Support Us

ކޮލަމް ކަލާވެހި: "ދެން އެހެން ވެއްޖިއްޔާ، އިސް ވެރިޔެއްގެ ޒިންމާޔަކީ ކޮބައިބާ؟"

"ދެން އެހެން ވެއްޖިއްޔާ، އިސް ވެރިޔެއްގެ ޒިންމާޔަކީ ކޮބައިބާ؟"، މިއީ ދާދި އިހަކަށް ދުވަހު މީހަކު އަޅުގަނޑާ ކުރިމަތިކުރި ސުވާލެކެވެ. އޭނާ އެ ސުވާލު ކުރީ، އެކަމަކާ މެދު އޭނާޔަށް ކަންބޮޑުވާ ކަމެއްގެ ވާހަކަ ދައްކައިފައި، އޭނާ ދެއްކި ވާހަކަ ނިންމައިލަމުންނެވެ. އޭނާ އަޅުގަނޑު ގާތު ދެއްކި ވާހަކައިގެ ޚުލާޞާޔަކީ، މިހައިރަކަށް އައިސް އަޅުގަނޑުމެންގެ ބައިމެދުން ފެންނަ ނޭދެވޭ ހަމަ ކޮންމެ ކަމެއްގެ ޒިންމާ ގޮސް އެޅި ނިމެނީ ހަމަ އެންމެ އާދައިގެ، ނިކަމެތި، އެކި ވަކި ފަރުދުންގެ ބޮލުގަޔޭ އެވެ. އަދި "ފަރުދީ ޒިންމާ" މި ބަހަކީ ކަންކަން ހިންގުމުގެ މަސްއޫލިއްޔަތު ރަސްމީކޮށް ބޮލަރުވައިގެން ކަމަށް ތިބޭ އެކި ފެންވަރުގެ އަމުރުވެރީންގެ އަތްމަތީ ބަހަކަށް ވެއްޖެ ވާހަކައެވެ.

އަޅުގަނޑަކީ މި ރާއްޖޭގައި މިހައިރު ކަމުވޮށިގެންވާ ގިންތީގައި ހިމެނުން ކީއްކުރާންތޯއޭ، ދަލުބޭރުން ޖެހިގެން ކަމަކާ އުޅެވޭ ފަހަރަކުވެސް އެއްވެސް ކަމަކަށް ކަމުފޮޅާ ޒާތުގެ މީހެއް ނޫނޭވެސް ވަކި ޒާތެއްގެ ބަޔަކު ދާދި ފަހަކާ ޖެހޭންދެން ބުނެ އުޅުނު މީހަކީމެވެ. އަދި ހަމަ އެޔާ އެކު، މިރާއްޖެއިން މިފަހަކަށް އައިސް ފެނުނު މުޖުތަމަޢެއްގެ ފަތިފުށުގެ ބައެއް ކަހަލަ ނުސިޔާނު ޞަފުޙާތަކުން ގަވައިދުން ފިލާވަޅު ލިބިލިބި ހުރި މީހަކީމެވެ. އަދި އެކަންކަމުގެ ނަތީޖާޔެއްގެ ގޮތުން ނަމަވެސް، މީހުން އެހެން ދައްކައިލާ ވާހަކަތަކަށް ބީރު އަދި ނުވިޔަސް ބަންދުކުރެވުނު ކަންފަތެއް ދެވޭތޯ ވެސް ބެލި މީހަކީމެވެ. އެހެންކަމުން، އަޅުގަނޑަށް ދެންވެސް ޤަޞްދު ކުރެވުނީ އޭނާ އެ ދެއްކި ވާހަކަތަކަށް އެހައި ބޮޑު ސަމާލުކަމެއް ނުދީ، ހިނިތުންވެލައިފައި އަވަހަށް ދުރަށް ދެވޭތޯއެވެ. އެހެން ނަމަވެސް…

އޭނާ އެންމެ ފަހުން އެ ބުނި ޖުމުލަ، ނުވަތަ އެ ކުރި ސުވާލު، "ދެން އެހެން ވެއްޖިއްޔާ، އިސް ވެރިޔެއްގެ ޒިންމާޔަކީ ކޮބައިބާ؟" މޯހިރަށް ދޫކޮށްލައިފައި ދުރަށް ދާކަށް އަޅުގަނޑުގެ ހިތެއް މިއަދަކު އަޅުގަނޑަކަށް ހުއްދަޔެއް ހަމަ ނުދިނެވެ. އެހެނީ، އޭނާ އިޝާރާތް އެ ކުރަނީ ދާދި ފަހުން މި ރާއްޖޭގެ ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ހޮވި ހޮވުމެއްގެ ނަތީޖާޔެއްގެ ގޮތުން އެންމެ އިސް ވެރީން ކަމުގައި މި ބޭފުޅުންނަށް ކަމަށް ވަންޏާ، އަޅުގަނޑު ކަހަލަ މީހަކު ނަމަވެސް އެކަމާ ކޮންމެވެސް އެއްޗެއް ބުނާން މިހައިރު އެބަ ޖެހެއެވެ. އެހެނީ، އަޅުގަނޑުމެން ރައްޔިތު އެންމެންގެ މަޞްލަޙަތުތަކައިގެން ކުރިޔަށް ވަޑައިގަންނަވާން އަޅުގަނޑުމެންގެ އަމިއްލަ އިޚްތިޔާރުން ކުރިޔަށް ގެނެވުނު މި ތިބެވި އިސް ވެރީންނަކީ އެންމެހައި ކަމެއްގެ މަސްއޫލިއްޔަތު ފަރުދީ ޒިންމާޔާ މަތިކުރައްވައިފައި ދުރަށް ދުވެވަޑައިގެން ވަޑައިގަންނަވާ ޒާތުގެ ވެރީން ކަމަކަށް އަޅުގަނޑަކަށް ހަމަ ނުފެނެއެވެ!

"ތިޔަ ދައްކަނީ ދައުލަތުގެ އެންމެ އިސް ވެރީންގެ ވާހަކަހެއްޔެވެ؟" އަޅުގަނޑު އޭނާ ކުރެން އަހައިލީމެވެ.

"މުޅިޔަކުން އެހެނެއް ނޫން. އެކި ކަންކަމު އުޅޭ އިސް ވެރީން…" އޭނާ އަޅުގަނޑަށް ދިން ޖަވާބުގެ ޖުމުލަ ފުރިހަމަޔެއް ނުވިއެވެ. ނުވަތަ ފުރިހަމަ ނުކުރީއެވެ. އެހެންކަމާ އެކު، އަޅުގަނޑު ޤަޞްދުކުރީ އޭނާޔާވެސް ސުވާލުތަކެއް ކުރިމަތިކުރާށެވެ. އަދި އެ ސުވާލުތަކުގެ ޖަވާބު އޭނާގެ އަމިއްލަ ނަފުސަށް ތެދުވެރިކަމާއެކު ދޭން ކެރިއްޖިއްޔާ… ފަހަރުގައި ކޮންމެވެސް އެހެން އެއްޗެއް ވެސް އޭނާޔަށް ވެސް ވިސްނިދާނެ، އެހެން ނޫންތޯއެވެ!

"އަހަރުމެން އެ ޤައުމެއްގައި ދިރި މިއުޅޭ ފަދަ ޤައުމެއްގެ އެންމެ އިސް ވެރީންނަށް ތިބޭ މީހުންނަކީ ވަރަށް ބޮޑެތި މަސްއޫލިއްޔަތުތަކަކާއި ޒިންމާތަކެއް ބޮލުގައި އަޅައިގެން ތިބޭ ބައެއް ކަމަށް އަހަރެންނަށް ފެނެއެވެ. އެ މީހުންނަކީ، އެންމެ ފުރަތަމަ، އެބައިމީހުން ހެއްދެވި ފަރާތަށް ކުއްތަންވެ، ތަޥާޟުޢުވެރިކަމާ އެކު އެ ފަރާތަށް ކިޔަމަންގަންނާން ލާޒިމުވާ ބައެއް ކަމަށް ވެސް އަހަރެންނަށް ފެނެއެވެ. އަދި މަތިވެރި ހުސްޠާހިރުވަންތަ އެ ފަރާތުން އެންމެހައި އިންސާނުންނަށް ފޮނުއްވި ދީނުގައި ހިމެނިގެންވާ ފަރުޟުތަކާއި ވާޖިބުތައް ފިސާރި ރަނގަޅަށް އެނގިތިބުމާއެކު، ތިމައުރެން އެކަންކަން ފުރިހަމަޔަށް އަދާކުރާން ހަމަ ކޮންމެހެންވެސް ޖެހޭނޭ ބައެއް ކަމަށް ވެސް ފެނޭ މެއެވެ. އަދި ހަމަ އެޔާ އެކު، ތިމައުރެން އެ ބައެއްގެ މައްޗަށް ވެރިކަން ކުރާ އެންމެންނަށްމެ އެކަންކަން ކުރުމަށް ބާރުއަޅައި، އެ ކަންކަން ކުރުމަށް މަގުފަހިކޮށްދޭ ވެސް ބަޔަކަށް ވާން ޖެހޭ ކަމަށް އަހަރެންނަށް ފެނެއެވެ. އަހަރުމެން އެންމެން ހައްދަވައި ބޮޑުކުރެއްވި ފަރާތުން އިންސާނުންނަށް އަންގަވައި ފޮނުއްވައިފައިވާ އެންމެހައި ކަންކަމުގެ ތެރެއިން ޙަރާމްވެގެންވާހައި ކަންކަމުން ޚުދު ތިމައުރެން ދުރުވެ ތިބެ، އެހެން މީހުންގެ މައްޗަށްވެސް މުންކަރާތްތައް ނަހީކުރާ ބަޔަކަށް ވާން ޖެހޭ ކަމަށް ވެސް ފެނެއެވެ. ޙަލާލުވެގެންވާ ކަންކަމުގައި ހިފައި، ޙަރާމްވެގެންވާ ކަންކަމުން ދުރުވާން އެންމެނަށް އެހީވާ ބަޔަކަށް އެބައިމީހުން ވާން ޖެހޭ ކަމަށް ވެސް އަހަރެންނަށް ފެނެއެވެ. ދެން ތިބާ އަޅެ ކަންކަމުގެ މައްޗަށް ރަނގަޅަށް ވިސްނައި ފިކުރުކޮށް ބަލައިފައި ބުނެބަލާށޭ، މިރާއްޖޭގައި މިހައިރު މި ތިއްބެވި އިސް ވެރީންނަކީ އެ ފަދަ ބޭބޭފުޅުން ފަހެ ނޫން ހެއްޔެވެ؟" އަޅުގަނޑު އޭނާ ގާތު އަހައިލީމެވެ.

"ދެން އަދި ވިސްނައި ބަލައިލަ ބަލާށޭ، އަހަރުމެން އެ ޤައުމެއްގައި ދިރިއުޅެމުން މި ގެންދާ ޤައުމު ކަހަލަ ޤައުމެއްގެ އިސް ވެރީންނަށް ތިބޭ މީހުންނަކީ ޤައުމުގެ ހަމަ ކޮންމެ ރައްޔިތެއްގެ ނަފުސާއި، މުދަލާއި، މިލްކިއްޔާތާއި، އަބުރާއި، ޢިއްޒަތާއި، ކަރާމަތާއި، މިނިވަންކަމާއި، އިންސާނީ ޙައްޤުތަކާއި، މިހިރަމިހިރަ ހުރިހައި ކަމެއް އެތެރެޔާއި ބޭރުގެ ނުރައްކާތަކާއި ޙަމަލާ ތަކުން ޙިމާޔަތް ކޮށް ދަމަހައްޓައިދިނުމުގެ އިންސާނީ އެންމެ އިސް މަސްއޫލިއްޔަތު އުފުލާން ތިބޭ މީހުން ކަމަށް އަހަރެންނަށް ފެނެއެވެ. ޤައުމުގެ އެންމެންގެ މި ބުނާ މަޞްލަޙަތުތަކާ މެދު ޖަމުޢު ގޮތެއްގައި ވިސްނުމާއި، ޤައުމުގެ ހަމަ ކޮންމެ ފަރުދެއްގެ މެ މި ބުނި މަޞްލަޙަތުތަކާ މެދު ފަރުދީ ގޮތުން ސަމާލުވުމަކީވެސް މި ބުނި އިސް ވެރީންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ނުހިމެނި ހިނގައިދާނޭ ކަމެއް ކަމަކަށް އަހަރެންނަކަށް ހަމަ ނުފެނެއެވެ. ދެން ތިބާ އަޅެ ހެޔޮ ހިތަކުން ވިސްނައި ފިކުރުކޮށް ބަލައިފައި ބުނެ ބަލާށޭ، މި ޤައުމުގައި މިހައިރު މި ތިއްބެވި އިސް ވެރީންނަކީ އަހަރެން މި ބުނި މަސްއޫލިއްޔަތުން އެއްވެސް ޙާލެއްގައި އަދި އެއްވެސް ގޮތަކުން ރެކިވަޑައިގެންނެވި ބޭފުޅުން ކަން ތިބާޔަށް އެނގި އެބަ ހުރި ހެއްޔެވެ؟ އެހެން ނޫން ނަމަ، ތިބާ ދެން ބުނާނީ ކީކޭ ހެއްޔެވެ؟" އަޅުގަނޑުގެ ސުވާލުތަކައިގެން އަޅުގަނޑު ކުރިޔަށް ދިޔައިމެވެ.

"ދެން ތިބާ އަޅެ ވިސްނާބަލާށޭ، ޤައުމެއްގެ ރައްޔިތެއްގެ އަމާންއަމާން ކަމާއި، ބޯހިޔާވަހިކަމާއި، އުނުއޮރިޔާން ފިލުވުމާއި، ބަނޑުފުރާނަމުއްތިކުރުމާއި، ދުޅަހެއުކަމާއި، އުނގެނި ދަސްކުޅައުމާއި، ދިރިއުޅޭން މަސައްކަތްކުރުމާއި، އަޅުކަން ކުރުމާއި، އިންސާނުންގެ ދިރިއުޅުމުގައި ދެންވެސް މި ބީދައިން ކޮންމެހެން ބޭނުންވާނޭ އެކި ކަންކަން އިހަށް ވުރެ ހެޔޮ މަގުން، ފަސޭހަ މަގުން، ތަނަވަސް މަގުން، ފުރިހަމަ މަގުން، ރައްޔިތުންނަށް ހޯދައިދެވޭތޯ ބެލުމަކީ ހެޔޮލަފާ، ކަމަށް ޤާބިލް އިސް ވެރިޔަކު ކުރާން ޖެހޭ ކަންކަން ހެއްޔެވެ؟ ކަން އޮތީ އެހެން ކަމަށް ތިބާ ޤަބޫލުކުރާނެންޏާ، އަހަރުންމެންނަށް މިހައިރު ލިބިފައި މި ތިބަ އިސް ވެރީންނަކީ ހެޔޮލަފާ، ޤާބިލް އިސް ވެރީން ކަމަށް ތިބާ ޤަބޫލުކުރާނަން ހެއްޔެވެ؟" އަޅުގަނޑު އޭނާ ގާތު ދެން އަހައިލީމެވެ.

"ދެން އެންމެ ރަނގަޅޭ، ބުނެބަލާށޭ، ބައިބައި ވުމާއި، ނޭންގާނި ކަމާއި، ފަސާދަޔާ، މި ޒާތުގެ ފަނާކުރުވަނިވި ކަންކަމުން ދުރުވެ ތިބެ، ޤައުމުގެ އެންމެހައި މަޞްލަޙަތުތައް އިސްކުރާން އެންމެން އެކީ މަސައްކަތްކުރާން އިސް ވެރީން އަޅެ ނަޞީޙަތެއް ނުދެއްވާ ހެއްޔެވެ؟ މުއްސަންޖެއް އިސް ނުކުރައްވައި، ފަޤީރަކު ބާކީނުކުރައްވައި، ސިޔާސީ ފިކުރަކީ ޤައުމީ ކަންކަމުގައި އެއްބަޔަކު ބާކީ ވެފައި އަނެއް ބަޔަކަށް ހެދޭ ގޯހެއް ނުފެންނަ މިންގަނޑަކަށް ވުން އުވައިލައްވަން އެ ބޭފުޅުން މަސައްކަތްޕުޅެއް ނުކުރައްވާ ހެއްޔެވެ؟ މަނިއްޕުޅުންގެ ގިންތީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަށް އެއް ހަމަޔެއް، ދެރަ ސޮރާއި އޭނާގެ އަނބިދަރީންނަށް އެހެން ހަމަޔެއް އޮތުން މާޒީކުރުމުގައި އިސް ދައުރެއް އަދައެއް ނުކުރައްވާ ހެއްޔެވެ؟ އަޅެ ވިސްނައި ބަލައިފައި ސާފުކޮށް ބުނެ ބަލާށެވެ!" އަޅުގަނޑު ކުރިޔަށް ގެންދިޔައިމެވެ.

"ވާހަކައެއް ބުނަން ހެއްޔެވެ؟ ޒިންމާ ނުއުފުލޭ ބާރުވެރި ބަޔަކު ކުރާން ޖެހުނު އެތައް ކަމެއް ނިކަމެތީންގެ ބޮލުގައި އަޅުވާން ބޭނުންކުރި، އަދި މިހައިރުވެސް ބޭނުންކޮށްފާނޭ ކަމަށް ތިބާޔަށް ތިޔަ ހީވާ، 'ފަރުދީ ޒިންމާ' އެއީ މިހައިރު މާޒީވެފައި އޮތް ބަހަނާއެއް ކަމަށް ތިބާ ޤަބޫލެއް ހަމަ ނުކުރާނަން ހެއްޔެވެ؟ ފަރުދީ ޒިންމާވެސް ދެން އޮންނާނީ އޭގެ ފުރިހަމަ ގޮތުގައި އޮންނާން ޖެހޭ ތަނުގައި ކަމާއި، އެއީ މި ޒަމާނުގެ ބަހަނާޔެއް ނޫންކަމަށް ދެން ބަލައެއް ނުގަންނާނަން ހެއްޔެވެ؟ މާޒީ މޯހިރަށް ލައިފައި ކުރިމަގަކަށް ހަމަ ނުބަލާނަން ހެއްޔެވެ؟" އަޅުގަނޑު ނިންމައިލީމެވެ.

އަޅުގަނޑު އެ ހިސާބުން އާނާޔާ ވަކިވީ އުންމީދަކާ އެކުގައެވެ. އޭނާވެސް އެތަނުން ދުރަށް ދިޔައީ އިހަށް ވުރެ ލުއި ހިތަކައިގެން ކަމަށް އަޅުގަނޑު ހީކުރީމެވެ. އަދި ހީކުރާނަން މެއެވެ.