Support Us

ޙަޤީޤީ ފުރިހަމަ ސިޓީއަކަށް ތިނަދޫ ހަދައިދޭނަން: ރައީސުލްޖުމްހޫރިއްޔާ

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ތިނަދޫގެ ރައްޔިތުން ކުރެއްވި އިތުބާރާއި، ދެއްވި ބޮޑު ތަރުހީބަށް ޝުކުރު އަދާކުރައްވައި، އެ އިތުބާރު ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވައި، ތިނަދޫ ސިޓީ ޙަޤީޤީ ފުރިހަމަ ސިޓީއަކަށް ހަދައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ގދ. ތިނަދޫ ސިޓީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ތިނަދޫ ސްކޫލުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ސަރުކާރުން ތިނަދޫ ސިޓީ ޙަޤީޤީ މާނައިގައި ތަރައްޤީ ކުރާނެ ގޮތްތައް ތަފުޞީލީ ގޮތެއްގައި ވިދާޅުވެދެއްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ތިނަދޫއަކީ މި ސަރުކާރުގެ ތަރައްޤީ ޕްލޭންގައި ހިމެނޭ، ސަރަހައްދީ ތަރައްޤީގެ އެއް ނާރެސް ކަމުގައެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން ތިނަދޫ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީކުރުމަށްޓަކައި މިރޭ ސޮއިކުރެއްވިގެންދިޔަ ފަހުމުނާމާގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން ތިނަދޫ ސިޓީގައި ތަރައްޤީކުރާ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކީ، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭނެ ފެންވަރަށް ތަރައްޤީކުރާނެ ވައިގެ ބަނދަރެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ވައިގެ ބަނދަރަކީ ފެންމަތީގައި ހަދާ ތަނެއް ކަމަށާއި، ތިމާވެއްޓާ ރަށްޓެހި ވައިގެ ބަނދަރަކަށް އެތަން ވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި މަޝްރޫޢުގެ ތެރެއިން ފްލައިން ސްކޫލަކާއި، 12 ރިސޯޓް ތަރައްޤީވެގެން ދިއުމުން ރައްޔިތުންނަށް ވަޒީފާ ލިބި މުޅި ސަރަހައްދު ކުރިއަރާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ހަމަ އެއާއެކު މި މަޝްރޫޢު ގިނަވެގެން ދެ އަހަރު ތެރޭގައި ނިމިގެންދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މަޝްވަރާގެ އުސޫލުން ވާހަކަ ދެކެވިގެން ރިވެތި އުސޫލުން ކަންކަން ކުރެއްވުމަށް ބާރުއަޅުއްވާފައެވެ. އެގޮތުން "މި ޤައުމަށް އެންމެ ރަނގަޅު ކަންކަން ކޮށްދިނުމުގައި އަޅުގަނޑުމެން އިސްކުރާނީ ރިވެތި އުސޫލު، އެ އޮންނަ ރީތި ހަމަ އާއި އިންސާފު، އެގޮތުގެ މަތިން ކުރިއަށްދިޔައިމަ އޭގެ ހެޔޮ ނަތީޖާ ނުކުންނާނެ" ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނަށް އެންމެ މުހިންމީ ރައްޔިތުން އެދޭ ކަންކަން ކުރެވިގެން ދިއުންކަމުގައި ފާހަގަކުރައްވައި، ވަކި މީހެއްގެ ވިސްނުން ހުރި ގޮތެއް ނުބަލައި ކޮންމެ ރައްޔިތަކަށްވެސް ހަމަހަމަ އުސޫލުން ކަންތައްތައް ކޮށްދެއްވުމަށް އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި އެކަމުން ޤައުމަށް ހަމަޖެހުން ލިބިގެންދާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ސިޔާސީ ވިސްނުމެއްގައި ބޭއިންސާފުން މީހުންނާމެދު ކަންތައްތައް ކުރުން ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ ބާރުއެޅުއްވިއެވެ. އަދި މި ސަރުކާރު އައީ ޤައުމަށް ހަމަޖެހުން ގެންނަންކަމުގައި ވިދާޅުވެ، އެންމެން އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމަށާއި، ސަރުކާރުން ކުރާ މަސައްކަތްތަކަށް ރައްޔިތުން އެއްބާރުލުން ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިޤްތިޞާދު ތަރައްޤީކުރުމަށް މި ސަރުކާރުން ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތައްވެސް ރައްޔިތުންނާ ޙިއްޞާކުރައްވާފައެވެ. އެގޮތުން ނިމިދިޔަ ސަރުކާރުން 800 މިލިއަން ރުފިޔާ ޗާޕުކުރުމުންނާއި، އާމްދަނީ ލިބޭނެ ގޮތްތައް ނުހޯދައި ޚަރަދުތައް އިތުރުކުރުމުންނާއި، ޖަމާކުރެވިފައި ހުރި ޑޮލަރު މާރުކުރުމުންނާއި އަދި މިފަދަ އެތައް ސަބަބުތަކަކާ ހުރެ ދިވެހިރާއްޖޭގެ އިޤްތިޞާދު އަނދަވަޅަކަށް ވެއްޓެން މެދުވެރިވިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އެކަންކަމާ އެކުވެސް މި ސަރުކާރުން އަމިއްލަ ފައިމައްޗަށް ތެދުވުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި އެކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *