ބާޒާރަށް ގޮސް ފިހާރައަކުން އެއްޗެއް ނަގައިގެން ފިލުމަކީ ފަސޭހަ ވައްކަމަކަށް ވެދާނެއެވެ. ނަމަވެސް ރޭޑިއޯ ބްރޯޑްކާސްޓް ކުރާ 200 ފޫޓުގެ ދިގު، ދަގަނޑު ޓަވަރެއް، ނުވަތަ އަހަރެމެން ދިވެހިން ކިޔާ ގޮތުން ނަމަ ރޭޑިއޯ "އެންޓެނާ"އެއް ވަގަށް ނެގުމަކީ ފަސޭހަ ކަމެއް ހެއްޔެވެ؟
އެކަމަކު މި ކަހަލަ ކަމެއް މިހާރު ވަނީ އެމެރިކާގެ ސްޓޭޓެއް ކަމަށްވާ އަލަބާމާގެ ރަށެއް ކަމަށްވާ ޖެސްޕާގައި ހިނގާފައެވެ.
ޑަބްލިޔު.ޖޭ.އެލް.އެކްސް-އޭއެމް ރޭޑިއޯ ސްޓޭޝަނަށް މި ކަން އެނގުނީ އެ ޗެނަލްގެ ސިގްނަލް އެހުންތެރިންނަށް ނުފޯރާ ކަމަށް ވެގެންނެވެ. ދެން ރޭޑިއޯ ސްޓޭޝަނުން ޓަވަރު ހުންނަ ތަނަށް ފޮނުވީ މެއިންޓެނަންސް މަސައްކަތް ކުރާ ބައެކެވެ. އެ މީހުންނަށް ލިބުނީ ބޮޑު ހައިރާން ކަމެކެވެ. ސަބަބަކީ ޓަވަރު ހުރިތާ އޭތީގެ އެއްވެސް އަސަރެއް ފެންނަން ނެތީމައެވެ.
"މެއިންޓެނަންސް މަސައްކަތްތެރިން ބުނީ ޓަވަރާ ގުޅާފައިވާ ކަރަންޓް ނަރުތައް ހުރި ކަމަށް. އެކަމަކު ޓަވަރުގެ އެއްވެސް އަސަރެއް ނެތް ކަމަށް،" ރޭޑިއޯ ސްޓޭޝަންގެ ޖެނެރަލް މެނޭޖަރު ބްރެޓް އެލްމޯ ވިދާޅުވިއެވެ.

ޖެސްޕާގެ މޭޔަރު ޑޭވިޑް އޮމޭރީ ވިދާޅުވީ މި މައްސަލައިގެ ތަހުގީގެއް ކުރިއަށް ގެންދެވެން ނެތް ކަމަށެވެ.
"ތަހުގީގެއް ހިންގާ ވަރަށް މައުލޫމާތާއި ހެއްކެއް ނެތް،" އޭނާ ވިދާޅުވިއެވެ.
ރޭޑިއޯ ޗެނަލްގެ ވެބްސައިޓްގައި ބުނެފައިވަނީ އެފް.އެމް. ޗެނަލެއްގެ ޒަރީރާއިން ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ސަރުކާރުން ނުދިން ކަމަށެވެ.
ރޭޑިއޯ އެންޓަނާއެއް ޖަހައި، އަލުން ބްރޯޑްކާސްޓް ކުރުމަށް 60،000 ޑޮލަރު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ޗެނަލުން ބުންޏެވެ.



advertisment