާއި ބޭނުމުގައި ޤުރުއާން ފިލާވަޅު ލިޔުމަށް ޚާއްޞަކޮށްގެން ދިވެހީން ހަދައިގެން ކުދީންނަށް ކިޔަވައިދޭން ޤުރުއާންފޮތުގެ ބަދަލުގައި ގެންގުޅުނު ފިލައެކެވެ.
މި ފިލާ ހަދަނީ ލަކުޑީން ތިން ސޫތެއްހައި ބޯމިނުގައެވެ. މިދިލިގަހުގެ މުލުންނާއި ކަނދުންވެސް މި ފިލާ ހަދައި އުޅުނެވެ. އެކަމަކު، މި ފިލާ ހެދުމަށް ޚާއްޞަ ކޮށްފައިވަނީ، މިދިލިގަހުން ޤިބްލަވީ ދިމާޔަށް ދެމިފައިވާ ފުޅާ މުލެއް ކަނޑައިގެން އެއިންނެވެ. މިދިލިމުލާއި ކަނދުމޫ ޚާއްޞަ ކުރަނީ އޭގައި ކުދިކުދި ރެނދުއަލައި ހަލާކުވުން ދުރުކަމަށް ވާތީއެވެ. މިދިލީގެވެސް، މަދު ނާޅާ ގަސްގަސް ބަލައިގެން އެކަމަށް ޚާއްޞަކުރި ފޮރުވިފައިވާ، މިހާރަށް ނޭނގޭ ސިއްރެއްވެސް އޮތެވެ.
މި ފިލާ ހަދައިފައި ހުންނަ ސިފަޔަށް އިޝާރާތެއް ދޭނަމަ ބުނަން އޮތީ، ދެ ކޮނޑާއި ބޮލެއް ލާފައި ފިލައިގެ މަތީކޮޅަށް ވުރެން ތިރީކޮޅަށް ކުޑަކޮޑަށް ފުޅާކޮށްލާފައެވެ. އަދި ބޯ ހަދާއިރު ބޮލުގައި ކަނޑައިނުލައި އިތުރު ތަންކޮޅެއް ބަހައްޓައެވެ. އެ ތަންކޮޅަކީ، އެދުރުމީހާ ކޮށާވަޅިއަކުން ކަނޑައިލާން ޚާއްޞަކޮށްގެން ބެހެއްޓި ތަންކޮޅެކެވެ. އާދަކާދައިގެ ތެރޭގެ ކަމެކެވެ. އެ ތަންކޮޅު އެދުރުމީހާ ކަނޑައިލާ ކަނޑައިލުމަށް ކިޔާ ނަމަކީ ފިލާގައި ބޯޖެހުމެވެ.
މި ފިލާގައި ލިޔުމަށް ހުދުކުލަ ޖައްސަނީ، މޫދުން އަތިރިމައްޗަށް ލައްގާފައި ހުންނަ "މަށި" ހޮވައި ހިއްކައި ފުނޑައިގެން އެމަށި ފިލާގައި އުނގުޅައި، ހިކުނީމާ އެ ފިލާ ދޮވެ އަލުން އަވީޖައްސައިގެން ހިއްކުމުން ނުކުންނަ ހުދުކުލަ ފިލަޔަށް އަރުވައިގެންނެވެ. އެގޮތުން ފިލާ ހިކޭއިރު ފިލާ އޮންނަނީ ބޭނުންވާ މިންވަރަށް ހުދުކުލަ އަރައި ލިޔުމަށް އެންމެ ފައްކާ ވެފައެވެ.
ފިލާގައި ލިޔަނީ އެދުވަސްވަރު ގެންގުޅޭ ލިޔާދަވާދުންނެވެ. ފިލާގައި ލިޔެފައިވާ ފިލާވަޅު ކުއްޖާއަށް ދަސްވުމުން ލިޔެފައިވާ ފިލާވަޅު ފޮހެލަނީވެސް މަށި ފުނޑައި މަށި ލައިގެން ދޮވެ މަށިންނެވެ. ފުނޑާފައިވާ މަށި ލައިގެން އަލުން ދޮވެ ހިއްކުމުން ފިލައި އޮންނަނީ އަލުން ލިޔުމަށްޓަކައި ފުރިހަމަޔަށް ތައްޔާރުވެ ހުދުކުލަ ޖެހިފައެވެ.
ކޮންމެ ކުއްޖަކަށްވެސް ފިލާގައި ފުރަތަމަ ލިޔެދޭން އެދުރުމީހާ ފައްޓަނީ އެޒަމާނުގެ އާދަކާދައާ އެއްގޮތަށް އޭނާ އެކަމަށް ބަލާ ހެޔޮ ދުވަހަކު ހެޔޮ އިރުވަރެއްގައެވެ.
މިއީ، މި ފިލަޔާމެދު އަޅުގަނޑަށް އެއްކުރެވިފައިވާ މަޢުލޫމާތު ކޮޅެކެވެ. މި މަޢުލޫމާތު ލިބިގަތުމުގައި ރާއްޖޭގެ ޝަރަފުވެރި ދެ އިސްއުސްތާޛުން ކަމުގައިވާ އުތީމު އާދަންބޭ އާއި އައްޑޫ ހިތަދޫ ޙަސަން ލަބީބު ދެއްވި މަޢުލޫމާތުކޮޅު ހިމަނާފައިވާނެއެވެ.