...

Support Us

ގޭންގްތަކުގެ ހަމަލަތަކާ ހުރެ އެމެރިކާ އެމްބަސީގެ ބައެއް މުވައްޒަފުން ހައިޓީން ބާލައިފި

އެމެރިކާ އެމްބަސީގެ ކޮންމެހެން ތިބެން މަޖުބޫރު ނޫން މުވައްޒަފުން، ގޭންގްތަކުގެ ހަމަލާތަކާ ގުޅިގެން ހައިޓީން ބާލައިފިއެވެ.

ހައިޓީއަކީ އެމެރިކާގެ ދެކުނުން އޮންނަ ޖަޒީރާއެއްގެ އެއް ބައިގައި ހިމެނޭ މިނިވަން ގައުމެކެވެ. އަނެއް ބައިގައި އޮންނަނީ މިނިވަން ގައުމެއް ކަމަށްވާ ޑޮމިނިކަން ރިޕަބްލިކްއެވެ.

އެމެރިކާ އެމްބަސީގެ މި މުވައްޒަފުން ހައިޓީން ބޭލީ ހެލިކޮޕްޓަރުގައެވެ. އެއީ އިއްޔެގެ ވަގުތެއްގައެވެ. އެމެރިކާގެ ހާރިޖިއްޔާއިން ބުނީ އެމްބަސީ ބަހައްޓާނީ ހުޅުވާފައި ކަމަށެވެ. ނަމަވެސް، ވެރިރަށް ޕޯޓްއައުޕްރިންސްގައި ހުންނަ އެމެރިކާ އެމްބަސީގެ ވަށައިގެންވާ ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވާ ކަމަށް އެމެރިކާއިން ބުންޏެވެ.

ހައިޓީގައި ގޭންގްތަކުން ވަނީ ވައިގެ ބަނދަރާއި ފުލުހުންގެ ސްޓޭޝަންތަކާއި ޖަލުތަކަށް ހަމަލަދީފައެވެ.

ގޭންގްތަކުން ބުނީ ހަމަލަތައް ހުއްޓާލާނީ ބޮޑު ވަޒީރު އާރިއެލް އޮންރީ މަގާމުން ދުރުކުރުމަށް ފަހު ކަމަށެވެ. ނަމަވެސް މި އަމާޒުގެ އިތުރުން ގޭންގްތަކުން ބޭނުންވަނީ އިތުރު ކޮން މަގުސަދެއް ހާސިލު ކުރުމަށް ކަމެއް ގޭންގްތަކުން ބުނެފައެއް ނުވެއެވެ.

މިހާރު "ޖީ-9″ ކިޔާ ގުޅިފައިވާ ގޭންގްތަކެއް ހިންގާ ކުރީގެ ފުލުހެއް ކަމަށްވާ ޖިމީ ޝެރީޒިއާ ބުނީ އޮންރީ މަގާމު ދޫކޮށްނުލައްވައިފި ނަމަ، އަހުލީ ހަނގުރާމައަކަށް ދާނެ ކަމަށާއި އަދި ނަތީޖާއެއްގެ ގޮތުން "ޖެނޮސައިޑް" ނުވަތަ ނަސްލީ ފަނާކުރުމެއް ހިނގާފާނެ ކަމަށެވެ.

ހައިޓީގައި އިއުލާން ކުރި ތިން ދުވަހުގެ ކުއްލި ހާލަތު މިހާރު ވަނީ އެއް މަސް ދުވަހަށް ދިގުދަންމާލައިފައެވެ.

ގޭންގްތަކުން ދޭ ހަމަލަތަކާއި ތަންތަނަށް ދެމުންދާ ގެއްލުންތައް އިތުރުކޮށްލީ އޮންރީ ގައުމުން ބޭރަށް ކުރެއްވި ދަތުރަކާ ދިމާކޮށެވެ. މިހެންވެ، އެނބުރި ހައިޓީއަށް ވަޑައިގަތުމަށް ގޭންގްތަކުން ހުރަސް އެޅުމުން، އޭނާ ވަނީ ހައިޓީގެ އިރުން އޮންނަ އެމެރިކާގެ ޖަޒީރާއެއް ކަމަށްވާ ޕުއެޓޮ ރިކޯ އަށް ވަޑައިގެންފައެވެ. މި ގޮތަށް ހަދަން މަޖުބޫރުވެ ވަޑައިގަތީ ހައިޓީގެ ވައިގެ ބަނދަރު ހިފަން ގޭންގްތަކުން ދެމުންގެންދިޔަ ހަމަލާތަކާ ދެކޮޅަށް ހައިޓީގެ ސިފައިން ހަނގުރާމަ ކުރަން ފެށުމާ ގުޅިގެންނެވެ.

ޑޮމިނިކަން ރިޕަބްލިކްއަށް އޮންރީގެ ފްލައިޓް ޖައްސަން އުޅުމުން އެ ކަމަށް އެ ގައުމުގެ ސިވިލް އޭވިއޭޝަން އިދާރާއިން ވަނީ ހުއްދަ ނުދީފައެވެ. ސަބަބެއް ކަމަށް ދެއްކީ އޮންރީގެ ފްލައިޓާ ބެހޭ މައުލޫމާތު ހުށަހަޅާފައިނުވުމެވެ.

އެފްރިކާ ބައްރުގެ ގައުމެއް ކަމަށްވާ ކެންޔާ އަށް ކުރެއްވި ދަތުރަށް ފަހު އޮންރީ ރަސްމީ ގޮތުން އެއްވެސް ބަޔާނެއް ނުދެއްވައެވެ. ކެންޔާ އަށް ވަޑައިގަތް އެ ގައުމުގެ ރައީސް ވިލިއަމް ރޫޓޯ އާ ބައްދަލު ކުރެއްވީ ކެންޔާ އާއި އެހެން ގައުމުތައް ގުޅިގެން ހައިޓީ އަށް ސުލްހަ ގެންނަން ސަލާމަތީ ފައުޖެއް ހައިޓީ އަށް ގެނެވިދާނެތޯ މަސައްކަތް ކުރެއްވުމަށެވެ.

ކެންޔާ އާއެކު އޮންރީ ވަނީ 2،000 ކެންޔާގެ ފުލުހުން ހައިޓީ އަށް ފޮނުވުމާމެދު އެއްބަސްވުމެއްގައި ރޫޓޯ އާއެކު ސޮއި ކުރައްވައިފައެވެ. ނަމަވެސް މި އެއްބަސްވުމާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް ހައިޓީގެ އިދިކޮޅުން ވަނީ ބުނެފައެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު އެންޓަނީ ބްލިންކަން ވިދާޅުވީ ރޫޓޯ އާއެކު މަޝްވަރާ ކުރެއްވި ކަމަށާއި، ހައިޓީ އަށް ސުލްހަ ގެނައުމަށް، ގުޅިފައިވާ ގައުމުތަކެއްގެ ބައިނަލްއަގުވާމީ އަސްކަރީ ފައުޖެއް ހައިޓީ އަށް ފޮނުވުމަށް ތާއީދު ކުރައްވާ ކަމަށެވެ.

ހައިޓީގެ ގޭންގްތަކުން ވަނީ ދެ ޖަލަކަށް ހަމަލަ ދީ، އެތައް ހާސް ގައިދީންނެއް މިނިވަން ކޮށްފައެވެ. މީގެ ތެރެއިން މަރުވި ބައެއް ގައިދީންގެ ހަށިގަނޑުތައް ވަނީ ކުނިވާން މަގުމައްޗަށް ދޫކޮށްލައިފައެވެ.

އެ ގައުމުގައި މިހާރު ކުރިއަށްދާ ހަމަނުޖެހުންތަކުގައި މަދު ވެގެން ހަ ފުލުހުން މަރާލައި، ފުލުހުން ތަމްރީނު ކުރާ ގައުމީ އިދާރާ ވެސް ވަނީ ސުންނާފަތި ކޮށްލައިފައެވެ.

ހައިޓީގައި ހިންގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް 362،000 މީހުން ގެދޮރު ދޫކޮށްފައި ދާން މަޖުބޫރުވި ކަމަށާއި އޭގެ ތެރެއިން ދެބައިކުޅައެއްބަޔަކީ ކުޑަކުދިން ކަމަށް، ވަޒަން ބަދަލު ކުރުމާ ގުޅޭ ބައިނަލްއަގުވާމީ ޖަމިއްޔާ، އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޮ މައިގްރޭޝަން (އައި.އޯ.އެމް.) އިން ބުންޏެވެ.

"ތާހިރު ދިރިއުޅުމެއް ހައިޓީ ރައްޔިތުންނަކަށް ނުލިބޭ. އެ މީހުން ދިރިއުޅެމުންދަނީ ބިރުވެރިކަމެއްގެ ތެރޭގައި. މިހެން ދާ ކޮންމެ ދުވަހެއް، ކޮންމެ ގަޑިއިރަކީ މި ހިތްދަތިކަން އިތުރަށް ގޯސް ވާން ދިމާވާނެ ސަބަބެއް،" އައި.އޯ.އެމް. އިން ކަނޑައަޅާފައި ހުންނަވާ ވެރިޔާ ފިލިޕް ބްރާންޗޭޓް ވިދާޅުވިއެވެ.

"ވެރިރަށުގައި ދިރިއުޅޭ މީހުން ތިބީ ބަންދުވުމެއްގެ ތެރޭގައި. އެ މީހުން ދާނެ ތަނެއް ނެތް. ވެރިރަށް ވަށައިގެން ތިބީ ހަތިޔާރު އެޅި ގްރޫޕްތައް. އެ މީހުންވަނީ ވެރިރަށް ބަންދު ކޮށްލާފައި. ވަށައިގެން ވަނީ ނުރައްކާ،" އޭނާ އިތުރަށް ވިދާޅުވިއެވެ.

ފަރަންސޭސި ވިލާތުގެ ސިއްހީ ހިދުމަތްތެރިން ހިމެނޭ ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ "ޑޮކްޓާސް ވިތައުޓް ބޯޑާސް" އިން ބުނީ ހައިޓީގެ ހަމަނުޖެހުންތަކުގައި މިދިޔަ އަހަރު އެކަނިވެސް 2،300 މީހުން މަރުވެފައިވާ ކަމަށާއި އެއީ އާބާދީގެ ނުވަ ޕަސެންޓް ހިމެނޭ ޕޯޓްއައުޕްރިންސްގެ އަވަށެއް ކަމަށްވާ ސިޓް ސޮލައިލްގައި ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.