Support Us

އަބަދާއި އަބަދު ކުލަނުޖެހޭ ހުވަފެނެއްގެ ގޮތުގައި ނޯންނާނެ، ވިލިނގިލީގެ ތަރައްޤީގެ ހުރިހާ މަޝްރޫޢެއް ފުރިހަމަކޮށްދޭނަން: ރައީސް

އަބަދާއި އަބަދު ކުލަ ނުޖެހޭ ހުވަފެނެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި ވިލިނގިލީގެ ތަރައްޤީގެ ހުރިހާ މަޝްރޫޢެއް ފުރިހަމަ ކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ގއ. ވިލިނގިލީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވިލިނގިލީގެ ތަރައްޤީއަށް އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ހުރިހާ ކަމެއް މި ދައުރުގެ ތެރޭގައި ނިންމަވައިދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އޭގެ އިތުރުން ރައްޔިތުން އެދެމުންދާ ތަރައްޤީގެ ކަންކަންވެސް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ފުރިހަމަ ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދިވެހިރާއްޖެއަށް ދެމެހެއްޓެނިވި ތަރައްޤީ ގެނައުމުގައި ސަރަހައްދީ ތަރައްޤީއަށް އިސްކަން ދޭންޖެހޭކަން ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގެ އިޤުތިޞާދު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތާއެކު، ކޮންމެ ރަށެއްގެ ރައްޔިތުން މިހާރުން މިހާރަށް ބޭނުންވާ ކަންކަންވެސް ކުރިއަށް ގެންދަވައި، އެކި ސަރަހައްދުތައް ތަރައްޤީ ކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މި ސަރުކާރުގެ 20 އަހަރު ދުވަހުގެ މާސްޓަޕްލޭންގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، މި މާސްޓަޕްލޭންގެ ދަށުން ތަރައްޤީކުރާ ޒޯން ނުވަތަ އަރބަން ސެންޓަރުތަކުގެ ތެރޭގައި ވިލިނގިލިވެސް ހިމެނިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ އެކި ސަރަހައްދުތައް، ފެންވަރު މަތީ ޚިދުމަތްތަކާއެކު ތަރައްޤީކުރުމުން ދުރު ރާސްތާގައި ކުދި އާބާދީތަކުން އެތަންތަނަށް އަމިއްލަ އިޚުތިޔާރުގައި ހިޖުރަކުރާނެ ކަމުގައި ވިދާޅުވިއެވެ. އަދި މިއީ އާމްދަނީ އާއި އަސާސީ ޚިދުމަތްތަކަށް ބަލާއިރު ދެމެހެއްޓެނިވި ދާއިމީ ހައްލަކަށްވާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވަހާކަފުޅުގައި ރާއްޖޭގެ އިޤުތިޞާދީ ހާލަތުގެ މައްޗަށާއި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މި ސަރުކާރަށް ވާރުތަވެފައިވާ ބޮޑު ދަރަނީގެ މައްޗަށްވެސް އަލިއަޅުވާލެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *