Support Us

މިއީ އެއްބައިވަންތަކަމުގެ ރޫހެއްގައި މަސައްކަތްކުރުމުގެ މުހިންމު ފުރުޞަތެއް: ރައީސް

މިއަހަރުގެ ކޮމަންވެލްތު ދުވަސް ފާހަގަކުރާއިރު މިއީ އެއްބައިވަންތަކަމުގެ ރޫހެއްގައި ފާގަތި މުސްތަޤުބަލަކަށް މަސައްކަތްކުރުމުގެ މުހިންމު ފުރުޞަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ކޮމަންވެލްތް ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަދު މި ފާހަގަކުރެވެނީ ކޮމަންވެލްތުގެ ޗާޓަރުގެ ދަށުން ހިފަހައްޓާ އާންމު ހަމަތަކާއި އުސޫލުތަކާއި އަދި މުއްސަނދި ސަގާފީ ސިންދަފާތުތައް ކަމުގައެވެ.

ކޮމަންވެލްތަކީ ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުޑަ ޤައުމަކަށް މުހިންމު ބައިވެރިއެއްކަން އެމަނިކުފާނު ފާހަގަކުރައްވާފައި ވެއެވެ. އަދި ކޮމަންވެލްތަކީ މޫސުމަށް އަންނަ ބަދަލުތަކަށް ފިޔަވަޅުއެޅުމާއި އެކަމަށް ބޭނުންވާ ފައިނޭންސް ލިބުމަށް ލުއިފަސޭހަކޮށްދިނުމާއި މިންތީގެ ހަމަހަމަކަމާއި، ވިޔަފާރި އިތުރުކުރުމާއި ވިލުންތެރިކަން އިތުރުކުރުމަށް ވަރަށް ބޮޑަށް ވަކާލާތުކުރާ ޖަމުޢިއްޔާއެއް ކަމަށާއި އަދި މިއަހަރުގެ ޝިޢާރު ކަމުގައިވާ "ވަން ރެސިލިއަންޓް ކޮމަން ފިއުޗަރ: ޓްރާންސްފޯމިންގ އަވަރ ކޮމަން ވެލްތް" މި ޝިޢާރަކީވެސް ރާއްޖެއާ ވަރަށް ގުޅޭ ޝިޢާރެއްކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

ކޮމަންވެލްތުގެ 75 ވަނަ އަހަރީ ދުވަސް މިއަހަރު ފާހަގަކުރަމުންދާއިރު، އެކަމުން ހަނދާންކޮށްދެނީ، އެޖަމުޢިއްޔާ އެކަތިގަނޑެއްގެ ގޮތުގައި ދަތުރުކުރެވިފައިވާ ދުރު ރާސްތާކަން ފާހަގަކުރައްވައި އެގޮތުން ގުޅިގެން ކުރެވުނު މަސައްކަތްތަކުން ދެމެހެއްޓެނިވި ތަރައްޤީގެ މައިގަނޑު އަސާސަކީ ރައްޔިތުން ކަމުގައި ހެދުމަށް ވަރަށް ބޮޑު އެހީއެއް ލިބިގެންދިޔަކަން ވެސް މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ. ހަމަ އެހެންމެ ގުޅިގެން އެކުގައި މަސައްކަތްކުރުމުން ހުށަހެޅިފައިވާ ނާޒުކު ހާލަތްތަކުން އަރައިގަނެވި އަދި ޤައުމުގެ ޙިއްސާ އަދާކުރެވޭ ގޮތްވުން ފަދަ އެތައް ފައިދާތަކެއް ގުޅިގެން މަސައްކަތްކުރުމުން ލިބިގެންދާކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މިއަހަރުގެ ފަހުކޮޅު ސަމޯއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުމުގެ ތެރެއިންނާއި، އޭގެ ފަހުންވެސް، ކޮމަންވެލްތުގެ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯއްދަވައިދެއްވުމަށް ކޮމަންވެލްތުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ. ކޮމަންވެލްތުގެ ޢާއިލާގެ ތެރޭގައި، ޢާންމު މުއްސަނދިކަމަށް އަދި އެއް މުސްތަޤްބަލަކަށް މަގު ފަހިކޮށްދިނުމަށް މަސައްކަތްކުރާއިރު ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އާ ގޮތްތަކެއް ހޯދުމުގެ މަސައްކަތް ކޮމަންވެލްތާ ގުޅިގެން ދިވެހިރާއްޖެއިންވެސް ކުރަމުންގެންދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ދެއްވާފައިވެއެވެ.

ދިވެހިރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުނީ 1 ފެބުރުވަރީ 2020ގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *