Support Us

ރައީސް މުއިއްޒުގެ ވަރުބަލިފުޅުވުމެއް ނެތް ދަތުރުފުޅު: 27 ދުވަހުގެ ތެރޭ 100 ކައުންސިލާ ބައްދަލުކުރައްވައިފި

ރައްޔިތުންގެ ހާލުއަހުވާލު ގާތުން ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގައި 100 ވަނަ ކައުންސިލާ މިއަދު ބައްދަލުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ، މީގެ 27 ދުވަސް ކުރިން އަތޮޅުތަކަށް ފެއްޓެވި ރަސްމީ ދަތުރުފުޅުތަކުގައި 10 ވަނަ އަތޮޅަށް ވަޑައިގެން، 100 ވަނަ ކައުންސިލެއްގެ ގޮތުގައި ބައްދަލުކުރެއްވީ ރ. އަދި ބ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރ. ރަސްގެތީމު ކައުންސިލާ އެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ރ. އުނގޫފާރު ކައުންސިލުގެ އިދާރާގައެވެ.

ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ހަވާލުވެވަޑައިގެންނެވުމަށް ފަހު އަތޮޅުތަކަށް ފެއްޓެވި ދަތުރުފުޅުގައި ރައީސް މުއިއްޒު އެންމެ ފުރަތަމަ ވަޑައިގެންނެވީ މިދިޔަ ފެބްރުއަރީ މަހު އަށް ވަނަ ދުވަހު ތ. ގުރައިދުއަށެވެ. ގުރައިދުއަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި އޮތް ރިޔާސީ އިންތިޚާބުގައި އެއް ރަށަކުން އެންމެ މަތީ އިންސައްތައެއްގެ ވޯޓް އެމަނިކުފާނަށް ލިބިވަޑައިގެންނެވި ރަށެވެ.

ފެބްރުވަރީ 6-8 އަށް ތ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ދިޔަމިގިލި، މަޑިފުށި، ވޭމަންޑޫ، ބުރުނީ، ކަނޑޫދޫ، ވަންދޫ، އޮމަދޫ، ކިނބިދޫ އަދި ގާދިއްފުށްޓަށް ވަޑައިގެން އެ ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލުތަކާއި އަންހެންނުގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުންވެސް ތ. އަތޮޅު ކައުންސިލާއި ވިލުފުށީ ކައުންސިލާއި ހިރިލަންދޫ އަދި ތިމަރަފުށީ ކައުންސިލާއި އެ ރަށްރަށުގެ އަންހެނުންގެ ކޮމިޓީތަކާ އެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވިއެވެ.

އެއަށްފަހު ފެބްރުވަރީ 18-22 އަށް ދެކުނުގެ ފަސް އަތޮޅަށް ރައީސް މުއިއްޒު ދަތުރުފުޅު ކުރެއްވިއެވެ. ފަސް ދުވަހުގެ މި ދަތުރުފުޅުގައި އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ތ. އަތޮޅު އަދި ގދ. އަތޮޅުގެ ހުރިހާ ކައުންސިލުތަކާއި އަންހެނުންގެ ކޮމިޓީތަކާ ރައީސް ބައްދަލުކުރެއްވިއެވެ. އަދި ދެ ކައުންސިލެއް ފިޔަވައި ގއ. އަތޮޅުގެ ހުރިހާ ކައުންސިލަކާވެސް ރައީސް ބައްދަލުކުރެއްވިއެވެ.

އޭގެ ފަހުން ފެބްރުވަރީ 22-29 އަށް ހއ. ހދ. ށ. އަދި ނ. އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް މުއިއްޒު ދަތުރުފުޅު ކުރެއްވި އެވެ. ހަ ދުވަހުގެ މި ދަތުރުފުޅުގައި ހއ. ހދ. ށ އަތޮޅުގެ ހުރިހާ ކައުންސިލުތަކާއި އަންހެނުންގެ ކޮމިޓީތަކާ ރައީސް ބައްދަލުކުރެއްވިއެވެ. އަދި ނ. އަތޮޅުގެ ވެސް އެންމެ ކައުންސިލެއް ފިޔަވައި އެހެން ހުރިހާ ރަށެއްގެ ކައުންސިލުތަކާއި އަންހެނުންގެ ކޮމިޓީތަކާ ބައްދަލުކުރައްވައި އެ ރަށްރަށުގެ ތަރައްޤީގެ ކަންކަމާ ގުޅޭގޮތުން ރައީސް މަޝްވަރާކުރެއްވިއެވެ.

މަދު ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފައްޓަވައިގެން ކުރިޔަށްގެންދަވާ މި މަސައްކަތަކީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރެއްވުމަށް ކުރައްވާ މަސައްކަތެކެވެ. ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް މަދުވެގެން ދެ ފަހަރު ޒިޔާރަތްކުރެއްވުން ކަމުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *