ގއ. ކޮލަމާފުށީގެ ރައްޔިތުންގެ އިޤްތިޞާދީ ތަރައްޤީއަށްޓަކައި، ކުރަން ވަޢުދުވެވަޑައިގެންފައިވާ ކަންކަން ކޮށްދޭނެކަމުގެ ޔަޤީންކަން ދެއްވައި، އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫޢު ޙަޤީޤަތަކަށް ހަދައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހަވީރު ކޮލަމާފުށި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކޮލަމާފުށި ސްކޫލުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫޢުގެ ތެރެއިން ސިޓީ ހޮޓަލެއް އަޅައިދެއްވާނެ ކަމަށާއި، މުޅި މަޝްރޫޢު އެކީ ޙަޤީޤަތަކަށް ހަދައިދެއްވާނެ ކަމުގައެވެ. އަދި އެކަމަށްޓަކައި އިކޮނޮމިކް ކައުންސިލް ތެރެއިން ކުރަން ހުރި މަސައްކަތްތައްކޮށް ވީ އެންމެ އަވަހަކަށް އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ސަރުކާރުން ޤައުމަށް ތަރައްޤީ ގެނައުމަށް މަސައްކަތް ކުރައްވާނެ ގޮތްތަކުގެ މައްޗަށް އަލިއަޅުވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ސަރުކާރުން މަސައްކަތްކުރައްވާނީ ހަމައެކަނި މިހާރު އޮތް ބަޖެޓަށް ބަރޯސާވެގެން ނޫން ކަމުގައެވެ. އަދި އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ކުރިއަށްދާނީ އިންވެސްޓަރުންނާއި ޑިވެލޮޕަރުން ގެނެސް، ޕްރައިވެޓް ސެކްޓަރ ކުރިއަރައި، އަދި އިންވެސްޓަރުން ޝައުޤުވެރިވާ ފަދަ މަޝްރޫޢުތަކަށް ޖާގަދީގެން ކަމުގައެވެ.



advertisment