"ދަރިފުޅާއެވެ! ދަރިފުޅަށް އެނގޭ ހެއްޔެވެ؟ މީހުން ހައްޔަރުކުރަން، ދުނިޔޭގައި އުފެއްދުނު އެންމެ ކުޑަ ބިޑިއަކީ ކޮބައިކަން ދރިފުޅަށް އެނގޭ ހެއްޔެވެ؟ އެއީ ކައިވެނީގެ އަނގޮޓިއެވެ.
އެހެންވީމާ، ދަރިފުޅުގެ ޖަލު ގޮޅީގެ ސާތީއަކު އިޚްތިޔާރުކުރުމުގައި ވަރަށް ފުންކޮށް ވިސްނަން ޖެހެއެވެ. އެންމެ ފުރަތަމަ ވިސްނަން ޖެހޭނީ އެ ޖަލު ގޮޅިއަކީ ދާއިމީ، އަދި، އުފާވެރި ގޮޅިއަކަށް ހެދޭނޭ ގޮތަކީ ކޮބައި ކަމެވެ. އެ ގޮޅީގެ ބައިވެރިޔާއާ އެކުގައި މުޅި އުމުރަށް އުޅެވޭނޭ ގޮތަކީ ކޮބައި ކަމެވެ.
އެކަން ދާއިމީ ކަމަކަށް ހަދާލަން ވިސްނާލާ އިރު، ދަރިފުޅުގެ ޖަލު ގޮޅީގެ ސާތީއާ ވަރުގަދަ ގުޅުމަކުން ބަނދެވިފައި އޮންނަން ޖެހެއެވެ. އިހުސާސުތަކުގެ ގުޅުމެކެވެ.
އަދިވެސް، ހަނދާން ކޮށްލަން ޖެހެއެވެ. ދަރިފުޅުގެ ކުދިންނަށް އެ ކުދިންގެ ބައްޕަ އިޚްތިޔާރެއް ނުކުރެވޭނެއެވެ. އެކަން ކުރުމުގެ އިޚްތިޔާރު އޮންނަނީ ދަރިފުޅުގެ އަތްމަތީގައެވެ. އެހެންވެ، ދަރިފުޅުގެ ކުދިންގެ ބައްޕައަކަށް އިޚްތިޔާރުކުރަން ޖެހޭނީ ކާކުތޯ ވިސްނާލަން ޖެހެއެވެ. އެ ވާން ޖެހޭނީ ބައްޕައަކަށެވެ. ބައްޕައެއްގެ ދައުރު ފުރިހަމައަށް އަދާކުރެވޭ މީހަކަށެވެ. ދަރިފުޅުގެ ކުދިންނަށް މައުނަވީ އަދި މާއްދީ އެހީތެރިކަން ފޯރުކޮށްދެވޭނޭ މީހަކަށެވެ. އޭގެ އިތުރުން، ރަހުމަތްތެރިއަކަށާއި، އެދުރަކަށާއި މަގުދައްކައިދޭ މީހަކަށް ވެސް އޭނަ ވާންޖެހެއެވެ.
މީގެ އިތުރުން، ދަރިފުޅު ވެސް ރަނގަޅު މަންމައަކަށް ވާން ޖެހޭނެއެވެ. މިނިސޫރައާއި މިނިއަޚުލާގު ވެސް ލިބިގެން ތިބި އިންސާނިއްޔަތުކަން ހުރި ބަތަލުންތަކެއް ފަދަ ކުދިންތަކެއް ތަރުބިއްޔަތު ކުރާ މަންމައަކަށް ވާން ޖެހެއެވެ. މައިންބަފައިންނާ އަދި ރަހިމުގެ ގުޅުން ވެސް ދަމަހައްޓާނޭ ފަދަ ކުދިންނަށް އެކުދިން ހަދާލާނޭ މަންމައަކަށެވެ.
ކޮންމެއަކަސް، މިހުރިހާ ކަމެއްގެ އެއްބައި ގޮސް ގުޅެނީ ކުދިންނަށް މަތީގައި ބުނެފައިވާ ކަހަލަ ބައްޕައަކު އިޚުތިޔާރު ކުރުމާއެވެ. އަތުގައި އެއްކަލަ ކުޑަކުޑަ ބިޑި އަޅުވައި އޭނައާ އެކުގައި ތައްޔާރުކުރާ ޒަވާޖީ ހަޔާތުގެ ކުޑަ ގޮޅި ތަނަވަސްކޮށްލައި ބާއްޖަވެރިކުރެވޭނޭ ފަދަ ބައްޕައެކެވެ. އަނެއް ބައި އޮންނާނީ ދަރިފުޅުއަތްމަތީގައެވެ. މަތީގައި ބުނެފައިވާ ފަދަ މަންމައަކަށް ދަރިފުޅުވުމާއެވެ!"
