...

Support Us

ކޮންމެ ލޯނެއްވެސް ނަގާނީ އޭގެ މަންފާ ރައްޔިތުންނަށް ކުރާނެ ގޮތަށް: ރައީސް

މި ސަރުކާރުން ނަގާ ކޮންމެ ލޯނެއްވެސް ނަގާނީ އޭގެ މަންފާ ދިވެހި ރައްޔިތުންނަށް ކުރާނެ ގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އައްޑޫ ސިޓީގެ މަރަދޫ އަދި މަރަދޫފޭދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު އިރުޝާދިއްޔާ ސްކޫލްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އިޤުތިޞާދު އޮތީ ފުން އަނދަވަޅަކަށް ވެއްޓިފައިކަން ފާހަގަކުރައްވައި، މި ސަރުކާރަށް ކުރީ ސަރުކާރުން ޖުމްލަ 120 ބިލިޔަން ރުފިޔާގެ ދަރަނި ވާރުތަވެފައި އޮތްކަމަށާއި އެއީ މިއިން ޒަމާނަކު ރާއްޖޭގެ އިޤުތިޞާދު ނުވެއްޓޭ މިންވަރެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މީގެ ކުރިން ލޯނުތައް ނަގާފައި ވަނީ ރައްޔިތުންނަށް އޭގެ އެންމެ ފައިދާވާ ގޮތަށް ނޫންކަންވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އޭގެ ބަދަލުގައި ލޯނެއް ނަގައިގެން ކުރިއަށްގެންދާ މަޝްރޫޢެއްވިޔަސް މިސަރުކާރުން ކުރިއަށްގެންދާނީ ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކަށް އެ މަޝްރޫޢަކުން އާރޯކަން އަންނާނެ ގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެ ނަގާ ލޯނެއްވެސް ނަގާނީ ދިގު މުއްދަތަކަށް ބަހާލައިގެން ވީހާވެސް ލުއިގޮތަކަށް އަދި ރާއްޖޭގެ އިޤުތިޞާދަށް ކަތާ މިންވަރަކަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ މި ދައުރުގެ ތެރޭގައި އައްޑޫސިޓީގެ އެއާޕޯޓުގެ މަސައްކަތާއި، އައްޑޫ ސިޓީގައި ޓޫރިޒަމް ފުޅާކުރުމުގެ މަސައްކަތްތަކާއި، އަދި ސީޕްލޭން ހަބަކާއެކު އައްޑޫސިޓީގެ ބްރިޖުގެ މަސައްކަތް ހިމެނޭހެން ހުރިހާ މަސައްކަތެއް އެކުއެކީގައި ރައްޔިތުން އެދޭގޮތަށް ކުރައްވައި ފުރިހަމަ ކޮށްދެއްވާނެ ކަމުގައެވެ.

އައްޑޫސިޓީ އާއި ފުވައްމުލައް ސިޓީ އަދި ގއ އާއި ގދ ގެ ބައެއް ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް