Support Us

އުތުރުގެ ހަތަރު އަތޮޅު ތަރައްޤީކުރާނީ ޑިވެލޮޕްމަންޓު ޒޯނެއްގެ ގޮތުގައި: ރައީސް

އުތުރުގެ ހަތަރު އަތޮޅު ތަރައްޤީކުރެވިގެންދާނީ ޑިވެލޮޕްމަންޓު ޒޯނެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ހެނދުނު ހަނިމާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދެމެހެއްޓެނިވި ތަރައްޤީ ހާސިލުވާނެ ގޮތަކީ ރާއްޖޭގެ އެކި ސަރަހައްދުތައް ޕްލޭންކޮށް، ސަރަހައްދީ ތަރައްޤީ ގެނެސްގެންކަން ފާހަގަ ކުރެއްވިއެވެ. އަދި އުތުރުގެ ހަތަރު އަތޮޅު ޑިވެލޮޕްމަންޓު ޒޯނެއްގެ ގޮތުގައި ތަރައްޤީކުރާއިރު ދެކުނުގެ ހަތަރު އަތޮޅުވެސް ޑިވެލޮޕްމަންޓް ޒޯނެއްގެ ގޮތުގައި ބަލައިގެން ތަރައްޤީކުރާނެ ކަމަށާއި، ހަމަ އެހެންމެ މެދުރާއްޖެ ތެރޭގައި ހަތް ސަރަހައްދެއް އަރބަން ސެންޓަރުތަކެއްގެ ގޮތުގައި ތަރައްޤީކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އުތުރުގެ ހަތަރު އަތޮޅު ހިމެނޭ ތަރައްޤީގެ ޒޯނުގެ ތެރޭގައިވެސް އާބާދީއާ އެއްފަސްކުރެވޭ އަދި އިސްކަންދޭ ރަށްތަކެއް ހިމެނޭނެ ކަމަށާއި، އޭގެތެރެއިން ހަނިމާދޫއަކީ ޚާއްސަ އިސްކަމެއް ދެއްވާނެ އަދި ތަރައްޤީގެ ސިޔާސަތުގައި ގިނަ ކަންތައްތަކެއް ހިމެނޭ ރަށެއް ކަމުގައެވެ.

މިހާރު ފެށިގެން ކުރިއަށްދާ އެއާޕޯޓު ތަރައްޤީކުރުމުގެ މަސައްކަތަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެއާޕޯޓު މިހާރު ތަރައްޤީކުރެވިގެން ދަނީ އެންމެ ބޭނުންވާ ފުޅާ ދާއިރާއެއްގައި ނުވަތަ ސްކޭލްގައި ނޫން ކަމުގައެވެ. އެހެންކަމުން ރަންވޭ މިހާރަށްވުރެ 700 ވަރަކަށް މީޓަރު ދިގުކުރުމަށް އެއާޕޯޓުގެ ލޯނު ހަމަޖެއްސި ފަރާތާ މަޝްވަރާ ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަނިމާދޫއާއި އަދި އިތުރު ދެ ރަށެއްގެ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫޢުގައި ކުރިން ސޮއިކޮށްފައި އޮތީ ކުވޭތު ފަންޑުގެ ހިލޭ އެހީގެ ދަށުން އެ މަސައްކަތްކުރުމަށް ކަމަށާއި، ނަމަވެސް ކުރީގެ ސަރުކާރުގެ އިހުމާލުން އެ ފަންޑު ދޫކުރި ފަރާތުން ފަންޑު އަނބުރާ ގެންގޮސް، އެ މަޝްރޫޢު ކުރިއަށް ގެންދެވޭގޮތްނުވެ އޮތްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުން ހަނިމާދޫގައި ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް ގާއިމުކޮށްދެއްވާނެ ކަމަށާއި އެ މަޝްރޫޢު ކުރިއަށް ގެންދާނީ ސަރުކާރުގެ ސަރަހައްދީ ތަރައްޤީގެ ސިޔާސަތުގެ ދަށުން، އެ ވިސްނުމުގައި ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *