Support Us

ފަރެސްމާތޮޑާ ކައުންސިލާއި އަންހެނުންގެ ކޮމިޓީއާ ރައީސް ބައްދަލުކުރައްވައިފި

ގދ. ފަރެސްމާތޮޑާ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ފަރެސްމާތޮޑާ ކައުންސިލުގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބަނދަރުގެ ޖާގައިގެ ދަތިކަމާއި، ބޯހިޔާވަހިކަމުގެ ދަތިކަމާއި، ބިންހިއްކުމަށްފަހު އެތަނުގައި ހައުސިންގ ޔުނިޓުތައް ހެދުމުގެ މުހިންމުކަމާއި، ފުޓުބޯޅަ ދަނޑުގެ މަސައްކަތް ހުއްޓިފައި އޮތުމުގެ ކަންބޮޑުވުމާއި، އަދި ރަނގަޅު ފެންވަރަށް މަގުތައް ހަދަން ބޭނުންވާ ކަމަށާއި، ޖާގަ ބޮޑު ހުކުރު މިސްކިތެއްގެ މުހިންމުކަމާއި، ކުނި މެނޭޖުކުރުމުގައި ދިމާވާ ދަތިތަކާއި، އަދި މިނޫންވެސް ރަށުގެ އިޤުތިޞާދީ އިޖުތިމާޢީ ތަރައްޤީއަށް މުހިންމު ކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އ.ތ.މ. ކޮމިޓީން ވަނީ އެރަށަކީ ދާއިމީ ބަލިތަކަށް ބޭސްކުރާ ގިނަ ބަޔަކު ދިރިއުޅޭ ރަށެއްކަން ފާހަގަކުރައްވައި، އެ ރަށަށް ސްޕެޝަލިސްޓް ޑޮކްޓަރެއްގެ މުހިންމުކަމާއި ގިނަ ޓެސްޓުތަކެއް ހެދޭގޮތަށް ހަމަޖެހިގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ވަރަށް ގާތުން ބައްލަވައި، ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން އެކަންކަން ހައްލުކުރުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި، ދައްކަވާފައިވާ ވާހަކަފުޅުތަކުގެ ފޮތް ފަރެސްމާތޮޑާ ކައުންސިލަށް ހަދިޔާކުރައްވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *