Support Us

ނައިފަރަކީ މި ސަރުކާރުން ތަރައްޤީކުރާ 7 އާބަން ސެންޓަރުގެ ތެރެއިން އެއް ސެންޓަރު: ރައީސުލްޖުމްހޫރިއްޔާ

ޅ. ނައިފަރަކީ މި ސަރުކާރުން ތަރައްޤީކުރުމަށް ނިންމަވާފައިވާ ހަތް އާބަން ސެންޓަރުގެ ތެރެއިން އެއް ސެންޓަރުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ނައިފަރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިފަރުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ތަރައްޤީއަށް އެންމެ މުހިންމީ ދެމެހެއްޓިނިވި ތަރައްޤީ ހާޞިލްވާގޮތަކަށް ކަންކަން ކުރުންކަމުގައެވެ. އެގޮތުން މި ސަރުކާރުގެ މާސްޓަރ ޕްލޭންއާ އެއްގޮތަށް ހަތް އާބަން ސެންޓަރު ޤާއިމުކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ސެންޓަރުތަކުން ދެމެހެއްޓިނިވި ގޮތެއްގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެންމެ މަތީ ފެންވަރުގައި ހުރިހާ ދާއިރާތަކުން ޚިދުމަތްތައް ދެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އާބަންސެންޓަރުގައި ޞިއްޙީ ނިޒާމުގެ ތެރެއިން އެންމެ މުހިންމު ހުރިހާ ދާއިރާއަކުން ޚިދުމަތް ދެވެން ހުންނާނެކަމަށެވެ. އެގޮތުން އެކިކަހަލަ ތެރެޕީތައްވެސް ދެވޭނެކަމުގައި އެމަނިކުފާނު ފަހަގަކުރެއްވިއެވެ. އަދި ތަޢުލީމީ ނިޒާމުވެސް އެންމެ މަތީ ފެންވަރުގައި ޤާއިމުކުރައްވާނެކަމަށާއި، މަގުތައްވެސް އެންމެ ރަނގަޅަށް ހަދައި އަދި ދެންހުރި ކަންކަން ވެސް އެންމެ ރަނގަޅަށް ޤާއިމުކުރެވިފައި ހުންނާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ނައިފަރުގައި ބިން ބޮޑު ކުރުމުގެ މަޝްރޫޢެއް ފެށިފައި އޮތް ނަމަވެސް އެއީ ރައްޔިތުން އެދޭ މިންވަރަށް ހިނގާ މަޝްރޫޢަކަށް ނުވާކަމުގައި ފާހަގަކުރައްވައި، މިހާރު ފަށާފައިވާ ބިންހިއްކުމުގެ މަޝްރޫޢު ނިމޭ އިރު، ރައްޔިތުން އެދޭވަރަށް 45 ހެކްޓަރު ބިން ހިއްކައިދެއްވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި އެކަމުން ރައްޔިތުންނަށް ލިބިގެންދާނެ ފައިދާތައް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *