ހއ. ހޯރަފުށި ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ހޯރަފުށި ކައުންސިލުގެ އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، އައިހެވަން މަޝްރޫޢު ކުރިއަށްގެންދަން ބޭނުންވާ ކަމަށާއި، ރަށުގެ ކުނީގެ މައްސަލައަށް ހައްލު ހޯދުމަށް ޒަމާނީ ފެންވަރުގައި ކުނި މެނޭޖުކުރެވޭނެ ގޮތެއް ޤާއިމުކުރަން ބޭނުންވާ ކަމަށާއި، އައިސް ޕްލާންޓުން އައިސް ނުލިބޭ މައްސަލައާއި، މިއަހަރަށް ބަޖެޓުކުރެވިފައިވާ މަޝްރޫޢުތައް އަވަހަށް ފެށުމަށް ބޭނުންވާކަން ހިމެނެއެވެ. މީގެ އިތުރުން މިހާރު ފަށާފައި ހުރި މަޝްރޫޢުތައް ހުއްޓިފައި ހުރިކަން ފާހަގަކުރައްވައި، އެކަމުގެ ކަންބޮޑުވުން ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިއެވެ. އަދި ރަށުން ބިން ހިއްކައިދީ ރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް އެދިވަޑައިގެންނެވިއެވެ.
ހޯރަފުށި އަންހެނުންގެ ކޮމިޓީން ފާހަގަކުރެއްވި ކަންބޮޑުވުންތަކުގެ ތެރޭގައި، ކޮމިޓީއަށް ކުރިމަތިވެފައިވާ ބަޖެޓުގެ ދަތިކަން އެންމެ މުހިންމުކަމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބަޖެޓުގެ ދަތިކަމަކީ ހުރިހާ ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުންވެސް ފާޅުކުރައްވާ ކަންބޮޑުވުމެއްކަމަށެވެ. އެހެންނަމަވެސް އެކަމަކީ ޤާނޫނުގެ ތެރެއިން ހައްލެއް ހޯދަންޖެހިފައިވާ ކަމަކަށްވާތީ އެކަމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންބޮޑުވުންތަކާއި މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ހިއްސާކުރެއްވިއެވެ. އަދި ދައުލަތުގެ އާމްދަނީ އިތުރު ކުރެވެމުންދާ މިންވަރަކުން މަޝްރޫޢުތައް ކުރިއަށްގެންދަވާނެކަމަށާއި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.



advertisment