ރަށްރަށުގެ ތަރައްޤީގެ ކަންކަން ކުރިއަށް ދާންވާނީ ރައްޔިތުން އެދޭގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ރ. ވާދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާއެކު އަލިފުށީގައި ބޭއްވެވި ބައްދަކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުގެ މެންބަރުން، ވާދޫގެ ތަރައްޤީއަށް މިވަގުތު އެންމެ މުހިންމު ކަންކަމުގެ ގޮތުގައި ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ގިރާ ސަރަޙައްދު ހިމާޔަތްކުރުމާއި ކުނިކޮށި އެހެން ސަރަޙައްދަކަށް ބަދަލުކުރުމާއި ބަނދަރު ތަރައްޤީކުރުން ހިމެނެއެވެ. މީގެ އިތުރުން ރަށުން ގޯތި ދޫކުރެވޭނެ ގޮތް ވީހާވެސް އަވަހަށް ވެގެންދިއުމުގެ މުހިންމުކަން ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވިއެވެ. އަދި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތް ހުއްޓިފައި އޮތުމުގެ ކަންބޮޑުވުން ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވެސް ކައުންސިލު އިދާރާގެ ޖާގައިގެ ދަތިކަމާއި އަދި މިނޫންވެސް ރަށުގެ ތަރައްޤީއަށް މުހިންމު ކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުނިކޮށި އެހެން ސަރަޙައްދަކަށް ބަދަލުކުރުމަށް ކުރަންޖެހޭ އިންތިޒާމުތައް ކުރެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ރަށުގެ ތަރައްޤީގެ ކަންކަން ކުރިޔަށްގެންދާނީ ރަށުގެ ރައްޔިތުން އެދޭ ގޮތަށްކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ތަކުރާރުކުރައްވާފައެވެ.



advertisment