Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: އިއްޔެގެ ބޮޑު ނަތީޖާގެ އަރިމަތީ ސުރުހީތައް!

އިއްޔެ އަކީ، ނުވަތަ އޭޕްރިލް 21، 2024 ވީ އާދީއްތަ ދުވަހަކީ ދިވެހި ރާއްޖޭގެ ސިޔާސީ ހަޔާތުގެ މިސްރާބު މުޅިން އެހެން ދިމާލަކަށް ބަދަލުކޮށްލި ބޮޑު ދުވަހެކެވެ. މަޖުލީހުގެ 93 ގޮނޑީގެ ތެރެއިން 73 ގޮނޑި ކާމިޔާބުކޮށް، މަޖުލީހުގެ ސުޕަ މެޖޯރިޓީ، ވެރިކަން ކުރާ ޕީ.އެން.ސީ އަށް ލިބުމަކީ އޭގެ ބޭރުފުށުގެ މާނައަށް ވުރެ ބޮޑަށް އޭގެ އަރިމަތީން ފެންނާން ހުރި މާނަތައް އަދި މާ ފުން ނަތީޖާއެކެވެ. މިއީ ހަމައެކަނި ސަރުކާރުން ވަޒީފާ ބަހައިގެން، ނުވަތަ ނުފޫޒުގެ ބޭނުން ކޮށްގެން ލިބުނު ނަތީޖާއެކޭ ކިޔައިފައި ނިންމާލާ ވަރަށް ވުރެ ބޮޑު ނިންމުމެކެވެ. އިއްޔެގެ ނަތީޖާއިން ދިވެހި ރައްޔިތުން އެތައް ބައިވަރު ވާހަކަތަކެއް ބުނެފިއެވެ. އެތައް ބައިވަރު އަރިމަތީ ސުރުހީ ތަކެއް އަޅައިފިއެވެ.

އެމް.ޑީ.ޕީއާ ގުޅިގެން ރައީސް ޔާމީން ނިކުންނަވައި ކުރެއްވި ކެމްޕެއިން ދިވެހި ރައްޔިތުން ބަލައިނުގަންނަކަން އިއްޔެގެ ނަތީޖާއިން ވަރަށް ސާފެވެ. ރައީސް މުއިއްޒާ ކިތައްމެ ބޮޑު ޚިޔާލުތަފާތުވުމެއް އޮތަސް، ޑރ. މުހައްމަދު ޖަމީލާއި މަލީހު ޖަމާލުގެ ބަސް އަޑުއައްސަވައި، އެމް.ޑީ.ޕީއާ ގުޅިގެން ރައީސް ޔާމީން މަސައްކަތް ކުރައްވައިގެން ޕީ.އެން.އެފަށް އެންމެ ގޮނޑިއެއް ވެސް ކާމިޔާބުނުވުމަކީ ރައީސް ޔާމީނުގެ ސިޔާސީ ހަޔާތްޕުޅު ކަފުންކުރުން ކަމުގައި ގިނަ ބަޔަކު ދެކެއެވެ.

ރައީސް ޔާމީނު ފަދައިން ރައީސް ނަޝީދު ވެސް އާ ޕާޓީއެއް ހައްދަވައިގެން، އިންޑިއާ އަށް ސަނާ ވިދާޅުވެ، ކުރެއްވި ކެމްޕެއިނުން ދަ-ޑިމޮކްރެޓްސް އަށް އެންމެ ގޮނޑިއެއް ވެސް ކާމިޔާބު ނުކުރެވުމަކީ ދިވެހި ރައްޔިތުން ރައީސް ނަޝީދަށް ވަރަށް ހަރު އަޑުން ބުނި "ނޯ" އެއްކަން ޔަޤީނެވެ. އެކި ނަންނަމުގައި ސިއްރު ޓުވިޓަރ އެކައުންޓް ހައްދަވައިގެން، އިންޑިއާ އަށް ސަނާ ވިދާޅުވަމުން، އެކި ފަހަރު އެކި ގޮތަށް ވާހަކަ ދައްކަވަމުން، ބައެއް ފަހަރު އިސްލާމް ދީނަށް ހަޖޫ ޖައްސަވަމުން ރައީސް ނަޝީދު ފާއިތުވި ވިއްސަކަށް އަހަރު ކުރެއްވި ސިޔާސީ މަސައްކަތުން ދިވެހި ރައްޔިތުންނަށް ލިބުނު ފައިދާއެއް ނެތެވެ.

ނަޝީދު އިސްވެ ހުންނަވައިގެން ސިޔާސީ ޕާޓީ ތަކާއި، ކައުންސިލްތަކާއި، އެކިއެކި މުއައްސަސާތައް ގެނެސް ދައުލަތް ބަރުހެލި ކުރުމުން ދައުލަތުގެ ހަރަދުތައް އެތައް ގުނައަކުން އިތުރުވެ، ކޮރަޕްޝަން ވީ ބޮޑުތަނުން އިތުރެވެ. މުޖުތަމައު ބައިބައިވެ، އާއިލާތައް ރޫޅިއްޖެ އެވެ. ނަޝީދު އިސްވެ ހުންނަވައި ގެންނެވި "ޑިމޮކްރެސީ"ން ޤައުމަށް ޖެހުނީ އިޖްތިމާއީ، ސިޔާސީ، އަދި މާލީ ބޮޑު މުސީބާތެކެވެ. އިއްޔެއަކީ ރައީސް ނަޝީދުގެ ސިޔާސީ ހަޔާތުގައި ސިއްކަ ޖެހުނު ދުވަސް ކަމުގައި ބެލެވިދާނެއެވެ. ރައީސް ޔާމީނުވެސް ފަދައިންނެވެ.

ރައީސް މައުމޫނުގެ ދޮށީ ދަރިކަނބަލުން ދުންޔާ މައުމޫނާއި ދޮށީ ދަރިކަލުން ފާރިސް މައުމޫން މަޖުލީހުގެ މާލޭ ދެ ގޮނޑިއަކަށް ވަރަށް ފޯރީގައި މަސައްކަތް ކުރައްވައި، އެ ދެބޭފުޅުންނަށް އިއްޔެ އެލިބިވަޑައިގަތް ނާކާމިޔާބަކީ ހަޤީގަތުގައި ރައީސް މައުމޫނަށް ވެސް ލިބިވަޑައިގަތް ބޮޑު ނާކާމިޔާބެކެވެ. ހެއްދެވި ޕާޓީވެސް ގެއްލިވަޑައިގެން، ސިޔާސީ ގޮތުން އޮތް އެންމެ ފަހުގެ ހައިސިއްޔަތު ވެސް މައުމޫނަށް ގެއްލިވަޑައިގަތީ އެވެ. ރައީސް މައުމޫނުގެ ބޭފުޅަކު، ގައްސާން މައުމޫން، މި ސަރުކާރުގެ ޑިފެންސް މިނިސްޓަރަކަށް ހުންނެވިއަސް، އިއްޔެގެ އިންތިހާބުގެ ނަތީޖާއިން ވަރަށް ސާފުކޮށް ދިވެހި ރައްޔިތުން އެވަނީ ރައީސް މައުމޫނުގެ ފަންސާހަށް ވުރެ ގިނަ އަހަރުގެ ސިޔާސީ ހަޔާތުގައި ވަރުގަދަ ސިއްކައަކުން ނިމުމުގެ ސިއްކަ ޖަހައިފައެވެ.

މިދިޔަ އަހަރުގެ ރިއާސީ އިންތިހާބުން ބަލިވެވަޑައިގެން، އެމް.ޑީ.ޕީ ގޮވައިގެން 20 ވަނަ ރައްޔިތުންގެ މަޖުލީހުގެ އިންތިހާބަށް ނިކުމެވަޑައިގެންނެވި، ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ދިވެހި ރައްޔިތުން މިވަނީ ވަރުގަދަ "ނޯ" އަކުން އަނެއްކާ ވެސް ނޫނެކޭ ބުނެފައެވެ. ރައީސް ނަޝީދާއެކު 19 ވަނަ ރައްޔިތުންގެ މަޖުލީހުގެ 65 ގޮނޑި ކާމިޔާބުކުރި އެމް.ޑީ.ޕީ އަށް މި ފަހަރު މި ލިބުނީ އެންމެ ދޮޅަހަކަށް ގޮނޑި އެވެ. ގޮތް ނޭނގޭ އެތައް ޑީލްތަކަކާއި ކޮރަޕްޝަނާއި އިންޑިއާ އަށް ޤައުމު ވިކާލުމުގެ އިލްޒާމުގެ އިނގިލި ދިވެހި ރައްޔިތުން ދިއްކުރީ ރައީސް ސޯލިހާއި، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ އާއި، ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލާއި، މުޅި އެމް.ޑީ.ޕީ އަށެވެ. އާދީއްތަ ދުވަހުގެ ނަތީޖާ އިން ދިވެހި ރައްޔިތުން އެވަނީ އެމް.ޑީ.ޕީ އަށް ވެސް، އަދި މާރީޔާ އާއި، ޝާހިދާއި، ފައްޔާޒާއި، ރައީސް ސޯލިހަށް ވެސް ބޮޑުތަނުން "ނޯ" އޭ ބުނެފައެވެ. މިއީ ރައީސް ސޯލިހުގެ ސިޔާސީ ހަޔާތުގައި ޖެހުނު ނިމުމުގެ ބޮޑު ސިއްކައެކެވެ. އަދި މިއީ އެއްވެސް އިންތިހާބެއް ނުބާއްވައި އެމް.ޑީ.ޕީގެ ރައީސް ކަމަށް އައްޔަންވެގެން ހުންނެވި އަބްދުﷲ ޝާހިދުގެ ލީޑަޝިޕްގައި އެޕާޓީ ދާނީ އިތުރަށް ފަހަތަށް ކަމުގެ ބޮޑު ނިޝާނެކެވެ.

އެންމެ ދުވަހެއްގެ ވޯޓުން ދިވެހި ރައްޔިތުން މިވަނީ ކުރީގެ ހަތަރު ރައީސުން (މައުމޫން، ނަޝީދު، ޔާމީން އަދި ސޯލިހު) ގެ ސިޔާސީ ހަޔާތުގައި ބޮޑު "ނޯ" އަކުން ނިމުމުގެ ސިއްކަ ޖަހައިފައެވެ. މައިގަނޑު ސަބަބަކީ ރައީސް ސޯލިހާއި ރައީސް ނަޝީދު އިންޑިއާ އަށް މި ޤައުމު އަޅުވެތި ކުރެއްވުމާއި، އެ ކަންތައް ހިނގި އިރު ރައީސް މައުމޫން ހަނުހުންނެވުމާއި، އަދި އެންމެ ފަހު ވަގުތު ރައީސް ޔާމީނު އެފަދަ ޣައްދާރު ޕާޓީ އަކާއެކު ކޯލިޝަން ހައްދަވައިގެން، ގުޅިގެން މަސައްކަތް ކުރެއްވުމެވެ.

އިއްޔެގެ ނަތީޖާ އަކީ އިންޑިއާ އާއި އިންޑިއާގެ ހައްދުފަހަނައެޅި ބޮޑު ވަޒީރު މޯދީ، އެމް.ޑީ.ޕީއާ ގުޅިގެން، ދިވެހި ޤައުމު އިންޑިއާ އަށް އަޅުވެތިކޮށް، އިންޑިއާގެ ސެޓެލައިޓް ސްޓޭޓަކަށް ދިވެހި ރާއްޖެ ހަދަން ރޭވި، ދުރު ރާސްތާގެ ސިއްރު ޕްލޭން ދިވެހި ރައްޔިތުން ފޭލިކޮށްލި ނަތީޖާ އެވެ. އެއީ ދިވެހި ރައްޔިތުންގެ ވޯޓަކުން އަޔަސް، ހަމަ ﷲ ގެ ނަސްރެވެ. މިއީ، އަބަދުވެސް ހައްޤަށް ނަސްރު ލިބޭނެ ކަމުގެ އަލިގަދަ ހެއްކެކެވެ.

އެމް.ޑީ.ޕީ އަށް ލިބުނު ބޮޑު ނާކާމިޔާބާ އެކު، ރައްޔިތުންގެ މަޖުލީހުގެ އެތަކެއް ގިނަ ބޮޑެތި މުގޫތަކެއް ވެސް ވަނީ މުލުން ލުހިގެން ގޮސްފައެވެ. ވިހި އަހަރު މަޖުލީހުގެ މެމްބަރުކަން ކުރެއްވި، އެންމެ ފަހުގެ މަޖުލިސް ރައީސް، އައްޑޫ މުހައްމަދު އަސްލަމް ވެސް އިއްޔެގެ އިންތިހާބުން ބަލިވެވަޑައިގަތީއެވެ. ސިފައިންގެ ފުލް ސެކިއުރިޓީގައި، އިމަޖެންސީ ބޮކި ދިއްލަމުން، މޮޓޯކޭޑުގައި އައްޑޫގެ މަގުތަކުން ކޮޅުކޮޅަށް ދުއްވަމުން، ގޮތް ދައްކަވަމުން ކުރެއްވި ކެމްޕޭނަށް ދިވެހި ރައްޔިތުން މާބޮޑު ސަމާލުކަމެއް ނުދިނެވެ. އަސްލަމްމެން ސިޔާސީ ޕޯޑިއަމެއްގައި ދެން އިތުރަށް ދައްކަވާނެ ވާހަކައެއް ނެތެވެ. ދިވެހި ރައްޔިތުން އެވަނީ "ނޯ" އޭ ބުނެ ބޮޑު ސިއްކައަކުން އަސްލަމުގެ ސިޔާސީ ހަޔާތުގައި ވެސް ނިމުމުގެ ސިއްކަ ޖަހައިފައެވެ.

މަޖުލީހުގެ ނައިބު ރައީސް، ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމަށް ވެސް ދިވެހި ރައްޔިތުން އެވަނީ "ނޯ" އޭ ބުނެފައެވެ. ކުރީގެ އެމް.ޑީ.ޕީ، އަދި ފަހުން ދަ ޑިމޮކްރެޓްސްގެ އިސް ދެ ތަނބު ކަމުގައިވާ އިމްތިއާޒު ފަހުމީ (އިންތި) އާއި އީވާ އަބްދުﷲ އަށް ވެސް ދިވެހި ރައްޔިތުން މިވަނީ ނޫނެކޭ ބުނެ ގެއަށް ފޮނުވާލައިފައެވެ. އީވާ އާއި އިންތި އަކީ، ރައީސް ނަޝީދުގެ ވަރަށް އަރިސް، އަދި އިސްލާމް ދީނަށް ހަޖޫ ޖަހާ ފަރާތްތަކާއި ދީނަށް ފުރައްސާރަކުރި އެމް.ޑީ.އެން ފަދަ ޖަމާއަތްތަކުގެ ދިފާއުގައި ވަކާލާތު ކުރެއްވި އެމް.ޑީ.ޕީގެ ގިނަ މެމްބަރުންގެ ތެރެއިން އިސް ދެ މެމްބަރުންނެވެ. އިންޑިއާ އަށް ޤައުމު ވިއްކި ސިޔާސީ ވެރީންގެ ތެރެއިން ދެ ބޭފުޅުންނެވެ.

އިންތި އާއި އީވާ އާއި ސައްލޭ އާއި އަސްލަމްގެ އިތުރުން، އިބްރާހިމް ރަޝީދު (ބޮންޑާ)، މުހައްމަދު ފަލާހު، އަބްދުﷲ ޖާބިރު، މުހައްމަދު ރާއީ، އަހްމަދު އީސާ، މުހައްމަދު ވަހީދު (ވައްޑޭ)، މުހައްމަދު ރަޝީދު ހަސަން (ބިގޭ)، އަހްމަދު ހަލީމް (ދޮން ބިލެތް)، ހަސަން ލަތީފް، އަލީ ނިޔާޒު އަދި އަލީ އާޒިމް ފަދަ އެމް.ޑީ.ޕީ އާއި ދަ-ޑިމޮކްރެޓްސްގެ އެތަކެއް އިސް ފަރާތްތަކަށް ދިވެހި ރައްޔިތުން "ނޯ" އޭ ބުނެ ގެއަށް ފޮނުވާލުމުގެ މައިގަނޑު ދެ ސަބަބަކީ އިންޑިއާ އަށް ޤައުމު ވިކާލުމާއި އިސްލާމް ދީނަށް ފުރައްސާރަ ކުރި ފަރާތްތަކުގެ ދިފާއުގައި އެމް.ޑީ.ޕީ އޮތުމެވެ. މިހާރު ސަރުކާރާ ގުޅިވަޑައިގެން ތިއްބެވިއަސް، ކުރީގެ މެމްބަރުން ކަމުގައިވާ އިބްރާހިމް ޝަރީފް (މަވޯޓާ) އާއި، މުހައްމަދު ނިހާދު (ފޭދޫ ނިހާދު) އަކީ ވެސް 20 ވަނަ މަޖުލީހުން ބާކީވެފައިވާ، ކުރީގެ އެމް.ޑީ.ޕީގެ އިސް ދެ މުގުލެވެ.

އެކާވީސް އޭޕްރިލް ވީ އާދީއްތަ ދުވަހު ދިވެހި ރައްޔިތުން ނިކުމެ ވޯޓުން ތަޅައި އިންޑިއާ ބަލިކޮށް ދިވެހި ޤައުމަށް ވޯޓު ދީފިއެވެ. މިއީ އިސްލާމް ދީނަށާއި ދިވެހި ޤައުމަށް ލިބުނު ކާމިޔާބެކެވެ. މާތް ﷲ ދެއްވި ވަރުގަދަ ނަސްރެކެވެ. ރައީސް ޑރ. މުއިއްޒު ހުށަހެޅުއްވި ތަސައްވުރަށް ރައްޔިތުން ދިން ވަރުގަދަ އެންޑޯސްމެންޓެކެވެ. މި ހިސާބުން ރައީސް ޑރ. މުއިއްޒު ކުރައްވަންވީ ކަމަކީ މޫނަކަށް ކަނދުރާ އަކަށް ބެއްލެވުމެއް ނެތި ނާޤާބިލް ފަރާތްތައް އެކަހެރި ކުރައްވައި، ޤާބިލް ފަރާތްތަކަށް މަޤާމްތައް ދެއްވައި، ދިވެހި ރައްޔިތުން އެދޭ ފަދަ އައްސޭރިއަކަށް މިޤައުމު ގެންގޮސްދެއްވުމެވެ. ދިވެހި ރައްޔިތުން ބޭނުންވީ ފާއިތުވި 15 އަހަރު ތެރޭ ހޭރިޔާ ކުރަމުން "އަނެއް ދިވެހި ރާއްޖޭ"ގެ ނަމުގައި އިންޑިއާގެ ހޭޅިފަށަށް ދިވެހީން ގެންދަން ކުރެވުނު ހީލަތްތެރި މަސައްކަތް ނިމުމަކަށް ގެނެސް، އެކަމުގައި ބައިވެރިވި އެންމެން ގެއަށް ފޮނުވާލާށެވެ. ޤައުމަށް ޣައްދާރުވި ޚާއިނުންނާ އިންސާފު އަރައި ހަމަކުރާނެ ދުވަހަކަށް ރައްޔިތުން ތިބީ އެދިއެދި އެވެ. ހޭރިޔާ ކުރަމުން ކުރި ސިޔާސީ ދަތުރު ސީދާ މަގަށް ބަދަލުކޮށް، ފުލް ސްޕީޑުގައި ކުރިއަށް ގެންގޮސް، ދުއްވާނެ ކައްޕިއަކީ ރައީސް ޑރ. މުއިއްޒު ކަމުގައި ދިވެހި ރައްޔިތުން ޤަބޫލު ކޮށްފިއެވެ. ދެން އޮތީ ރައީސް ޑރ. މުއިއްޒުގެ ވައުދުތަކާއި ވިޝަން ޑެލިވަރ ކުރެއްވުމެވެ. މަރްހަބާ ދިވެހީންގެ ރާއްޖެ!