Support Us

ކުރު ވާހަކަ: ފިރިން ވިއްކާ ފިހާރަ

ހުވަރަންދީބުގައި ދާދި ފަހުން ވަރަށް ވެސް އަޖައިބުކުރުވަނިވި ފިހާރައެއް ހުޅުވިއެވެ. ފިރިން ވިއްކާ ފިހާރައެކެވެ. ފިރިއަކު ބޭނުންވާ ކޮންމެ އަންހެނަކު ވެސް އެ ފިހާރައަށް ގޮސް، އޭނައަށް ކަމުދާ ކަހަލަ ފިރިއެއް އިޚްތިޔާރުކޮށް ގަންނަންވީއެވެ.

އެ ފިހާރައަށް އަންހެން ކުއްޖަކު ދިޔައެވެ. ފިރިއަކު ހޯދުމުގެ ނިޔަތުގައެވެ. ފިހާރައިގެ ދޮރުން ވަން އިރު، ކުރިމަތީ ހުރި ބޯޑެއްގައި ވަރަށް ސާފުކޮށް އިރުޝާދުތަކެއް ލިޔެފައި ހުއްޓެވެ. އެ އަންހެން ކުއްޖާ އެ ބޯޑު ކިޔައިލިއެވެ. އެ ބޯޑުގައި އޮތީ މިހެންނެވެ:

"މި ފިހާރައަށް ޒިޔާރަތް ކުރެވޭނީ އެންމެ ފަހަރަކުއެވެ. މި ފިހާރައިގައި ހަ ފަންގިފިލާ ހުންނާނެއެވެ. ކޮންމެ މީހަކަށް ވެސް އެ ފަންގިފިލާތަކަށް ޒިޔާރަތް ކުރެވިދާނެއެވެ. ކޮންމެ ފަންގިފިލާއެއްގައި ވެސް އެ ތަނުން ލިބެން ހުރި ފިރިންގެ ވާހަކައިގެ މައުލޫމާތާއި އަގު ލިޔެފައި ހުންނާނެއެވެ. ވަކި ފަންގިފިލައަކުން ފިރިއަކު އިޚްތިޔާރުކޮށްފި ނަމަ، ދެން އިތުރަކަށް މައްޗަކަށް ނޭރޭނެއެވެ. ދެން ޖެހޭނީ އޭނަގެ އިޚްތިޔާރަކައިގެން ތިރިއަށް ފައިބާށެވެ. ތިރީ ފަންގިފިލައިން ފިރިއަކު އިޚްތިޔާރު ކުރަން ބޭނުން ނޫންނަމަ މައްޗަށް އެރޭނެއެވެ. ނަމަވެސް، މައްޗަށް އަރައިފި ނަމަ ދެން، ތިރިއަށް ފޭބޭނީ ހަމައެކަނި ފިހާރައިން ނިކުތުމަށްޓަކައެވެ.

ކޮންމެއަކަސް ފިހާރައަށް ޒިޔާރަތް ކުރި އަންހެން ކުއްޖާ ފުރަތަމަ ފަންގިފިލާއަށް އެރިއެވެ. އެ ތަނުގައި މިހެން ލިޔެފައި އޮތެވެ: "މި ފަންގިފިލާގައި ތިބި ހުރިހާ ފިރިހެނުންނަކީ ވެސް ވަޒީފާ އަދާކުރާ މީހުންނެވެ. އަނތްބަކު ބެލެހެއްޓުމުގެ ގާބިލުކަން އެ މީހުންނަށް ލިބިގެން ވެއެވެ."

ދެން، އަޅުގަނޑުމެންގެ ބަތަލު އަންހެން ކުއްޖާ ހިތަށް އެރީ އަދި މަތީގައި ހުރި ތަންތަން ވެސް ބަލާލަންވާނޭ ކަމެވެ. އެހެންވެ، ދެވަނަ ފަންގިފިލާއަށް އޭނަ އެރިއެވެ. އަތަނުގައި މިހެން ލިޔެފައި އޮތްތަން އޭނައަށް ފެނުނެވެ. "މި ފަންގިފިލާގައި ތިބި ފިރިހެނުންނަކީ ވަޒީފާ އަދާކުރާ މީހުންނެވެ. އަނތްބަކު ގެންގުޅުމުގެ ގާބިލުކަން އެއިން ކޮންމެ މީހަކަށް ވެސް ލިބިގެން ވެއެވެ. އަދި މީގެ އިތުރުން، އެ މީހުން ކުޑަކުދިން ދެކެ ވަރަށް ވެސް ލޯބިވެއެވެ. ޝައްކެއް ނެތް ގޮތުގައި އެ މީހުން އެ މީހުންގެ ދަރިންނަށް ވެސް އަޅައިލައި ކަމޭހިތާނެއެވެ."

އަންހެން ކުއްޖާ ހިތަށް އެރީ އަދި މިވަރުން ފުއްދާލައިގެން ކަމުނުދާނޭ ކަމެވެ. އަދިވެސް އިތުރަށް ބަލައިލާނީއެވެ. މިހެން ހިތައި ދެން އޮތް ފަންގިފިލާއަށް ވެސް އެރިއެވެ. އަދި ތިން ވަނަ ފަންގިފިލާގައި މިހެން ލިޔެފައި އޮތް ތަން ފެނުނެވެ. "މި ފަންގިފިލާގައި ތިބި ފިރިހެނުންނަކީ ވަޒީފާ އަދާކުރާ މީހުންނެވެ. އަނތްބަކު ގެންގުޅުމުގެ ގާބިލުކަން އެއިން ކޮންމެ މީހަކަށް ވެސް ލިބިގެން ވެއެވެ. އަދި މީގެ އިތުރުން، އެ މީހުން ކުޑަކުދިން ދެކެ ވަރަށް ވެސް ލޯބިވެއެވެ. ޝައްކެއް ނެތް ގޮތުގައި އެ މީހުން އެ މީހުންގެ ދަރިންނަށް ވެސް އަޅައިލައި ކަމޭހިތާނެއެވެ. އަދި، އެ މީހުންނަކީ ބަލާލަން ވަރަށް ވެސް ރީތި ފިރިހެނުންނެވެ."

މިތަން ފެނިފައި އަންހެން ކުއްޖާ ހިތާހިތާ ބުންޏެވެ. މިވަރުން ފުއްދާލައިގެން ކަމަކުނުދާނެއެވެ. ދެން، އޮތް ފަންގިފިލާގައި މި ފެންނަ ފިރިންނަށް ވުރެ ވެސް ރަނގަޅު ފިރިން ލިބެން ހުރެދާނެއެވެ. ދެން، އެ އެދުމާއިގެން ޖެހިގެން އޮތް ހަތަރު ވަނަ ފަންގިފިލާއަށް އެރިއެވެ. އަދި އެތަނުގައި މިހެން ލިޔެފައި އޮއްވައި ފެނުނެވެ: "މި ފަންގިފިލާގައި ތިބި ފިރިހެނުންނަކީ ވަޒީފާ އަދާކުރާ މީހުންނެވެ. އަނތްބަކު ގެންގުޅުމުގެ ގާބިލުކަން އެއިން ކޮންމެ މީހަކަށް ވެސް ލިބިގެން ވެއެވެ. އަދި މީގެ އިތުރުން، އެ މީހުން ކުޑަކުދިން ދެކެ ވަރަށް ވެސް ލޯބިވެއެވެ. ޝައްކެއް ނެތް ގޮތުގައި އެ މީހުން އެ މީހުންގެ ދަރިންނަށް ވެސް އަޅައިލައި ކަމޭހިތާނެއެވެ. އަދި، އެ މީހުންނަކީ ބަލާލަން ވަރަށް ވެސް ރީތި ފިރިހެނުންނެވެ. ދެން، އެ މީހުންގެ ޚާއްސަ ސިފަތަކުގެ ތެރޭގައި އެ މީހުންނަކީ އަނބީންނަށް ވަރަށް ވެސް ކަމޭހިތާ، އަނބިން ގޭގައި ކުރަންޖެހޭ މަސައްކަތްތަކުގައި ބައިވެރިވެ، އަނބިންނަށް އެހީތެރިވާ ފިރިންނެވެ."

އަނެއްކާ ވެސް އަންހެން ކުއްޖާ ހިތަށް އެރިއެވެ. ދެން އޮތް ފަންގިފިލާ ވެސް ބަލާލުން ގޯހެއް ނޫނެވެ. މިއަށް ވުރެ ވެސް ރަނގަޅު ފިރިން އެ ތަންތަނުން ލިބިދާނެކަންނޭނގެއެވެ. ދެން، އަވަސްއަވަހަށް ފަސް ވަނަ ފަންގިފިލާއަށް އެރިއެވެ. އަދި އެތަނުގައި މިހެން ލިޔެފައި އޮއްވައި ފެނުނެވެ. "މި ފަންގިފިލާގައި ތިބި ފިރިހެނުންނަކީ ވަޒީފާ އަދާކުރާ މީހުންނެވެ. އަނތްބަކު ގެންގުޅުމުގެ ގާބިލުކަން އެއިން ކޮންމެ މީހަކަށް ވެސް ލިބިގެން ވެއެވެ. އަދި މީގެ އިތުރުން، އެ މީހުން ކުޑަކުދިން ދެކެ ވަރަށް ވެސް ލޯބިވެއެވެ. ޝައްކެއް ނެތް ގޮތުގައި އެ މީހުން އެ މީހުންގެ ދަރިންނަށް ވެސް އަޅައިލައި ކަމޭހިތާނެއެވެ. އަދި، އެ މީހުންނަކީ ބަލާލަން ވަރަށް ވެސް ރީތި ފިރިހެނުންނެވެ. ދެން، އެ މީހުންގެ ޚާއްސަ ސިފަތަކުގެ ތެރޭގައި އެ މީހުންނަކީ އަނބީންނަށް ވަރަށް ވެސް ކަމޭ ހިތާ، އަނބިން ގޭގައި ކުރަންޖެހޭ މަސައްކަތްތަކުގައި ބައިވެރިވެ، އަނބިންނަށް އެހީތެރިވާ ފިރިންނެވެ. އަދި، އެ ފިރިންނަކީ ލޯބީގެ އިހުސާސުތައް، ހުރިހާ ވަގުތެއްގައި ވެސް، އެކި ގޮތްގޮތަށް ފާޅުކޮށް، އަނބިން ރުއްސަން އަބަދު މަސައްކަތްކުރާ ފިރިންނެވެ."

މިތަން ފެނިފައި އަންހެން ކުއްޖާ ވަރަށް އުފާކުރިއެވެ. ނަމަވެސް، ބާކީ އަދި އެއް ފަންގިފިލާ އޮތުމުން، އެތަން ވެސް ބަލާލަން ހިތަށް އެރިއެވެ. އެންމެ ފުރިހަމަ ފިރިމީހާ ގަންނަން ލިބޭނީ އެ ފަންގިފިލާއިން ކަމުގައި އޭނައަށް ގަބޫލުކުރެވުނެވެ. ދެން، ހަވަނަ ފަންގިފިލާއަށް ވެސް އެރިއެވެ. އަދި އެތަނުގައި މިހެން ލިޔެފައި އޮއްވައި ފެނުނެވެ: "ފިރިން ގަންނަން އައި ކަނބަލުންގެ ސައްތައިން އެކަކު މި ހިސާބަށް ނައިސް، އެ ކަނބަލުން ބޭނުންވާ ފިރިން ޚިޔާރުކުރިއެވެ. ނަމަވެސް ކަނބުލޭގެ ހިމެނެނީ ފިރިން ހޯދަން އައި މީހުންގެ ތެރޭގައި ހިމެނުނު އަނެއް ބައިގެ ތެރޭގައެވެ. ސައްތައިން 99ގެ ކަނބަލުންގެ ތެރޭގައެވެ. އެ ކަނބަލުންގެ ހިތް އެއްގޮތަކަށް ވެސް ނުފުރޭ ބައިގެ ތެރޭގައެވެ. އެ ކަނބުލޭގެމެންނަށް ވެސް ހަޔާތުގައި ރަނގަޅު މީހުންނާއި ނުރަނގަޅު މީހުން ދިމާވިއެވެ. ނަމަވެސް، ގިނަ ފަހަރަށް އެ ކަނބުލޭގެމެންގެ ނަޒަރު ހުއްޓޭނީ ބޭރުފުށުގައެވެ. ނޫނީ އެކަނބުލޭގެމެންގެ ޝަރުތުތައް ގިނަވެ، ނުފެއްދޭ ހިސާބަށް ގޮސް، ފިރިންގެ ބާޒާރުން ފިރިން ނުލިބޭގޮތް ވެއެވެ. އެންމެފަހުން، މާކަނާ ކަލޯއަށް ވީ ގޮތަށް ލިބެނީ ކުނި މީދަލެކެވެ! ކޮންމެއަކަސް ފިިރިން ވިއްކާ ފިހާރައަށް ބާޒާރުކޮށްލަން އަޔަތީވެ، ވަރަށް ބޮޑަށް ޝުކުރުވެރިވަމެވެ!"